ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުން ވަޑައިގެންނެވީ ގައުމު ހަލާކުކޮށްލާފައި ކަމަށާއި މިހާރުގެ ސަރުކާރުން ކުރަމުންދަނީ ގައުމު އަލުން އާރާސްތުކުރުމުގެ މަސައްކަތް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީން މިރޭ ގެނެސްދިން ޕްރޮގްރާމެއްގައި ނައިބު ރައީސް ވިދާޅުވި ގޮތުގައި، ރައްޔިތުންނާއި ވިޔަފާރިތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގައުމީ ފެންވަރުގައި މުހިންމު ނިންމެވުންތަކެއް ނިންމަވައިފައެވެ. އޭގެ ތެރޭގައި ޑޮލަރު ނުލިބުމާއި ގައުމުގެ އިގުތިސާދުގައި ޑޮލަރު ދައުރުނުވާ މައްސަލައަށް ނިމުމެއް ގެނައުމަށްޓަކައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ އެދުމުގެ މަތިން ނިންމެވި ނިންމެވުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއީ މަސްތުވާތަކެތީގެ މައްސަލަތަކެކޭ އެއްފަދައިން ކުރީގެ ވެރިންނަށް އަމަލީގޮތުން ފިޔަވަޅު އަޅަން ކެރިވަޑައިނުގެންނެވި، ނަމަވެސް ދިވެހި ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފައިދާވާނެ ދުރުވިސްނޭ ސިޔާސީ ނިންމެވުމެއް ކަމަށް ވިދާޅުވިއެވެ. މި ނިންމެވުމުގެ ސަބަބުން ބަޔަކަށް ލިބޭ މަންފާއިން އުނިކަމެއް އައި ނަމަވެސް، އެންމެ އިސްކަމެއް ދޭންޖެހެނީ ގައުމުގެ މިނިވަންކަމާއި ސިޔާދަތުގެ އިތުރުން ބަހާއި ސަގާފަތް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ކުރީގެ އެމްޑީޕީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން، ނައިބު ރައީސް ވިދާޅުވީ އެ ސަރުކާރުން ގާނޫނު ސަސްޕެންޑްކުރުމަށްފަހު ފައިސާ ޗާޕުކުރީ ރައްޔިތުންނާއި އޭރުގެ އިދިކޮޅު ފަރާތްތަކުން އެކަން ނުކުރުމަށް އާދޭސްކުރަމުން ދަނިކޮށް ކަމަށެވެ. އަދި އެމްޑީޕީގެ އޭރުގެ އިސްވެރިންވެސް އެކަމާ ދެކޮޅަށް ވާހަކަދެއްކެވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން ޑޮލަރުގެ ރޭޓު ނުހިފެހެއްޓި، ގައުމު ބަނގުރޫޓުވުމުގެ ހާލަތަށް ދިޔަ ކަމަށް ވިދާޅުވިއެވެ. އަދި ދައުލަތުގެ ރިޒާވް ހުސްވެ، ދައުލަތުގެ މިނިވަންކަން ގެއްލޭ ހިސާބަށް ކަންކަން ގޮސް، ސްކޫލްތަކާއި ހޮސްޕިޓަލްތައް މޯގޭޖުކުރަން ޖެހުނު ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރުން ހަވާލުވިއިރު ގައުމުގެ އިޖުތިމާއީ ފޭރާން އޮތީ ގެއްލިފައި ކަމަށާއި، އާއިލީ ގުޅުންތައް ހީނަރުވެފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ނަމަވެސް، ރައީސް މުއިއްޒު ގެންދަވަނީ ކެތްތެރިކަމާއެކު ގައުމު ބިނާކުރުމުގެ މަސައްކަތް ކުރައްވަމުން ކަމަށާއި، ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަށް ދަރަނިތައް ދައްކަވައި، މޯގޭޖުކޮށްފައިވާ ތަންތަން ސަލާމަތްކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ސިޔާސީ ވާދަވެރިންނަށް އިހުތިރާމުކުރުމާއެކު، ޒާތީނުވެ މަސައްކަތްކުރެއްވުމުގެ ރީތި ނަމޫނާ ރައީސް ދައްކަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.

ގައުމުގެ ކަންކަން އަލުން ތަރުތީބުކުރައްވައި، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެއްވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތަކުގެ ސަބަބުން، ތާރީހުގައި އެމަނިކުފާނުގެ ނަންފުޅު ލިޔެވިގެންދާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.