ތިލަފުށީގައި ތަރައްގީކުރާ އާ ޕޯޓުގެ އިމާރާތްތަކާއި ވަސީލަތްތައް ފަރުމާކޮށް ތަރައްގީކުރުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުވާލައިފިއެވެ.

އެމްޕީއެލުން ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި، މި މަޝްރޫއުގެ ދަށުން ތިލަފުށީ ޕޯޓުގެ އޮޕަރޭޝަނަލް އަދި އިދާރީ އިމާރާތްތަކާއި، ކާގޯ ހޭންޑްލިން، ވެއާހައުސިން، ޔުޓިލިޓީ، ސަލާމަތީ އަދި ލޮޖިސްޓިކްސް ވަސީލަތްތައް ފަރުމާކޮށް އިމާރާތްކުރާނެއެވެ. ތިލަފުށީ ޕޯޓު ތަރައްގީކުރުމުގެ މައިގަނޑު މަގުސަދަކީ ޑީޕް ވޯޓާ ކޮންޓެއިނާ ޓާމިނަލަކާއި، މަލްޓި ޕާޕަސް ކާގޯ ޓާމިނަލަކާއި، ޑޮމެސްޓިކް ކާގޯ ޓާމިނަލެއްގެ އިތުރުން އަތޮޅުތެރެއަށް ހާއްސަ ވެއާހައުސިން ޒޯނަކާއި ލޮޖިސްޓިކްސް ޒޯންތައް ހިމެނޭ ފުރިހަމަ ޕޯޓެއް ގާއިމުކުރުމެވެ.

މި މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު ވަކި ކުންފުނިތަކަށާއި ޖޮއިންޓް ވެންޗާތަކަށް ވެސް ވަނީ ހުޅުވާލައިފައެވެ. އެމްޕީއެލްގެ އިއުލާނުގައިވާ ގޮތުން، ޖޮއިންޓް ވެންޗާއެއްގެ ގޮތުގައި ކުރިމަތިލާނަމަ ލީޑް ޕާޓްނަރެއް ކަނޑައަޅަން ޖެހޭނެއެވެ. އަދި ކުރިމަތިލާ ފަރާތްތަކަކީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި އިމާރާތްތަކާއި، އިންޑަސްޓްރިއަލް ފެސިލިޓީތަކާއި، ގުދަންތަކާއި، ޔުޓިލިޓީ އިންފްރާސްޓްރަކްޗާ ނުވަތަ ޕޯޓާ ގުޅޭ މިފަދަ ބޮޑެތި މަޝްރޫއުތައް ފަރުމާކޮށް އިމާރާތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވާންޖެހޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މީގެ އިތުރުން، މިފަދަ ބޮޑު މަޝްރޫއެއް ހިންގޭނެ މާލީ އަދި ފަންނީ ގާބިލުކަން ހުރިކަން ސާބިތުކޮށްދޭން ޖެހޭނެއެވެ.

ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ކުންފުނީގެ ޕްރޮފައިލް، ގާނޫނީ ހައިސިއްޔަތު، އަދި އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ހިމަނަން ޖެހޭނެއެވެ. އަދި ފާއިތުވި 10 އަހަރު ތެރޭގައި ނިންމާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު، ކްލައިންޓް، ކޮންޓްރެކްޓްގެ އަގު އަދި މަސައްކަތް ނިމުނު ގޮތުގެ ތަފްސީލު ހުށަހަޅަން ޖެހޭނެ ކަމަށް އެމްޕީއެލުން ބުނެފައިވެއެވެ. އެމްޕީއެލުން ބުނި ގޮތުގައި، ހުށަހަޅާ ފަރާތްތައް އިވެލުއޭޓްކުރުމުގައި ބަލާނީ އެ ފަރާތްތަކުގެ ތަޖުރިބާއާއި، ފަންނީ އަދި އިދާރީ ގާބިލުކަމުގެ އިތުރުން މާލީ ތަނަވަސްކަމަށެވެ.

ޝައުގުވެރިކަން ފާޅުކުރުމުގެ ލިޔެކިޔުންތައް ހުށަހަޅަން ޖެހެނީ އެއް ޕީޑީއެފް ފައިލެއްގެ ގޮތުގައި އީމެއިލް މެދުވެރިކޮށެވެ. ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މިއީ މި މަޝްރޫއުގެ ޕްރީކޮލިފިކޭޝަން މަރުހަލާ ކަމަށްވާ އިރު، މި މަރުހަލާއިން ޝޯޓްލިސްޓުވާ ފަރާތްތަކަށް ތަފްސީލީ ޕްރޮޕޯސަލް ހުށަހެޅުމުގެ (އާރްއެފްޕީ) ފުރުސަތު ފަހުން ދޭނެ ކަމަށް އެމްޕީއެލުން ބުނެފައިވެއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މާލޭގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ވަސީލަތްތަކާއެކު ތަރައްގީކުރެވޭ މި ބަނދަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު އިގުތިސާދީ ވައުދުފުޅެކެވެ.

މި ބަނދަރު ތަރައްގީވެގެންދާނީ ވިޔަފާރިވެރިންނާއި އެމްޕީއެލްގެ އެހެނިހެން ސްޓޭކްހޯލްޑަރުންނަށް 24 ގަޑިއިރު ހިދުމަތް ދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުވެފައިވާ ތަނަކަށް ކަމަށް އެމްޕީއެލުން ބުނެއެވެ. އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުޅުވުމަށް އަމާޒު ހިފާފައިވާ މި ބަނދަރަކީ، ޒަމާނީ ވަސީލަތްތަކާއެކު "ސްޓޭޓް އޮފް ދި އާޓް" މާސްޓާ ބަނދަރެއްގެ ގޮތުގައި ތަރައްގީކުރެވޭ ތަނެކެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމެއްގައި ރައީސް މިދިޔަ މަހު ވިދާޅުވެފައިވާ ގޮތުގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ބަނދަރުގެ 80 ޕަސަންޓް އޮޕަރޭޝަން ތިލަފުއްޓަށް ބަދަލުކުރާނެއެވެ.