އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން މިއަދު ކުޅުނު މެޗުގައި ނޮޓިންހަމް ފޮރެސްޓް ކައިރިން 2-2 އިން އެއްވަރުވެއްޖެއެވެ.
މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން އެއްވަރުވުމާއެކު، އެޓީމުން މިހާތަނަށް މިފަހަރު ލީގުގައި ކުޅުނު ދެމެޗުންވެސް ވަނީ އެއްވަރުވެފައެވެ. މިއަދުގެ މެޗަށް ނުކުތުމުގެ ކުރިން ލިވަޕޫލުން އެންމެފަހުން ކުޅެފައި ވަނީ ނިއުކާސަލްއާ ދެކޮޅަށެވެ. އެމެޗުންވެސް ލިވަޕޫލަށް ޕޮއިންޓެއް ލިބުނީ ރަށުން ބޭރުގައި 2-2 އިން އެއްވަރުވެގެންނެވެ.
މެޗުގެ ކުރީކޮޅުގައި ފޮރެސްޓުން ރަނގަޅަށް ޕްރެސްކޮށްގެން ކުޅުނު އިރު، ލިވަޕޫލަށް ވަނީ އުނދަގޫތަކަކާ ކުރިމަތިވެފައެވެ. ޖެރެމީ ޖެކެޓްގެ ރަނގަޅު ބްލޮކަކާއެކު އީގޯ ޖީސަސްގެ ހަމަލާ ބްލޮކް ކުރި އިރު، ޑޭން އެންޑޯއީއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.
ފުރަތަމަ ފުރުސަތުގެ ބޭނުން ނުހިފި ދިޔަ ނަމަވެސް، އެންޑޯއީއަށް ދެން ލިބުނު ފުރުސަތުގެ ބޭނުން އޭނާ ފުރިހަމައަށް ހިފިއެވެ. މޯގަން ގިބްސް-ވައިޓް ތަނަވަސްކޮށްދިން ބޯޅައިގައި އޭނާ ފޮރެސްޓަށް ލީޑު ނަގައިދިނީ 24 ވަނަ މިނެޓުގައެވެ.
އޭގެ އިރުކޮޅެއްފަހުން 32 ވަނަ މިނެޓުގައި ފްލޯރިއަން ވާޓްސް، ބޯޅަ ގޯލަށް ވައްދާލި ނަމަވެސް، ރެފްރީ ނިންމީ އެ ގޯލަށް ފުރުސަތު ތަނަވަސްކުރުމުގައި ޖެރަމީ ފްރިމްޕޮންގް އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ. އޭގެ ފަހުން ވާޓްސް ބޮލުން ޖެހި ބޯޅަ މަތަކުރީ ކީޕަރު މެޓްޒް ސެލްސްއެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ކޯޑީ ގަކްޕޯ ތަނަވަސްކުރި ފުރުސަތުގައި އެލެކްސެންޑާ އިސާކް ވަނީ ލިވަޕޫލަށް މެޗު އެއްވަރު ކޮށްދީފައެވެ. އެހެން ނަމަވެސް 68 ވަނަ މިނެޓުގައި ފޮރެސްޓަށް ލިބުނު ޕެނަލްޓީ، ގިބްސް-ވައިޓް ވަނީ ކާމިޔާބުކޮށްފައެވެ.
ފޮރެސްޓަށް ޕެނަލްޓީ ލިބުނީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ، ފޮރެސްޓްގެ ފޯވަޑް ލިއަމް ޑެލަޕަށް ފައުލް ކުރުމުންނެވެ. މިއީ ޗެލްސީން ބަދަލުވިފަހުން ޑެލަޕް ކުޅުނު ފުރަތަމަ މެޗެވެ.
ލިވަޕޫލުން ޕޮއިންޓެއް ސަލާމަތްކުރީ ވިކްޓޯ މުނޯޒް ކާމިޔާބުކޮށްދިން ގޯލުންނެވެ. އެއީ މެޗުގެ 82 ވަނަ މިނެޓުގައެވެ.
މިއީ މިދިޔަ 14 އަހަރު ތެރޭގައި ލިވަޕޫލަށް ލީގުގެ ފުރަތަމަ މެޗުން މޮޅު ނުވެވި ދިޔަ ފުރަތަމ ފަހަރެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
ކޮމެންޓް