މެލޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، ރައީސް ވަނީ މެލޭޝިއާގެ ސަރުކާރަށާއި އަހުވަންތަ ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައި ކަމަށެވެ.
ރަސްގެފާނު ސުލްތާން އިބްރާހީމަށް ފޮނުއްވި ސިޓީފުޅުގައި، ފާއިތުވި 50 އަހަރުގެ ތެރޭގައި ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް އެކުވެރިކަމާއި އަދަބުއިހްތިރާމާއި އެއްބާރުލުމުގެ ވަރުގަދަ ބިންގަލުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ އަދި ގާތް ގުޅުން ރައީސް ފާހަގަކުރެއްވިއެވެ. ދެގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، މި ގާތް އެކުވެރި ގުޅުން އިތުރަށް ބަދަހިކުރައްވައި، ދެގައުމުގެ ދެމެދުގައިވާ އެއްބާރުލުން އިތުރުކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.
ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުއްވި ސިޓީފުޅުގައި، ދެގައުމުގެ އިސްވެރިންގެ މެދުގައި ބޭއްވޭ މަތީ ފަންތީގެ ބައްދަލުވުންތަކާއި ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ބަދަހި ގުޅުމުގެ ސަބަބުން، ދެގައުމުގެ ދެމެދުގައި އޮތް އަހުވަންތަ ގުޅުން އިތުރަށް ހަރުދަނާވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން އިގްތިސާދީ ކުރިއެރުމަށާއި މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެން ގޮސްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ޑރ. މުއިއްޒުގެ ސިޓީފުޅުގައި، މި އެކުވެރި ގުޅުން އިތުރަށް ބަދަހިވެ، އޭގެ ސަބަބުން ދެގައުމުގެ އިގްތިސާދީ ގުޅުންތައް ފުޅާވެ، ދެގައުމުގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ފާޅުކުރެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.
ސިޓީފުޅުތައް ނިންމަވައިލައްވަމުން، ރައީސް ވަނީ މެލޭޝިއާގެ ވެރިންނަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، މެލޭޝިއާގެ ރައްޔިތުންނަށް ދެމެހެއްޓެނެވި ސުލްހަމަސަލަސްކަމާއި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
މި ޝުއޫރުތައް ތަކުރާރުކުރައްވައި، ރައީސް ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައިވެސް ޕޯސްޓެއް ހިއްސާކުރައްވާފައެވެ.
ފާތިމަތު ލިއުޝާ
މެލޭޝިޔާ
މެލޭޝިޔާ
މެލޭޝިޔާ
މެލޭޝިޔާ
ކޮމެންޓް