ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވަމުން ގެންދަވަނީ ގައުމީ ލީޑަރެއްގެ ނަމޫނާ ކަމަށް ވިދާޅުވެ، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ތައުރީފުކުރައްވައިފިއެވެ.

އެމްއެމްޓީވީން މިރޭ ގެނެސްދިން ޕްރޮގްރާމެއްގައި ނައިބު ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގުތިސާދުގައި ޑޮލަރު ދައުރުނުވާ މައްސަލައަށް ނިމުމެއް ގެނައުމަށް ރައީސް ނިންމެވި ނިންމެވުމަކީ ވަރަށް ދުރުވިސްނޭ، ހަރުދަނާ ސިޔާސީ ނިންމެވުމެކެވެ. ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން އެދިވަޑައިގަތުމުގެ މަތިން ނިންމެވި މި ނިންމެވުމަކީ، ކުރީގެ ވެރިންނަށް އަމަލީ ގޮތުން ކުރައްވަން ކެރިވަޑައިނުގެންނެވި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައިވެސް ކުރީގެ ވެރިން ފަހަތަށް ޖެހިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްގެން މެނުވީ ވިޔަފާރިތައްވެސް ހިމާޔަތް ނުކުރެވޭނެކަން ފާހަގަކުރައްވައި، ނައިބު ރައީސް ވިދާޅުވީ ރައީސް އިސްކަންދެއްވަނީ ބަހާއި ސަގާފަތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ކުރީގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ނައިބު ރައީސް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ގާނޫނީ ޒިންމާވާ ގާނޫނު ސަސްޕެންޑްކޮށް، ނަތީޖާއަށް ނުބަލައި ފައިސާ ޗާޕުކުރުމުގެ ސަބަބުން ގައުމު ބަނގުރޫޓުވުމުގެ ބިރާ ކުރިމަތިލާންޖެހުނު ކަމަށެވެ. ކޮވިޑް-19 ގެ ތެރޭގައި އެކަން ނުކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކާއި ވިޔަފާރިވެރިންގެ އިތުރުން، މިހާރުގެ އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އާދޭސްކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމަށް އިޖާބަނުދީ، ދައުލަތުގެ ހޮސްޕިޓަލްތަކާއި ސްކޫލްތައް މޯގޭޖުކުރި ކަމަށް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އިޖުތިމާއީ ފޭރާން ގެއްލި، އާއިލީ ގުޅުންތައް ހީނަރުވެފައިވާކަން ފާހަގަކުރައްވައި، ރައީސް މަސައްކަތްކުރައްވަނީ ގައުމު އަލުން އާރާސްތުކޮށް އާ ޖީލެއް ބިނާކުރުމަށް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ސިޔާސީ ވާދަވެރިންނާ މެދު ޒާތީވެ، ހަސަދަވެރިވުމުގެ ބަދަލުގައި ރައީސް ދައްކަވަނީ ކެތްތެރިކަމާއި ރީތި ނަމޫނާ ކަމަށް ވިދާޅުވިއެވެ.

ރައީސްގެ މި މަސައްކަތްޕުޅުތަކާއެކު، ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަށް ގައުމުގެ ދަރަނިތައް މަޑުމަޑުން ސަލާމަތްކުރައްވަމުން ގެންދަވާ ކަމަށާއި، ތާރީހުން އެމަނިކުފާނަށް ހާއްސަ ޖާގައެއް ލިބިގެންދާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.