ފަތުރުވެރިކަމުގެ ސިނާއަތުން ލިބުނު އާމްދަނީއާއި ވިޔަފާރިތަކުގެ ޓެކުހާއެކު، މިއަހަރުގެ މިހާތަނަށް ދައުލަތުގެ މާލީ ހާލަތަށް ބޮޑު ކުރިއެރުމެއް އަތުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ފާއިތުވެދިޔަ ހަފުތާގެ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި، މިމަހުގެ 20 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.61 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 25 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެކެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ) އިން ލިބުނު އާމްދަނީއެވެ.

ދައުލަތުގެ އާމްދަނީގެ މައިގަނޑު ތަނބުގެ ގޮތުގައި ޓީޖީއެސްޓީ ދެމިއޮތް އިރު، މިމަހުގެ 20 ގެ ނިޔަލަށް އެ ދާއިރާއިން އެކަނިވެސް 7.39 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 512.1 މިލިއަން ރުފިޔާ ނުވަތަ 7.4 އިންސައްތަ އިތުރު އަދަދެކެވެ.

މީގެ އިތުރުން، ވިޔަފާރިއާއި މުދަލުން ނަގާ ޓެކުހުގެ އާމްދަނީ ވެސް ވަނީ ބޮޑުތަނުން ކުރިއަރައިފައެވެ. މިދިޔަ އަހަރު ލިބުނު 4.60 ބިލިއަން ރުފިޔާގެ ބަދަލުގައި މިއަހަރު 5.55 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ 944.3 މިލިއަން ރުފިޔާ ނުވަތަ 20.5 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރޭގައި ކޯޕަރޭޓް އިންކަމް ޓެކްސް 7.1 އިންސައްތަ އިތުރުވެ 2.86 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގް ޓެކްސް ވަނީ 10.2 އިންސައްތަ އިތުރުވެ 924.5 މިލިއަން ރުފިޔާއަށް އަރައިފައެވެ. އަދި ވިޔަފާރިއާއި މުދަލުގެ އެހެނިހެން ޓެކުހުން ލިބުނު އާމްދަނީ 87.9 އިންސައްތަ އިތުރުވެ 1.39 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ.

ޖުމްލަ ޓެކްސް އާމްދަނީ 21.48 ބިލިއަން ރުފިޔާގައި ހުރި އިރު، މިއީ 12.1 އިންސައްތައިގެ ކުރިއެރުމެކެވެ. އެހެނިހެން ޓެކްސްތަކަށް ބަލާއިރު، އިމްޕޯޓް ޑިއުޓީ 16.6 އިންސައްތަ އިތުރުވެ 2.19 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އާންމު ޖީއެސްޓީ 10.8 އިންސައްތަ އިތުރުވެ 3.53 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ގްރީން ޓެކްސް 6.2 އިންސައްތަ އިތުރުވެ 1.40 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސް 13.4 އިންސައްތަ އިތުރުވެ 1.24 ބިލިއަން ރުފިޔާއަށް، އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ 15.2 އިންސައްތަ އިތުރުވެ 1.27 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ.

މުދަލުން ލިބުނު އާމްދަނީ 31.9 އިންސައްތަ އިތުރުވެ 1.68 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، އެންމެ ފާހަގަކޮށްލެވޭ އެއް ކުރިއެރުމަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ދެގުނައަށް ވުރެ އިތުރުވުމެވެ. އެގޮތުން، 105.7 އިންސައްތައިގެ ކުރިއެރުމަކާއެކު ހިލޭ އެހީގެ ގޮތުގައި 455.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ހަރަދުތައް ވެސް ވަނީ އެއާ އެއްވަރަށް މައްޗަށް ގޮސްފައެވެ. ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދުގެ ޖުމްލަ 28.74 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 24.09 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 19.3 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 25.00 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މިއީ 20.8 އިންސައްތައިގެ އިތުރުވުމެކެވެ.

ފާއިތުވެދިޔަ ހަފުތާގައި ރިކަރަންޓް ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައިވަނީ ކައުންސިލްތަކަށް ދޭ ގްރާންޓެވެ. ކައުންސިލް ގްރާންޓްގެ ގޮތުގައި ޖުމްލަ 1.66 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މިއީ 227.2 މިލިއަން ރުފިޔާ ނުވަތަ 15.8 އިންސައްތައިގެ އިތުރުވުމެކެވެ. މުސާރައާއި އިނާޔަތްތަކަށް 9.39 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، އިދާރީ އަދި ހިންގުމުގެ ހަރަދުތައް 27 އިންސައްތަ އިތުރުވެ 15.54 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. މީގެ ތެރޭގައި ސަބްސިޑީއަށް ކުރި ހަރަދު 76.3 އިންސައްތަ އިތުރުވެ 3.54 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، އާސަންދައަށް ކުރި ހަރަދު ވަނީ 13.5 އިންސައްތަ އިތުރުވެ 1.43 ބިލިއަން ރުފިޔާއަށް އަރައިފައެވެ.

ކެޕިޓަލް ހަރަދުގެ ގޮތުގައި 3.75 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މިއީ މިދިޔަ އަހަރާ އަޅައި ބަލާއިރު 10.2 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރެއިން އިންފްރާސްޓްރަކްޗާ ވަސީލަތްތަކަށް 3.26 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ބިމާއި އިމާރާތްތަކަށް ކުރި ހަރަދު 47.1 އިންސައްތަ އިތުރުވެ 1.20 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، ފާލަންތަކާއި ބަނދަރު ހެދުމަށް ކުރި ހަރަދު ވަނީ 63.9 އިންސައްތަ އިތުރުވެ 284.5 މިލިއަން ރުފިޔާއަށް އަރައިފައެވެ. ނަމަވެސް، މަގުތަކާއި ބްރިޖް އަދި އެއާޕޯޓްތަކަށް ކުރި ހޭދަ ވަނީ 32.1 އިންސައްތަ ދަށްވެ، 961.3 މިލިއަން ރުފިޔާއަށް މަދުވެފައެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މައިގަނޑު ޓެކްސްތަކުން ލިބޭ އާމްދަނީ އިތުރުވަމުންދިޔަ ނަމަވެސް، ކައުންސިލް ގްރާންޓްތަކާއި އާންމު ހިދުމަތްތަކަށާއި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ދައުލަތުން ކުރާ ހޭދަ ވެސް ދަނީ އެއާ އެއްވަރަށް މައްޗަށް ޖެހެމުންނެވެ.