2018 ވަނަ އަހަރުގެ އޮގަސްޓް 30 ވަނަ ދުވަހު ހުޅުވި ސިނަމާލެ ބުރިޖަކީ އިންޖިނިއަރުންގެ ނުގުޑާ އަޒުމާއި ގާބިލުކަމުގެ ހެއްކެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ސިނަމާލޭ ބުރިޖު މަޝްރޫއަށް 8 އަހަރު ފުރޭ މުނާސަބާއާ ގުޅިގެން ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި މުއްތަލިބް ވިދާޅުވީ މީގެ 8 އަހަރު ކުރިން ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ހުޅުވިގެންދިޔަ މަޝްރޫއަކީ، އެ މަސައްކަތް ކުރެއްވި އިންޖިނިއަރުންގެ ނުގުޑާ އަޒުމާއި ޕްރޮފެޝަނަލިޒަމްގެ ހެއްކެއްކަމަށެވެ.

މުއްތަބިލް ވިދާޅުވީ ފީސިބިލިޓީ ސްޓަޑީސްތަކާއި، ސާވޭތަކާއި، ޑިޒައިން ރިވިއުތަކާއި، ކޮންސްޓްރަކްޝަންގެ ތެރެއިން އެ ޕްރޮޖެކްޓްގައި ބައިވެރިވުމުގެ ނަސީބު ލިބިވަޑައިގެންނެވިކަމަށެވެ.

"އެކަން ނުކުރެވޭނެ ކަމަށް ބުނާ މީހުންގެ ޝައްކުތަކާއި ފުރައްސާރަތައް އަޅުގަނޑު ހަނދާން އެބަހުރި. އެކަމަކު އަޅުގަނޑުމެން އެ ބިނާ ބިނާކުރީ ޝެޑިއުލަށް ވުރެ ކުރިން. އެއީ އެކަން ކޮށްދިން އިންޖިނިއަރުންގެ އިހުލާސްތެރިކަމާއި ޕްރޮފެޝަނަލިޒަމްގެ ހަގީގީ ހެއްކެއް. "އިމްޕޮސިބަލް" އާއި "ޑަން" ގެ ތަފާތަކީ އިންޖިނިއަރިން." މުއްތަލިބް ވިދާޅުވިއެވެ.

މިދުވަހުގެ އަމާޒަކީ ހަމައެކަނި އެންމެ ބިނާއެއް ފާހަގަކުރުން ނޫންކަމަށާއި ރާއްޖޭގެ މުސްތަގުބަލު އެ ދާއިރާއަކަށް ބިނާވެފައިވާ މުޅި އިންޖިނިއަރިންގެ ދާއިރާ އެއްކޮށް ފާހަގަކުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ މުނާސަބަތާ ގުޅިގެން ޑރ. މުއްތަލިބު ވަނީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ އިންޖިނިއަރުންނަށް ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައިފައެވެ.

ރާއްޖޭގައި އިންޖިނިއަރުންގެ ދުވަހުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ ސިނަމާލޭ ބުރިޖު ހުޅުވި އޮގަސްޓްމަހުގެ 30 ވަނަ ދުވަހެވެ. ސިނަމާލޭ ބުރިޖަކީ ރާއްޖޭގައި ތަރައްގީގެ ދާއިރާއިން ކޮށް ނިންމާފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެވެ.