އިޒްރޭލުން ހުއްޓުމެއްނެތި ހިންގަމުންދާ ގައިރު ގާނޫނީ އަމަލުތައް ކުށްވެރިކޮށް، އިޒްރޭލުގެ މައްޗަށް ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒު ކުރުމަށް އެކަށޭނެ ފިޔަވަޅުތައް ނާޅާތީ ފޮރިން މިނިސްޓަރު ވަޒީރު އިރުތިޝާމް އާދަމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހާރިޖީ ވަޒީރުންގެ ފެންވަރުގައި މިއަދު ބޭއްވި އެކްސްޓްރާއޯޑިނަރީ މީޓިންގައި ރާއްޖޭގެ ވަޒީރު އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ހާރިޖީ ވަޒީރުގެ ހައިސިއްޔަތުން އޯއައިސީގެ ބައްދަލުވުމެއްގައި ވަޒީރު އިރުތިޝާމް ބައިވެރިވަޑައިންނެވި ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުމުގައި އިރުތިޝާމް ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގެ ބިންތަކަކީ އިސްރާއީލީ ދައުލަތުގެ މިލްކެއް ކަމުގައި ނިންމައި ފަލަސްތީނުގެ ބިންތައް ހިސޯރުކުރަމުންދާ މައްސަލަ ކުށްވެރި ކުރައްވާ ކަމަށެވެ.

"އިޒްރޭލުގެ ގައިރު ގާނޫނީ އަމަލުތައް ހުއްޓުވައި އިޒްރޭލުގެ މައްޗަށް ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒުކުރުމަށް އެކަށޭނެ ފިޔަވަޅު އަޅާފައިނުވާތީ އެކަމާ ކަންބޮޑުވޭ،"

އިސްލާމީ އުއްމަތުގެ ރިވެތި އުސޫލުތަކާ ހަމަތައް ދެމެހެއްޓުމަކީ އޯއައިސީ މެމްބަރު ގައުމުތަކުގެ ޒިންމާއެއްކަން ފާހަގަކުރައްވައި، ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތް ފުޅާކުރުން މުހިންމު ކަމުގައި ވަޒީރު އިރުތިޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި އެ މީހުންގެ ހައްގުތައް ހޯދައިދިނުމަށާއި 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރުމަށް ރާއްޖޭން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

އަދި ދެމެހެއްޓިނިވި ސުލްހައަކަށް އޮތް މަގެއްގެ ގޮތުގައި "ކޮމްޕްރިހެންސިވް ޕްލޭން ޓު އެންޑް ދަ ގާޒާ ކޮންފްލިކްޓް" ތަންފީޒު ކުރުމަށް ވަޒީރު އިރުތިޝާމް ގޮވާލެއްވިއެވެ.

އޯއައިސީ އަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ ފަލަސްތީނުގެ ހައްގުގައި އަބަދުސް ވަކާލާތު ކުރަމުން އަންނަ ޖަމުއިއްޔާއެކެވެ. ދިވެހިރާއްޖެ އަކީ 1976 ގައި މި ޖަމުއިއްޔާގެ މެމްބަރަކަށް ވުމަށްފަހު މި ޖަމުއިއްޔާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ގައުމެކެވެ.