ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން ވަނީ އިލްމީ ދިރާސާތަކާއި ފިކުރީ ކުރިއެރުމުގެ އާ ދަހަރެއް ފަށައިފައެވެ. ކުޑަ ކޮންފަރެންސެއްގެ ގޮތުގައި ފެށުނު އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) މިއަދު ވަނީ، މަހައްލީ އަދި ބައިނަލްއަގުވާމީ ދިރާސީ ގާބިލުކަން އެކި ދާއިރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދައްކުވައިދޭ ބޮޑު އެކަޑެމިކް އެއްވުމަކަށް ބަދަލުވެފައެވެ.
މި ކޮންފަރެންސަކީ 2016 ވަނަ އަހަރު "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް އަވޭކެނިން" ގެ ނަމުގައި އުފެދި، 2019 ވަނަ އަހަރު މިހާރުގެ ނަމަށް ބަދަލުކުރެވިފައިވާ ހަރަކާތެކެވެ. މިއީ ގައުމީ ގާބިލުކަން ބިނާކުރުމަށާއި، ގިނަ ބަސްބަހުން އިލްމީ ކަރުދާސްތައް ހުށަހެޅުމަށް މަގުފަހިކޮށްދޭ އިލްމީ މުހިންމު ފޯރަމެކެވެ.
މިއަހަރުގެ އައިސީއައިއޭ އިންތިޒާމުކޮށްފައިވަނީ އިލްމީ އަދި ސަގާފީ ގޮތުން ގިނަ ޕްރޮގްރާމްތަކަކާއެކުގައެވެ. ކޮންފަރެންސްގެ މައިގަނޑު ހަރަކާތްތައް މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް، ހެނދުނު 8:30 އިން ހަވީރު 17:00 އަށް، އައިޔޫއެމްގެ 10 ޕެރެލަލް ރޫމްގައި ކުރިއަށްދާ ގޮތަށް ވަނީ ތަރުތީބުކޮށްފައެވެ. މި ހަރަކާތުގައި ބައިނަލްއަގުވާމީ ފެންވަރުގެ ހާއްސަ ކީނޯޓް މުގައްރިރުންތަކެއް ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާގެ ރައީސް ޑރ. ސާލިހް ބިން އަލީ އަލް-އަގްލާއާއި، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާގެ ކުރީގެ ރެކްޓާ އެމެރިޓަސް ޕްރޮފެސަރު (ތަން ޝްރީ) ޒުލްކިފްލީ އަބްދުލް ރަޒާކްގެ އިތުރުން، މިސްރުގެ ޝައިހު އަލް އަޒްހަރުގެ އެޑްވައިޒަރު ޕްރޮފެސަރު ޑރ. ނަހްލާ ސަބްރީ ގުތުބު އަލް-ސައީދީ ހިމެނެއެވެ.
މީގެ އިތުރުން، ހާއްސަ ދެ ޕެނަލް މަޝްވަރާއެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފައެވެ. އިނގިރޭސި ބަހުން ކުރިއަށްގެންދާ ޕެނަލްގައި ރާއްޖޭގެ ދެ ޔުނިވާސިޓީއަކާއި ބޭރުގެ ތިން ޔުނިވާސިޓީއަކުން ބައިވެރިވެ، މަތީ ތައުލީމުގެ ގުޅުންތައް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. ދިވެހި ބަހުން ކުރިއަށްގެންދާ ޕެނަލް ހާއްސަކޮށްފައިވަނީ އެކަޑެމިކް ދާއިރާގައި މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުކުރުމާއި މަސައްކަތުގެ އަހްލާގު ވަރުގަދަކުރުމުގެ މައްޗަށެވެ.
ކޮންފަރެންސްގެ ކުރިން މިއަހަރުގެ އެޕްރީލް މަހުން މެއި މަހުގެ ނިޔަލަށް 8 ޕްރީ-ކޮންފަރެންސް ވޯކްޝޮޕް ބާއްވާފައިވާ އިރު، ކޮންފަރެންސްގެ އެއް ދުވަސް ތެރޭގައި އިތުރު 10 ވޯކްޝޮޕް ވަނީ ބާއްވައިފައެވެ. ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ރަސްމީ ގާލާ ނައިޓަކާއި، ބައިނަލްއަގުވާމީ އިލްމުވެރިންނަށް ހާއްސަކޮށްގެން މިއުޒިއަމަށް ޒިޔާރަތްކުރުމާއި ކައިރި ރަށަކަށް ދަތުރުކުރުން ވެސް ހިމަނާފައިވެއެވެ.
މިއަހަރުގެ ކޮންފަރެންސުން ވަނީ އިދާރީ އަދި އެކަޑެމިކް ގޮތުން ފާހަގަކޮށްލެވޭ ގިނަ ރެކޯޑުތަކެއް ގާއިމުކޮށްފައެވެ. ބައިވެރިންނަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން 50 ފަރާތަކަށް ހިލޭ ރަޖިސްޓްރޭޝަން ދީފައިވާ އިރު، ފުލްކަރުދާސް ހުށަހެޅި ބައިނަލްއަގުވާމީ 20 އިލްމުވެރިޔަކަށް ތިން ދުވަހުގެ އެކޮމޮޑޭޝަން ވަނީ ފޯރުކޮށްދީފައެވެ.
މިއަހަރުގެ ރެކޯޑުތައް
- ޖުމްލަ ރަޖިސްޓްރޭޝަން: 526 (344 ހާޒިރުވެގެން، 182 އޮންލައިންކޮށް)
- ބައިވެރިންގެ ނިސްބަތް: 473 މަހައްލީ، 53 ބައިނަލްއަގުވާމީ (18 ގައުމަކުން)
- ކަރުދާސް ހުށަހެޅުން: 167 (85 މަހައްލީ 83 ބައިނަލްއަގުވާމީ)
- އެބްސްޓްރެކްޓް ގަބޫލުކުރެވުނު: 139 ބަލައިގަނެވުނު
- ފުލް ކަރުދާސް ހުށަހެޅުނު: 67 ކަރުދާސް ބަލައިގަނެވި އަދި 15 ކަރުދާސް ބަލައިނުގަނެވޭ
- ފައިނަލް ޕްރެޒެންޓަރުން: 119 ކަރުދާސް ހުށަހެޅުން
- ޕޯސްޓަރު: 11 ހުށަހެޅުންތެރިން
- ތަފާތު ބަސްތަކުގެ ހުށަހެޅުނު ކަރުދާހުގެ ނިސްބަތް: 147 އިނގިރޭސި، 12 އަރަބި، 8 ދިވެހި
- ކޮންފަރެންސް އިއުލާންކުރުމަށްފަހު ކަރުދާސް ހުށަހެޅުމަށް އެހީތެރިވެދިނުމަށް ބޭއްވުނު 8 ވޯކްޝޮޕްގެ ބައިވެރިވުން: 277 ކޮންފަރެންސްގެ ކުރިން
- ކޮންފަރެންސްގެ އެއް ދުވަސްކުރިން ބޭއްވުނު 10 ވޯކްޝޮޕްގެ ބައިވެރިވުން: 400 އަށްވުރެ ގިނަ ބައިވެރިން
- ޖުމްލަ އިވެންޓް މެޓްރިކް: 1199 އަށްވުރެ ގިނަ ބައިވެރިން
އައިސީއައިއޭގެ ކުރިއަށް އޮތް ދުވަސްތަކަށް ބަލާ އިރު، މި މަންސަ އިތުރަށް ފުޅާކުރުމަށްޓަކައި މުހިންމު ބަދަލުތަކެއް ގެނައުމަށް ވަނީ ރާވައިފައެވެ. ދުނިޔޭގެ އެކި ޔުނިވާސިޓީތަކާއި ދިރާސީ މަރުކަޒުތަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި އިލްމީ ބައިވެރިވުން އިތުރަށް ފުޅާކުރުމާއި، ހަމައެކަނި ކަރުދާސް ހުށަހެޅުމުގެ ބަދަލުގައި ސެމިނާ، ވެބިނާ، އިންޓަރެކްޓިވް ރައުންޑްޓޭބަލް އަދި ތަފާތު ބަސްބަހުން ކުރިއަށްދާ ޕްލެނަރީ ސެޝަންތައް އިތުރުކުރުމަށް ވަނީ އަމާޒު ހިފައިފައެވެ. މީގެ އިތުރުން އިނގިރޭސި ބަހުގެ އިތުރުން ދިވެހި އަދި އަރަބި ބަހުން ހުށަހެޅޭ ދިރާސާތައް އިތުރުކުރުމަށް ހާއްސަ އިސްނެގުންތަކެއް ނެގުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކުރިއަށް އޮތް އަހަރަށް އިންތިޒާމުކުރެވޭ އެންމެ މުހިންމު އެއް ކަމަކީ ކަރުދާސްތައް ހުށަހަޅަމުން އަންނަ އިރު، އިނގިރޭސި، އަރަބި އަދި ދިވެހިބަހުން ވަގުތުން ތަރުޖަމާ އިވޭގޮތް ހެދޭ ނިޒާމެއް ގާއިމުކުރުމެވެ. އަދި އަރަބި ބަހުގެ އައު ޖާނަލެއް ތައާރަފުކުރުމާއި، ބައިނަލްއަގުވާމީ މަންސަތަކުގައި އައިސީއައިއޭ އިންޑެކްސްކޮށް ރަޖިސްޓާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ
ކޮމެންޓް