ޖަޕާނުގައި ބާއްވަން ތައްޔާރުވަމުންދާ އޭޝިއަން ގޭމްސްގެ އެކޮމޮޑޭޝަނަށް ދިމާވި ހާސްކަމަށް ހައްލު ހޯދިއްޖެ ކަމަށް ގޭމްސް އޮގަނައިޒިން ކޮމިޓީއާއި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އިން ބުނެފިއެވެ.
މިފަހަރުގެ އޭޝިއަން ގޭމްސް ބާއްވަން ނިންމާފައި ވަނީ ޖަޕާނުގެ އައިޗީ- ނަގޯޔާގައެވެ. ޖުލައި މަހާ ހަމައަށް ބައިވެރިވުމަށް ހުޅުވާލާފައި އޮތް ފުރުސަތުގައި ގައުމުތަކުގެ ބައިވެރިންގެ އަދަދު 17،000 އިން މައްޗަށް އަރާފައިވާ އިރު، އެއީ އޮފިޝަލުންނާއި އެތުލީޓުންގެ އަދަދެވެ. އެއީ ގޭމްސް އޮގަނައިޒް ކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން އަންދާޒާކުރި 15،000 މީހުންނަށްވުރެ އިތުރު އަދަދަކަށްވުމާއެކު، އޮކޮމޮޑޭޝަންގެ އިންތިޒާމުތަކާ ދޭތެރޭ އޮތީ ސުވާލު އުފެދިފައެވެ.
ޖަޕާނުން ގޭމްސް އޮގަނައިޒް ކުރާ ފަރާތްތަކުން ބުނެފައި ވަނީ ބައިވެރިންގެ އަދަދު އަންދާޒާ ކުރި ވަރަށްވުރެ އިތުރުވެފައި ވަނީ ފަހުން ޕެޑަލްއާއި ޓެގްބޯލް ފަދަ ކުޅިވަރުތައް ގޭމްސްއަށް އިތުރުކުުރުމާ އެކުގައެވެ.
އަންނަ މަހު 19 އިން އޮކްޓޯބަރު ހަތަރަކަށް ކުރިއަށްދާ ގޭމްސްގެ އެކޮމޮޑޭޝަން ހަމަޖައްސަން އައިޗީ-ނަގޯޔާގެ އޮގަނައިޒިން ކޮމިޓީން ނިންމާފައި ވަނީ ބައެއް ހޮޓެލްތަކުގެ އިތުރުން ވަގުތީ ލަކުޑި އެކޮމޮޑޭޝަންގައާއި ބަނދަރުކޮށްފައި ބާއްވާ ކޮސްޓާ ސެރޭނާ ކްރޫސް ޝިޕްގައެވެ. ކުރިން ގޭމްސްތަކުގައި ފެނިގެންދާ އެތުލީޓްސް ވިލެޖެއް ނުހަދަން ޖަޕާނުން ކުރިން އޮތީ ނިންމައިފައެވެ.
ޖުމުލަ 11،000 އެތުލީޓުންނާއި 6،000 އޮފިޝަލުންނަށް އެކޮމޮޑޭޝަން ހަމަޖައްސަން އެކި ވިސްނުންތަކަށް ގޮސްފައިވާ އިރު، ކްރޫސް ޝިޕްގައިވެސް 5،000 އެއްހާ މީހުން ތިބޭނެ ކަމަށް ބެލެވެއެވެ.
މިހަފުތާގެ ކުރީކޮޅުގައި ގޭމްސްގެ އޮގަނައިޒިން ކޮމިޓީގެ ހެޑް، ހިޑެއާކީ އޮހްމޫރާ ވިދާޅުވެފައި ވަނީ ކޮމިޓީން ބަޖެޓްކުރީ 15،000 މީހުންނަށް އެކޮމޮޑޭޝަން ހަމަޖައްސަން ކަމަށާއި، އެއީ އޯސީއާއެކު ވެވުނު އެއްބަސްވުމުގައި ވާ އަދަދު ކަމަށެވެ. އެހެންކަމުން އިތުރުވާ އެތުލީޓުންގެ ކަންކަން ހަމަޖައްސަން އުނދަގޫތަކެއް ހުރި ކަމަށާއި، އެކަމަށް ޔަގީންކަން ދެވެން ނެތް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އައިޗީ ޕްރެފެކްޗާގެ ގަވަރުނަރުކަންވެސް ކުރައްވަމުން ގެންދަވް އޮހްމޫރާ އޭރު ވިދާޅުވެފައި ވަނީ އެކޮމޮޑޭޝަނަށް ސަރަހައްދެއްވެސް ނެތް ކަމަށާއި، އެ އަދަދަށް މީހުން ދާނަމަ، އެއީ ބޮޑު ޗެލެންޖެއް ކަމަށެވެ.
އެކަމަށް ކަންބޮޑުވުންތައް ބޮޑުވެފައި ވަނިކޮށް، އިއްޔެ ގޭމްސްގެ އޮގަނައިޒިން ކޮމިޓީއާއި އޯސީއޭއިން ނެރުނު ބަޔާނެއްގައި ބުނީ އެކޮމޮޑޭޝަނަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދިއްޖެ ކަމަށާއި، މިހާރު އެކަމުގެ މައްސަލަތައް ގައުމުތަކަށް ދިމާ ނުވާނެ ކަމަށެވެ.
މިހާރު ރަޖިސްޓްރީވެފައިވާ އެތުލީޓުންނާއި އޮފިޝަލުންގެ އިތުރުން ދެން އިތުރު ފުރުސަތެއް އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށް އޯސީއޭއިން ބުނެފައިވާ އިރު، ބަޔާނުގައި ބުނީ އެކޮމޮޑޭޝަންގެ އިތުރު މައްސަލައެއް ދިމާނުވާނެހެން އިންތިޒާމުތަކަށް ފުރުސަތު ހޯދައިދީފައިވާނެ ކަމަށެވެ.
އޭޝިއަން ގޭމްސްއަށް ދާ ރާއްޖޭގެ ކޮންޓިންޖެންޓްގެ އަދަދަކީ 81 އެވެ. އެއީ ހަތް ކުޅިވަރަކުން 42 އެތުލީޓުންނާއެކު 18 އޮފިޝަލުންނެވެ. ދެން ކޮންޓިންޖެންޓްގައި ހިމެނެނީ މީޑިއާގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޓީމާއި މެޑިކަލް އަދި ސްޕޯޓްސް މިނިސްޓްރީގެ ބޭފުޅުންނެވެ.
އޭޝިއަން ގޭމްސް
އޭޝިއަން ގޭމްސް
އޭޝިއަން ގޭމްސް
އޭޝިއަން ގޭމްސް
ކޮމެންޓް