ގައުމީ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށްޓަކައި އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް އިން، ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި އިންޖީނިއަރިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެސްޓީއޯ އިން މިއަދު ބުނީ އެ ހަރަކާތް ކުރިއަށްގެންދިޔައީ އެ ކުންފުނީގެ ޓްރެއިނިންގެ އިންސްޓިޓިއުޓްގައެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް އިންޖިނިއަރިންގެ ދަރިވަރުންނާއެކު ކުރިއަށްގެންދިޔަ އެ އިވެންޓު ޝަރަފުވެރިކޮށްދެއްވީ، އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަހްމޫދު ޝައުގީއެވެ. ޗާންސެލަރުގެ އިތުރުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމާއި އެސްޓީއޯ އަދި އެމްއެންޔޫގެ އިސްވެރިން އިވެންޓުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

30 އޮގަސްޓް 2026: އިންޖިނިއަރިންގެ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް އެސްޓީއޯއިން އެމްއެންޔޫގައި ކުރިއަށްގެންދިޔަ ހާއްސަ ހަރަކާތް --- ފޮޓޯ/ އެސްޓީއޯ

އެ އިވެންޓުގައި، އެސްޓީއޯ ކޮންސްޓްރަކްސް ސޮލިއުޝަންސުން، ރާއްޖޭގެ ކޮންސްޓްރަކްޝަންސް ދާއިރާގައި ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭގޮތުން، ބައިވެރިންނަށް ކުރުގޮތަކަށް މައުލޫމާތު ފޯރުކޮށްދިން ކަމަށް އެސްޓީއޯއިން ބުންޏެވެ. އިވެންޓަށްފަހު، ބައިވެރިވި ދަރިވަރުންނާއެކު އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންގެ ރެޑީމިކްސް ކޮންކްރީޓް އުފައްދާ ސައިޓަށް ޒިޔާރަތްކޮށް އަދި އެތަނުގެ ކޮންކްރީޓް ލެބްގައި ކުރެވޭ މަސައްކަތްތައް، ބައިވެރިންނަށް ދައްކާލި ކަމަށް އެސްޓިއޯއިން ބުނެއެވެ.

އޭގެ އިތުރުން، މަކިޓާ ޝޯރޫމްއަށާއި ނިޕޯން ޕެއިންޓްގެ ކަލާ މިކްސިންގެ ޓެކްނޮލޮޖީގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށްވެސް ބައިވެރިން ވަނީ ޒިޔާރަތްކޮށް، އަދި އިންޖިނިއަރިންގެ ޓެކްނިކަލް އެންމެ ބޮޑު އެއް މަސައްކަތް ކަމަށްވާ އެލަވޭޓާ/ ލިފްޓް އިންސްޓޮލޭޝަން މަސައްކަތްކުރާ ސައިޓަކަށް ޒިޔާރަތްކޮށް އަމަލީގޮތުން އެ މަސައްކަތް ކުރާގޮތް ދަރުވަރުންނަށް ދައްކާލި ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.