ރިސޯޓުތަކުން އާމްދަނީގެ 40 ޕަސެންޓް ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހާއެކު، ރިސޯޓު މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު އެމެރިކާ ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން ދިނުމަށް ނިންމަމުންދާތީ، އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ކުރިއަށްގެންދާ އެ ޕެޓިޝަނާ ގުޅޭގޮތުން އެ ޖަމިއްޔާއިން ބުނީ އެ ޖަމިއްޔާއާ ގުޅިފައިވާ ޔޫނިއަން ރިސޯޓުތަކުން ވަނީ މި ހަރަކާތުގައި ބައިވެރިވުމަށް މިހާރު އެއްބަސްވެފައެވެ.
މި ކެމްޕޭނުގެ ދަށުން ޕެޓިޝަނެއްގައި ސޮއިކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު، ޓީމްގެ ގޮފިތައް ހުރި ހުރިހާ ރިސޯޓުތަކަކުން ވެސް މި ޕެޓިޝަނުގައި އަމަލީގޮތުން ސޮއިކުރުމުގައި ބައިވެރިވުމަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި މަސައްކަތަށް ތާއީދުކުރާ ހުރިހާ ރިސޯޓުތަކަކުން ވެސް ކެމްޕޭން ކާމިޔާބުކުރުމަށް ގުޅުމަށް ވަނީ ގޮވާލައިފައެވެ.
މީގެ އިތުރުން، ޓީމްގައި ނުހިމެނޭ ރިސޯޓުތަކާއި އެ ތަންތަނުގެ އާންމު މުވައްޒަފުން ވެސް މި ޕެޓިޝަނުގައި ސޮއިކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ. ޓީމުން ބުނި ގޮތުގައި މި ޕެޓިޝަނުގެ މައިގަނޑު މަގުސަދަކީ، މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު ޑޮލަރުގެ ބަދަލުގައި ރުފިޔާއިން ލިބޭ ގޮތަށް އަޅާފައިވާ ފިޔަވަޅުތައް އަނބުރާ ގެންދިއުމަށް ޑިމާންޑުކުރުމެވެ.
މި ކެމްޕޭނަކީ މުވައްޒަފުންނަށް ލިބޭ އާމްދަނީ ރައްކާތެރިކޮށް، އިންސާފުވެރި އަދި އެކަށީގެންވާ އުޖޫރައެއް ކަށަވަރުކުރުމަށް ފަށާފައިވާ މަސައްކަތެއް ކަމަށް ޓީމުން ފާހަގަކުރެއެވެ. މި ޕެޓިޝަނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ޓީމުގެ ރަސްމީ ފޭސްބުކް ޕޭޖަށް މެސެޖުކުރުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.
ރިސޯޓުތަކުން ރުފިޔާއިން މުސާރަތައް ދިނުމަށް ނިންމަމުންދަނީ ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ފާސްކުރި ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެންނެވެ. ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް ބަދަލުކުރުމުގެ އިތުރުން ވެސް ގިނަ އިސްލާހުތަކެއް ވަނީ ގެނެސްފައެވެ.
އެގޮތުން އެމްއެމްއޭއިން ކަނޑައަޅާ ރަސްމީ ރޭޓަށްވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކުމާއި އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި ބޮޑެތި އަދަބުތަކަކާއެކު ޖޫރިމަނާކުރުމަށް ވަނީ ހިމަނައިފައެވެ. ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ދޭ ފަރާތްތަކުގެ އިތުރުން އެހެން ފަރާތަކުން ވެސް ވިއްކާ ނުވަތަ ދޭ މުދަލާއި ހިދުމަތަށް، ފާއިތުވި މީލާދީ އަހަރު ތެރޭގައި މަދުވެގެން 25 މިލިއަން ޑޮލަރުގެ އަދަދެއް ލިބޭ ނަމަ، ބޭރުފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ވަނީ ލާޒިމްކޮށްފައެވެ. އަދި މި ފައިސާ ޖަމާކުރަންވާނީ، އެމްއެމްއޭއިން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގެ އެކައުންޓަކަށް ކަމަށާއި، ފައިސާ ޖަމާކުރާ ބޭންކް އެކައުންޓުގެ މައުލޫމާތު އެ އޮތޯރިޓީއާ ހިއްސާކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ރިސޯޓުތަކުން 40 ޕަސަންޓު ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭ ގޮތަށް އިސްލާހު ގެނައި ނަމަވެސް، ސަތޭކައިން ސައްތަ ދިވެހިން ހިއްސާވާ ވިޔަފާރިތަކުން މާރުކުރަންޖެހޭ ބޭރުފައިސަގެ އިންސައްތައަކީ، އެފަރާތްތަކުން މަހެއްގެ ތެރޭގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތުން އެފަރާތްތަކަށް ލިބޭ ބޭރުފައިސާގެ ގްރިސްރޭޓްގެ ހަ ޕަސެންޓް ކަަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
ބޭރު ފައިސާ ގަނެވިއްކުމުގައި މުއާމަލާތްތައް ކުރަންވާނީ މަނިޓަރީ އޮތޯރިޓީން ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓުތައް، ނުވަތަ ބޭންޑުތަކަށްވުރެ މަތިނުވާ ގޮތެއްގެ މަތިން ކަމަށާއި އެ ރޭޓާ ހިލާފަށް ބޭރު ފައިސާ ވިއްކުމާއި، ވިއްކަން މަސައްކަތް ކުރުމަކީ ކުށެއް ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
އެގޮތަށް އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ހިލާފަށް ބޭރުފައިސާ ވިއްކައިފިނަމަ ނުވަތަ ވިއްކަން މަސައްކަތްކޮށްފިނަމަ އެ މީހަކު ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25،000 އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލްގައި ވަނީ ކަނޑައަޅައިފައެވެ.
އޭގެ އިތުރުުން އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާ ހިލާފަށް ބޭރު ފައިސާ އިސްތިހާރުކޮށް ޕްރޮކޯޓް ކުރުމާއި ޕްރޮމޯޓްކުރުމަކީ ވެސް ކުށެއްކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
އެގޮތުން ރަސްމީ ރޭޓް، ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ، ބޭންޑުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް، ނުވަތަ އަގެއްގައި ބޭރުފައިސާ ގަނެ ވިއްކުން އިޝްތިހާރު ކުރުމަށްޓަކައި، ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި، ނުވަތަ އެކަން ފެތުރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތަކުން، ނުވަތަ ޕްލެޓްފޯމަކުން ނުވަތަ، އެނޫންވެސް ގޮތަކުން އާއްމުކޮށް އެނގޭނެހެން އެ މައުލޫމާތު ހާމަ ކުރުމާއި ޝާއިއު ކުރުމާއި ފެތުރުމާއި ތަކުރާރު ކުރުމާއި ފޯރުކޮށްދިނުން މި ބިލުން ވަނީ މަނާކޮށްފައެވެ. އެ ކުށުގެ އަދަބަކީ 25،000 ރުފިޔާ އައި 500000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިނަމާ ކުރުން ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
މީގެ އިތުރުން އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމާއި، އިޝްތިހާރު ކުރުމުގައި ގާނޫނީ ޝަހުސެއް ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއަކުން ޝާމިލުވާނަމަ އެފަރާތެއް 100،000 ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
ރާއްޖޭގެ ރިސޯޓުތައް
ރާއްޖޭގެ ރިސޯޓުތައް
ރާއްޖޭގެ ރިސޯޓުތައް
ރާއްޖޭގެ ރިސޯޓުތައް
ކޮމެންޓް