އަމީނީމަގުގެ މަރާމާތުކުރާ ސަރަހައްދުގައި ސެގްމަންޓް އެކެއްގެ ސަބްގްރޭޑް މަރާމާތުގެ މަސައްކަތް ނިންމާ، އެ ސަރަހައްދުގައި ތާރު އެޅުމުގެ ކުރިން އަޅާ އޭބީސީ ލޭޔާ އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

އަމީނީ މަގުގެ މާފަންނާވީ ސަރަހައްދު ހަލާކުވެ ސެގްމަންޓް އެކެއްގެ ގޮތުގައި މިވަގުތު މަރާމާތު ކުރަމުންދަނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަތުމަވަންތަ ހޮސްޕިޓަލްގެ ޕާކާ ހަމައަށް އޮންނަ ސަރަޙައްދެވެ.

އަމީނީ މަގުގެ މަރާމާތު ކުރާ ސަރަހައްދުގައި، ތާރު ފަށަލައިގެ ކުރިން އަޅާ އޭބީސީ ލޭޔާގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި އެ މަސައްކަތް ދެ ދުވަހެއްގެ ތެރޭގައި ނިންމާނެކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެެއެވެ. އެއަށްފަހު ތާރު އެޅުމުގެ މަސައްކަތް ފަށައި އެ މަސައްކަތުގެ ދަށުުން، މަރާމާތުކުރާ ސަރަަހައްދުގެ އަޑީގައި އަޅާފައިވާ ޔުޓިލިޓީ ވިއުގަތައް ތަރުތީބުކުރުމުގައި ބައެއް ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

މިހާރު މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލުމަށްފަހު ދެން ކުރިއަށްގެންދަން ނިންމާފައިވަނީ އެ މަގުގެ ސެގްމަންޓް ދޭއްގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ގިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަހައްދު މަރާތުކުރުމުގެ މަސައްކަތެވެ.

30 އޮގަސްޓް 2026، މާލެ، އަމީނީމަގުގެ ސެގްމަންޓް 1 ގެ ސަބްގްރޭޑް މަރާމާތުގެ މަސައްކަތުގެ ތެރެއިން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އެ މަސައްކަތްތައް މި އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ނިންމާލުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އަމީނީ މަގުގެ މިހާރު ކުރިޔަށްގެންދާ މަރާމާތުގެ މަސައްކަތް ނިމުމުން ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރުއަޅާފައިވާ ސަރަހައްދުތަކުގައި ހަލާކުވެފައި ހުރި ތަންތަން މަރާމާތު ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

އަމީނީމަގުގެ ހަލާކުވެފައިވާ ބައިތައް މަރާމާތު ކުރުމަށްޓަކައި އެ މަގުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތްތައް އެމްޓީސީސީން ފެށީ މި މަހުގެ ތިން ވަނަ ދުވަހުއެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާކުކުރީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.

ކުރީގެ ސަރުކާރުން 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ނިންމި އަމީނީމަގުގެ 1.79 ކިލޯމީޓަރުގެ މި ސަރަހައްދު މިހާރު ވަނީ ބައެއް ހިސާބުތަކުން ތާރުގަނޑު އުފުލި، މަގު ވަރަށް ބޮޑަށް ހަލާކުވެފައެވެ. ހާއްސަކޮށް މަގުގެ ހުޅަނގު ފަރާތުގެ ހާލަތު ގޯސްވެފައިވާ އިރު، ފަންނީ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި މިފަދައިން މަގު ހަލާކުވެފައި ވަނީ ތާރު އެޅުމަށްފަހު އެކަށީގެންވާ ވަރަށް ނުހިކެނީސް، ބަރު އުޅަނދުތައް ދުއްވުމުންނެވެ.

30 އޮގަސްޓް 2026، މާލެ، އަމީނީމަގުގެ ސެގްމަންޓް 1 ގެ ސަބްގްރޭޑް މަރާމާތުގެ މަސައްކަތުގެ ތެރެއިން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އެ މަޝްރޫއުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވެއެވެ. އެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް މިމަހުގެ ދެވަނަ ދުވަހުގެރޭ 12:00 އިން ފެށިގެން ވަނީ ބަންދުކޮށްފައެވެ.

އެ ބަދަލާއެކު ސެގްމަންޓް-1ގެ މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރު، އައިޖީއެމްއެޗް، އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ބަސް ހުއްޓިތަކަށް މި ރޫޓުގެ ބަސްތައް މަޑު ނުކުރާނެއެވެ. އަދި އަމީނީމަގު ސެގްމަންޓް-1ގެ މަސައްކަތް ނިމެންދެން ރޫޓް-11ގެ ބަހުގެ ހިދުމަތް ވަގުތީގޮތުން މެދުކެނޑޭނެ ކަމަށާއި ރޫޓް-1، ރޫޓް-3، ރޫޓް-7 އަދި ރޫޓް-15ގެ އެންމެ ފަހުގެ މަންޒިލެއްގެ ގޮތުގައި މާލޭގައި ކަނޑައަޅާފައިވަނީ މާފަންނު ބަސް ޓާމިނަލް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.