ނިމެމުންމިދާ އޮގަސްޓް މަހުގެ އަށާވީސްވީ ހުކުރު ދުވަހަކީ އެމެރިކާއިން އީރާނަށް އިސްވެ ހަމަލަދީ ހަގުރާމަ ފެށިތާ ހަމަސް ފުރުނު ދުވަހެވެ. ހަގުރާމަ ފެށުނީ މިއަހަރުގެ ފެބްރުއަރީ އަށާވީހުގައެވެ. އީރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީ އާއި ސިފައިންނާއި ސަރުކާރުގެ އެކިއެކި އިދާރާތަކުގެ ވެރިންގެ ތެރެއިން ވަރަށް ގިނަ ބަޔަކުވެސް އެދުވަހު އެމެރިކާއިން ޝަހީދުކޮށްލިއެވެ. އީރާނުގެ ހުޅަނގު ދެކުނުގެ ސަހަރެއް ކަމުގައިވާ މިނާބުގެ އަންހެން ކުދިންގެ މަދަރުސާއަކަށް ހަމަލަދީ އެތައް ސަތޭކަ ކުދިން ޝަހީދުކޮށްލީވެސް އެދުވަހުއެވެ. މިމަގުން، މިބީދައިން ހަގުރާމަ ފެށުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދުނިޔެއަށް އިއުލާނު ކުރިއެވެ. ގައުމުތަކުން ކަންބޮޑުވާނޭ ކަމެއް ނެތެވެ. މި ހަގުރާމަ ދެމިއޮންނާނީ ގިނަވެގެން ފަސް ހަފުތާއަށެވެ. އީރާނުގެ ކަންތައް ހަތަރު ހަފުތާޔާއި ފަސް ހަފުތާޔާ ދޭތެރޭގައި މުޅިން ނިންމައިލާނަމެވެ. ޓްރަމްޕު ބުނި މުއްދަތު ފަހަނަޅައިގޮސް ހަގުރާމަޔަށް ހަމަސް ފުރުނުއިރު މި ހަގުރާމަ އިތުރު މައިދާންތަކަށްވެސް ވަނީ ފެތުރިގެންގޮސްފައެވެ.

ގަލްފާއި ހޮރުމުޒް އެކަންޏެއް ނޫނެވެ. ކެސްޕިއަން ކަނޑަށްވެސް ކަނިތައް ބުރައިގެން ހިގައްޖެއެވެ. ހޮރުމުޒް ކަނޑުއޮޅި ބަންދުވެ ދުނިޔެ ތެލަށްޖެހި ދުނިޔޭގެ އިގްތިސާދަށް ލޮޅުން އަރައިފިއެވެ. މި ހަގުރާމައިގައި އަށްހާހާއި ދިހަހާހާއި ދެމެދުގެ އަދަދަކަށް މީހުން މަރުވެއްޖެއެވެ. އިތުރު އެތައްހާސް ބަޔަކު ޒަޚަމް ވެއްޖެއެވެ. ހަގުރާމަ އޮތީ ކުރިއަށެވެ. ދޭތެރެޔަކުން ހިމޭންކަން އޮވެފައި އަނެއްކާވެސް ބަޑިތައް ތަޅައިގަނެއެވެ. މިސައިލާއި ޑްރޯނުގެ ވާރޭ ވެއްސަން ފަށައެވެ.

އެމެރިކާއިން އިސްވެ ހަގުރާމަ ފެށީ ވަކި މިވެނި އެވެނި އަމާޒުތަކެއް ހާސިލުކުރުމަށޭ އެންމެ ފުރަތަމަ ދުވަހަކު ނުބުނެއެވެ. އެދުވަހު ބުނި ވާހަކަޔަކީ މިއީ އީރާނުގެ ފަރާތުން ނުރައްކަލެއް އައުމުގެ ކުރިން އެ ނުރައްކާ ނައްތައިލުމުގެ ގޮތުން ފެށި ހަގުރާމައެއް ކަމުގައެވެ. އަމާޒުތަކެއްގެ ވާހަކަ ބަޔާންކުރަން ފެށީ އެއަށްވުރެ ތަންކޮޅެއް ފަހުންނެވެ. އެކަންކަން ބަޔާންކުރުމުގެ ގޮތުން އެމެރިކާގެ އެކި ވެރިން ދެއްކީ އެކި ވާހަކަތަކެވެ.

ބައެއް މީހުން ދެއްކި ވާހަކަތަކުގައި ފުށުއެރުންތައްވެސް ގިނައެވެ. އޭގެތެރެއިން އެއްވާހަކައަކީ އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމުގެ ވާހަކައެވެ. ނިއުކުލިއަރ ބޮން އުފައްދަން އުޅޭ ވާހަކައެވެ. ހުސްވި އަހަރުގެ ޖޫންމަހުގެ ތެރޭގައި އިޒްރޭލާ ގުޅިގެން ބާރަ ދުވަހުގެ މުއްދަތަށް އީރާނަށް ބޮންއަޅައި ހަމަލަތަކެއް ދިނުމަށްފަހު ރައީސް ޓްރަމްޕު އިއުލާނު ކުރިއެވެ. އެންމެންވެސް އުފާކުރާށެވެ. އީރާނުގެ ނިއުކުލިއަރ މަރުކަޒުތައް މުޅިން ސުންނާފަތިކޮށްލައިފީމެވެ. އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމުވެސް މުޅިން ނައްތާލައިފީމެވެ. ނިއުކުލިއަރ ބިރު ފިލައިފިއެވެ. އެކަމަކު އޭގެ ހަތްމަސް ފަހުން މިއަހަރުގެ ފެބްރުއަރީ މަހު ޓްރަމްޕު ދެއްކީ މުޅިން އެހެން ވާހަކައެކެވެ. ބުންޏެވެ. އަނެއްކާވެސް ހަމަލަދޭން މަޖުބޫރުވީ ނިއުކުލިއަރ ހަތިޔާރު އުފެއްދުމާ ވަރަށް ކައިރިއަށް އީރާނު ޖެހިލުމުންނެވެ. އަޅާނުލައި އެއްވެސްކަމެއް ނުކޮށް ދޫކޮށްލައިފިނަމަ މަދު ހަފުތާތަކެއްގެ ތެރޭގައި އީރާނުން ނިއުކުލިއަރ ބޮން އުފައްދާނެއެވެ.

ހުސްވި އަހަރުގެ ޖޫންމަހު ކުރި ބާރަ ދުވަހުގެ ހަގުރާމަޔާއި މިއަހަރުގެ ފެބްރުއަރީ އަށާވީހުން ފެށިގެން މިހާތަނަށް ކުރި ހަމަސް ދުވަހުގެ ހަގުރާމައިންވެސް އެމެރިކާއަށް އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމުގައި އަތެއް ނުލެވުނެވެ. އީރާނުގައި ފައްކާކޮށްފައިހުރި ފަސްސަތޭކަ ކިލޯގެ ޔުރޭނިއަމް ނައްތައެއްވެސް ނުލެވުނެވެ. އެންމެފަހުން ޓްރަމްޕު ބުނީ ކީކޭބާވައެވެ. ބުންޏެވެ. ފައްކާކުރި ޔުރޭނިއަމް އަވަހަށް އަހަރެމެންނާ ހަވާލުކުރާށެވެ. އެހެންނޫނީ އެއްގަމު ސިފައިންގެ ލަޝްކަރެއް ފޮނުވައިގެން އީރާނުގެ ތެލުގެ ސިނާއަތުގެ އެންމެ ބޮޑު މަރުކަޒު ކަމަށްވާ ޚަރްގު ޖަޒީރާ ހިފާނަމެވެ. ޔުރޭނިއަމްކޮޅު އެމެރިކާއާ ހަވާލުކުރަން އީރާނު ހަމައެކަނި އިންކާރު ކުރީއެއް ނޫނެވެ. ޔުރޭނިއަމް ފައްކާކުރުން ހުއްޓާލަންވެސް އިންކާރު ކުރީއެވެ. ޓްރަމްޕަށް ކުރެވުނު އެއްކަމެއްވެސް ނެތެވެ. ޚަރްގު ޖަޒީރާ ކީއްކުރަން، އީރާނުގެ އެހެންތަނަކާވެސް ގާތްވާކަށެއް ނުކެރުނެވެ. އެންމެފަހުން އެވާހަކަވެސް ހުއްޓައިފިއެވެ. އެއީ ނުދައްކާ ވާހަކަޔަކަށްވެސް ހަދައިފިއެވެ.

ހަގުރާމަ ފެށުމަށްފަހު ހާސިލްކުރަން ބޭނުންވާ އަމާޒުތައް ބަޔާންކުރަމުންގޮސް އީރާނުގެ ސަރުކާރު ވައްޓާލައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީވެސް އެދުމެއް ކަމަށް ރައީސް ޓްރަމްޕު ވަނީ ބުނެފައެވެ. އެކަމެއްވެސް ނުވިއެވެ. އަލީ ޚާމަނާއީއަށްފަހު އީރާނުގެ ވެރިކަމަށް ދެން ވަޑައިގެންނެވީ އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީއެވެ. އީރާނުގެ ވެރިކަމުގެ ނިޒާމު މިހާރު ފެންނަނީ ކުރިއަށްވުރެވެސް ވަރުގަދަކޮށެވެ. ލުބުނާނުގެ ހިޒްބު ﷲ ޖަމާއަތާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ޔަމަނުގެ ހޫސީންނާއި އިރާގުގެ އެކި ޖަމާއަތްތަކަށް އީރާނުން ފޯރުކޮށްދޭ އެހީތެރިކަމާއި ކުރާ ސަޕޯޓު ހުއްޓުވުމަކީވެސް އަމާޒެއް ކަމަށް އެމެރިކާގެ ޚާރިޖީވަޒީރު މާކޯ ރޫބިއޯ ވަނީ އެތަކެއްފަހަރު ބުނެފައެވެ. އެކަމެއްވެސް ނުވިއެވެ. އީރާނުގެ ނުފޫޒުވީ އިތުރެވެ. ޝަހީދުކޮށްލެވުނު އަލީ ޚާމަނާއީގެ ޖަނާޒާގެ ކަންތަކުގައި އެކަންވަނީ ވަރަށް ފުރިހަމައަށް ތަމްސީލުވެސް ވެގެންގޮސްފައެވެ. ދެންބުނީ އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓުވުމުގެ ވާހަކައެވެ. އެކަން ނުކުރެވުނުކަން މުޅި ދުނިޔެއަށް އެބަފެނެއެވެ.

އެމެރިކާއިން ކުރިން އިއުލާނުކޮށްފައިވާ އަމާޒުތައް އެއްޗަކަށްފަހު އެއްޗެއް ފޭލްވަމުންގޮސް މިހާރު އޮރިޖިނަލް އެއްވެސް އަމާޒެއް ނެތެވެ. އެވާހަކަ ދެއްކުންވެސް ހުއްޓައިފިއެވެ. މިހާރު ޓްރަމްޕުގެ މުޅި ފޯކަސްހުރީ ހޮރުމުޒް ކަނޑުއޮޅި ހުޅުވޭތޯ މަރުފަލި ޖެހުމަށެވެ. ކަނޑުއޮޅި ހުޅުވާށޭ، ނުހުޅުވައިފިނަމަ މިވެނި އެވެނިކަމެއް ކުރާނަމޭ ބުނެ ދީފައިވާ އިންޒާރުތަކުގެ އަދަދު ގިނަގުނައެވެ. އެއިން އެއްވެސް އިންޒާރަކަށް އީރާނު ނުސިހެއެވެ. ހޮރުމުޒް ކަނޑުއޮޅި އަދިވެސް އޮތީ ބަންދުކޮށްފައެވެ. މީގައި ފާހަގަކޮށްލަންޖެހޭ ނުގުތާއަކީ ފެބްރުއަރީ އަށާވީހުގައި އެމެރިކާއިން ހަގުރާމަ ފެށިއިރު ހޮރުމުޒް ކަނޑުއޮޅި އޮތީ ބަންދުވެފައި ނޫންކަމެވެ. އޭރު ހޮރުމުޒްގެ ވާހަކަ އެއްވެސްބަޔަކު ނުދައްކާ ކަމެވެ. އެހެންވީމާ ޓްރަމްޕު ކުރިން ދެއްކި ހުރިހާ ވާހަކަތަކެއް އެކޮޅުކޮޅުންޖެހި އޭނާގެ މުޅި އަމާޒަކީ ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވުން ކަމަށް ވުމަކީ ބޮޑުތަނުން ޓްރަމްޕާއި އޭނާގެ ސަރުކާރު ފޭލްވެއްޖެކަމުގެ ހެއްކެކެވެ. ހަގުރާމަޔަށް ހަމަސް ފުރުނުއިރު ދުނިޔޭގެ އެންމެ ބާރުގަދަކަމަށް ދައުވާކުރާ އެމެރިކާއަށް ނެރެވުނު ނަތީޖާ ހަމަސުމެކެވެ.