ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 14 ތުއްތު ކުއްޖަކު މަރުވި މައްސަލައާ ގުޅިގެން، އެ ގައުމުގެ 8 އޮފިޝަލަކު ސަސްޕެންޑުކޮށްފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް މިގޮތަށް އެންގެވީ، 'ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް' (ޕިމްސް) ގައި މިދިޔަ ބުދަ ދުވަހު ހިނގި މި ހާދިސާ ތަހުގީގުކުރި ކޮމިޓީގެ ވަގުތީ ރިޕޯޓަށް ފަހުގައެވެ.
ސަސްޕެންޑުކުރި އޮފިޝަލުންގެ ތެރޭގައި ހޮސްޕިޓަލުގެ އެގްޒެކެޓިވް ޑިރެކްޓަރާއި، ދެ ޖޮއިންޓް އެގްޒެކެޓިވް ޑިރެކްޓަރުންނާއި، ނިއޯނޭޓަލް ޑިޕާޓްމަންޓުގެ އިސްވެރިޔާއާއި، ދެ ޑޮކްޓަރުންގެ އިތުރުން ސެކިއުރިޓީއާ ބެހޭ އިސް އޮފިޝަލުން ހިމެނެއެވެ. މީގެ ކުރިން، ޕާކިސްތާނުގެ ހެލްތު ސެކްރެޓަރީ ވެސް ވަނީ މި މައްސަލައާ ގުޅިގެން މަގާމުން ސަސްޕެންޑުކޮށްފައެވެ.
އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާގައި ހުރި ނާސަރީގައި އަލިފާން ރޯވީ އޭސީއެއް ގޮވުމުގެ ސަބަބުންނެވެ. އަދި އޮކްސިޖަން ގުޅާފައި ހުރުމުން އަލިފާންގަނޑު ވަރަށް އަވަހަށް ފެތުރިގެން ދިޔައެވެ. އެ ވަގުތު ވޯޑުގައި 15 ކުދިން ތިބިއިރު، ސަލާމަތްކުރެވުނީ އެންމެ ކުއްޖެކެވެ.
ތަހުގީގު ކޮމިޓީގެ ރިޕޯޓާ ހަވާލާދީ ސަރުކާރުން ބުނި ގޮތުގައި، އެ ނާސަރީގައި އަލިފާނުގެ އިންޒާރުދޭ ނިޒާމެއް އަދި ސްޕްރިންކްލާ ސިސްޓަމެއް ވެސް ނެތެވެ. މީގެ އިތުރުން، އަލިފާން ރޯވި ވަގުތު އެތަނުގައި ސުޕަވައިޒަރުން ވެސް ނެތް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މީހުން ސަލާމަތްކުރާ ޓީމުތައް އައުން ލަސްވުމުގެ އިތުރުން ވޯޑުގެ ދޮރު ވެސް ހުރީ ތަޅުލައިފައެވެ. ނަމަވެސް، ކުދިން ވަގަށް ނަގާފާނެތީ ދޮރު ކައިރީގައި މީހުން ބައިތިއްބާފައި ތިބި ކަމަށް ބުނެ، ހޮސްޕިޓަލުން ވަނީ ދޮރު ތަޅުލާފައި ހުރި ކަމަށް ކުރާ ތުހުމަތު ދޮގުކޮށްފައެވެ.
މި މައްސަލައިގައި އިހުމާލުވި ފަރާތްތަކާ ދެކޮޅަށް ޖިނާއީ ދައުވާކުރުމަށް ވެސް ބޮޑުވަޒީރު ވަނީ އަންގަވައިފައެވެ.
ޕާކިސްތާން
ޕާކިސްތާން
ޕާކިސްތާން
ޕާކިސްތާން
ކޮމެންޓް