(14 އޯގަސްޓުގެ އަދަދާ ގުޅެ)

ދިހަވަނަޔަށް ވީ ދުވަހު، ނިރުމަލާގެ މަންމަ އެކަމަނާގެ އެންމެ ފަހު ނޭވާފުޅު ދޫ ކޮށްލެއްވި އިރު، އެކަމަނާގެ ލޯފުޅު ހުއްޓިފައި ވަނީ ދަރިކަނބަލުންގެ މޫނުފުޅަށެވެ. އޭނާގެ ލޯފުޅުގައި ވަނީ ނިރުމަލާއަށް ދުވަހަކުވެސް ހަނދުމަފުޅު ނައްތަވައިނުލެއްވޭނެ މެސެޖެކެވެ. އެކަމަނާ އަވަހާރަ ވުމުން ނިރުމަލާ އެކަމަނާގެ މޭފުޅުމަތީގައި އިސްތަށިފުޅު އަޅުއްވައިގެން އޮންނަވައި ވިދާޅުވަމުން ގެންދެވިއެވެ. "މަންމާއެވެ! އަޅުގަނޑު މަންމަގެ ބަދަލު ހިފާނަމެވެ. އަޅުގަނޑު މަންމަގެ ދުޝްމަނަށް ދުވަހަކު ވެސް މާފެއް ނުކުރާނަމެވެ. އަޅުގަނޑު ކަލާނގެ ރަސްކަންފުޅު ގަން ދެމެވެ. އެކަލާނގެ ދޭވަތާއިން ގަން ދެމެވެ."

އެހެން ފަތަޙައެއް

ކަލަންޖަރުގެ ރާޖާ ގުންޑާ އިންނެވީ އޭނާގެ ތަޚުތުގައެވެ. ކަލަންޖަރުގެ އަމީރުންނާއި، އޭނާއަށް ޖިޒީ ދެއްވާ ދައުލަތްތަކުގެ ވެރީން އެ ބޭފުޅެއްގެ ދަރަޖައިން ދެ ފަރާތުގައި ހުރި ގޮނޑިކޮޅުތަކުގައި ތިއްބެވިއެވެ. ދެވަނަ ދަރަޖައިގެ އަމީރުންނާއި ކަމުވޮށިގެންވާ ބޭކަލުން ތިއްބެވީ ގޮނޑިކޮޅުތަކުގެ ފަހަތުގައި ކޮޅަށެވެ. عبدالواحد އާއި سلطان محمود غزنوی ގެ ލަޝްކަރުގެ އެހެން ހަތަރު އޮފިސަރުން ތަޚުތުގެ ކުރިމަތީގައި ކޮޅަށް ތިއްބެވިއެވެ.

ރަސްގެފާނު އިރުކޮޅެއް ވާންދެން އިންނެވީ ހަމަހިމޭންކަމާ އެކު ދަރުބާރުގައި ތިއްބެވި ބޮޑުންނާ ދިމާޔަށް ބައްލަވާށެވެ. ރަސްގެފާނު އެހެން އިންނަވައިފައި، ކުއްލިޔަކަށް ހައިބަތު ހުރި އަޑުފުޅަކުން ވިދާޅުވިއެވެ. "އަހަރެމެން އަހަރެމެން ގަސްތު ކުރާ ގޮތް ހާމަ ކުރުމުގެ ކުރީން، ޞުލްޙަޔާ މެދު ދުޝްމަނުން ހުށައަޅާ ޝަރުޠުތަކާ މެދު ތިޔަބައިމީހުންގެ ޚިޔާލު ހުރި ގޮތެއް އޮޅުން ފިލުވާން ބޭނުމެވެ."

އަވަށްޓެރި ދައުލަތްތަކުގެ ރަސްރަސްކަލުންގެ ތަރުޖަމާނެއްގެ ޙައިޘިއްޔަތުން ތެދު ވެވަޑައިގެންނެވީ ގަވާލިޔާރުގެ ރަސްގެފާނެވެ. އޭނާ ތެދު ވެވަޑައިގެން ވިދާޅުވިއެވެ. "މާތް ވެގެންވާ ރަސްގެފާނެވެ! އަޅުގަނޑުމެން އެ ޝަރުޠުތަކުގެ މައްޗަށް ޞުލްޙަ ވުމުގެ ބަދަލުގައި ތަރުޙީބު ދޭނީ މަރަށެވެ. ދުޝްމަނުންނަށް ކުރިޔަށް އާދެވޭނީ އަޅުގަނޑުމެންގެ ހަށިތަކުގެ މަތީގައި ހިނގައިފައެވެ."

އެހެން ރަސްކަލެއް ތެދު ވެވަޑައިގެން ވިދާޅުވިއެވެ. "ހުރިހައި ހެޔޮކަމެއްގެ ވެރި ސާހިބާއެވެ! ދުޝްމަނުން މިފަދަ ނިކަމެތި ޝަރުޠުތަކެއް ހުށައެޅިކަމީ އަޅުގަނޑުމެންގެ އެތަކެއް ކުރޯޑު އިންސާނުންނަށް އިހާނެތިކޮށް ހިތިހިތުމެކެވެ. އެ އިހާނެތިކަމުގެ ބަދަލު ހިފުމުގެ ގޮތުން އަޅުގަނޑުމެން މި ޤައުމުގެ ކުޑަކުދީންނަށް ދާންދެން އެބައިމީހުންގެ ކުރިމައްޗަށް ނެރޭނޫއެވެ. މި މުޤައްދަސް ބިމާ ދިމާޔަށް ލޮލުގެ ހިމަކޮޅުން ވެސް ބަލައިލާން ނުކެރޭ ވަރަށް އެބައިމީހުން ބަލި ކޮށްލާނޫއެވެ."

އަދިވެސް އިތުރު ބައެއް ރަސްކަލުން ހަނގުރާމަޔަށް ތާއީދު ކުރެއްވުމުގެ ގޮތުން ތަޤުރީރު ކުރެއްވިއެވެ. ދެން އޮތީ އަމީރުންގެ ވާހަކަ ދެއްކެވުމެވެ. އެ ބޭފުޅުން ވެސް ރަސްރަސްކަލުންނާ އެއްވަރަށް ޖޯޝާއި ފޯރި ދެއްކެވިއެވެ. އެންމެ ފަހުން ތެދު ވެވަޑައިގަތީ ކަލަންޖަރުގެ އަމީރެކެވެ. އޭނާއަކީ ރަސްގެފާނު ފިޔަވައި ކަލަންޖަރުގައި ހުންނެވި އެންމެ ނުފޫޒު ހުރި ޝަޚްޞިއްޔަތެވެ. އޭނާގެ ހޫނު ތަޤުރީރުގައި ވިދާޅުވިއެވެ. "ހުރިހައި ހެޔޮކަމެއްގެ ވެރި ސާހިބާއެވެ! ދުޝްމަނުންގެ މި ޖެހިލުންކުޑަކަމުގެ ޖަވާބު ދޭނީ އަޅުގަނޑުމެންގެ ކަނޑިތަކެވެ. ކަލަންޖަރުގެ ކޮންމެ ކުޑަ ކުއްޖަކު ވެސް، ޒުވާނަކު ވެސް، މުސްކުޅިޔަކު ވެސް ހުރީ އެ މީހެއްގެ ފުރާނަ ޤުރުބާން ކޮށްލާން ތައްޔާރަށެވެ. ބޭނުން ވަނީ ހަމައެކަނި މަނިކުފާނުގެ އިޝާރާތަކަށެވެ. ކަލަންޖަރުގެ ރާޖުޕޫތުންގެ ލޭ ވަނީ ގަނޑު ވެފައެއް ނޫނެވެ. އަޅުގަނޑުމެން ހަނގުރާމައިގެ މައިދާނުގައި އެކަން ސާބިތު ކޮށްދޭނޫއެވެ. އަޅުގަނޑުމެންނަކީ އަމިއްލަ ފުރާނަ ސަލާމަތް ކުރެއްވުމަށް ޓަކައި ޤައުމީ ޢިއްޒަތާއި ކީރިތިމޫރިތިކަން ވެއްޔާ މޮޑުއްވައިލެއްވި އުތުރުގެ ރަސްރަސްކަލުން ފަދައިން ޣީރަތެއް ނެތް ބަޔަކީމުއެއް ނޫނީމުއެވެ. އަޅުގަނޑުމެންގެ ކަނޑިތައް ހުރީ ތައްޔާރަށެވެ."

ރާޖާ ގުންޑާ ވިދާޅުވިއެވެ. "މިބައިމީހުންގެ ޝަރުޠުތައް ޤަބޫލު ކުރާން އެދޭ މީހަކު އެބަހުރި ބާވައެވެ!"

"މާތް ސާހިބާއެވެ! އެކަކު ވެސް ނެތެވެ. އެކަކު ވެސް ނެތެވެ." ދަރުބާރުގައި ތިއްބެވިހައި ބޮޑުން އެއް އަޑުފުޅަކުން ދެންނެވިއެވެ.

ކަލަންޖަރުގެ ރަސްގެފާނު މުސްލިމުންގެ ވަފުދާ ދިމާޔަށް އެނބުރި ވަޑައިގެންފައި ވިދާޅުވިއެވެ. "ތިޔަބައިމީހުން އަހުރެމެންގެ ޖަވާބު އަޑު އަހައިފީމު ނޫންހެއްޔެވެ؟ ހިންދުސްތާނުގެ މުޤައްދަސް ދޭވަތާ ތިޔަބައިމީހުންގެ ރަސްގެފާނުގެ ފާފަތަކުގެ ބަދަލު ހިއްޕަވާން ކަނޑައަޅުއްވައިފައި ވާ ވަގުތު އައިސް ޖެހިއްޖެއެވެ. އަހަރެމެންގެ ދޭވަތާތަކުގެ ކޯފާއިން ދެނެއް ތިޔަބައިމީހުންނަކަށް ސަލާމަތެއް ނުވެވޭނެއެވެ. ތިޔަބައިމީހުން ގޮސް ތިޔަބައިމީހުންގެ ރަސްގެފާނުގެ އަރިހުގައި އަހަރެމެންގެ ފަރާތުން ދަންނަވާށެވެ. މަރު ވަނީ އޭނާގެ އިންތިޒާރުގައެވެ. އަހަރެމެންގެ ކަނޑިތައް ވަނީ އަހަރެމެންގެ ދޭވަތާއިންނަށް އިހާނެތިކޮށް ހިތުމުގެ ބަދަލު ހިފުމަށް ބޭޤަރާރު ވެފައެވެ."

عبدالواحد އޭނާގެ އެކުވެރީންނަށް ރާޖާ ގުންޑާގެ ވާހަކަފުޅު ފާރިސީ ބަހުން އޮޅުން ފިލުވައިދެއްވިއެވެ. އެޔަށްފަހު ރަސްގެފާނާ ދިމާޔަށް އެނބުރިވަޑައިގެންފައި ވިދާޅުވިއެވެ. "އަޅުގަނޑު އަދިވެސް އެއް ފަހަރު ދަންނަވަމެވެ. ގުނޫޖުގެ ޝަހެންޝާހު ވިސްނުންތެރިކަމާ އެކު ޢަމަލު ކުރެއްވި ނަމަ، އެއްވެސް ކަމަކާ ނުލައި އެތަކެއް ހާސް އިންސާނުން ހަލާކު ވެގެން ދިޔުމުން ސަލާމަތް ކުރެއްވުނީހެވެ. ކޯރުތައް ބަނޑުދަށުލަމުން ދެމިގެންދާ ސައިލެއް މަށީން ފާރު ލައްވައިގެންނެއް މަނިކުފާނަކަށް ނުއޮބެހެއްޓެވޭނެއެވެ. ކުރިމަތީން ދިމާ ވާ ކޮންމެ އެއްޗެއް ހިކިފަތްތަކެއް ހެން ބުރުއްސައިލާ ޠޫފާނެއް ތިޔަ ބޭފުޅުންނަށް ދާދި އަވަހަށް ފެނިވަޑައިގަންނަވާނެއެވެ. އަޒުދަހައިގެ ކަނދުރާ އެނބުރުއްވުމަށް ޤުދުރަތުން އުފައްދަވައިފައި ވާ އިންސާނެއްގެ ކުރިފުޅުމަތީގައި ތިޔަ ބޭފުޅުންނަކަށް ލަފުޒުތަކަކުން ފާރެއް ނުލެއްވޭނެއެވެ. ތިޔަ ބޭފުޅުން ތިޔަ ވިދާޅުވާ ދޭވަތާއިންތަކަކީ އެތައް ޤަރުނަކުއްސުރެ އެ ތަކެތީގެ ފައިދަށުގައި އިންސާނިއްޔަތު ފިސް ވަމުންދާ ހިލަތަކެކެވެ. سلطان محمود ގެ ފައިތިލަފުޅުގެ ދަށު ވެ އެ ހިލަތައް ފުނޑުފުނޑު ވެގެން ހިނގައިދާނެއެވެ. އޭނާ ވަޑައިގަންނަވާނެއެވެ. އަނިޔާ ލިބިފައި ވާ ކުށެއް ނެތް އެތަކެއް ހާސް ބައެއްގެ ރޫޙު އޭނާއާ އިސްތިޤުބާލު ކުރާނެއެވެ. އެތަކެއް ޤަރުނުއްސުރެ ޗިސް ކޮށްލެވިފައި ވާ އިންސާނިއްޔަތު އޭނާގެ ކަރުފުޅުގައި މާމެލާމެލީގެ ހާރު އަޅުވާނެއެވެ. އޭނާއާ ބައިވެރި ވި ކޮންމެ މީހަކަށް ކާމިޔާބު ލިބި ނަޞީބުވެރި ވާނެއެވެ. އޭނާގެ ކުރިފުޅުމައްޗަށް ނުކުމެއްޖެ ކޮންމެ މީހަކު ކަށިތަކެއް ފަދައިން ފުނޑުއްވައިލައްވާނެއެވެ."

ދަރުބާރުގައި ތިއްބެވި ބޮޑުންގެ ކޯފާ އާއި އިޙުތިޖާޖު، عبدالواحد އަށް އޭނާގެ ތަޤުރީރު ނިންމައިލެއްވުމުގެ ފުރުޞަތެއް ނުދިނެވެ. އެތަކެއް އަމީރުން ކަނޑިކޮޅު ދަންމަވައިގެން އޭނާގެ ވަށައިގެން އެއް ވެވަޑައިގެންފިއެވެ. ރަސްގެފާނު ބާރު އަޑުފުޅަކުން ވިދާޅުވިއެވެ. "ހުއްޓައިލާށެވެ!" އަނެއްކާވެސް ދަރުބާރަށް ހަމަހިމޭންކަން ވެރި ވެއްޖެއެވެ.

ރަސްގެފާނު އިރުކޮޅަކު އިންނަވައިފައި، عبدالواحد އާ ދިމާޔަށް އެނބުރިވަޑައިގެންފައި ވިދާޅުވިއެވެ. "ކަލޭގެ ސަފީރެއްގެ ދާއިރާއިން ބޭރު ވެއްޖައީމުއެވެ. ތިޔަބައިމީހުން އަވަހަށް ދާށެވެ. މި ދަރުބާރުން ނުކުންނާށެވެ."

عبدالواحد އެއްވެސް އެއްޗެއް ވިދާޅުނުވެ، އޭނާގެ އެކުވެރީންނާ އެކު ބޭރަށް ނުކުމެވަޑައިގެންފިއެވެ.

+ + + +

ރާޖާ ގުންޑާ ބޭނުންފުޅު ވީ ހާމަ މައިދާނެއްގައި މުސްލިމުންނާ ބައްދަލު ކުރައްވާށެވެ. އެހެންކަމުން އޭނާ ވެރިކަން ކުރައްވާ ރަށުގެ އުތުރު ފަރާތުން ތަންކޮޅެއް ދުރަށް ނުކުމެވަޑައިގެން ފޭލިގެ ޖައްސަވައިފިއެވެ. އޭނާގެ ލަޝްކަރުގައި ފައިމަތީގައި ހަނގުރާމަ ކުރާ އެއްލައްކަ ފަންސަޔާޅީސް ހާސް މީހުންނާއި، ތިރީސް ހާސް އަސްވާރުން ތިއްބެވެ. ހަސަތޭކަ ސާޅީސް ހަނގުރާމަމަތީ އެތް ހިމެނެއެވެ. سلطان محمود ޖަމްނާ ކޯރު ހުރަސް ކުރައްވައިފިއެވެ. ދުޝްމަނުންނާ ފަސް ކޯހުގެ ދުރުގައި ފޭލިގެ ޖަހާން އެމަނިކުފާނުގެ ލަޝްކަރަށް އަމުރުފުޅު ކުރައްވައިފިއެވެ.

سلطان محمود ދުޝްމަނުންގެ ޢަސްކަރީ ބާރާ ބެހޭގޮތުން ޖާސޫސުންގެ ޚަބަރުތައް އަޑު އެއްސެވުމަށް ފަހު، އާދައިގެ ސިފައިގެން މީހެއްގެ ހެދުމުގައި ދުޝްމަނުންގެ ފޭލިގެތަކާ ދިމާޔަށް ވަޑައިގެންފިއެވެ. އެމަނިކުފާނުގެ އަރިހުގައި އޮފިސަރުންގެ ބަޔަކު ގެންދެވިއެވެ. އިރު އޮއްސުމުގެ ކުޑަ އިރުކޮޅެއްގެ ކުރީން، ހުޅަނގު ފަރާތުން ވަށައިލައްވައިފައި ވަޑައިގެން، ދުޝްމަނުންގެ ލަޝްކަރު މަޑު ކޮށްލައިގެން ތިބި ދިމާޔަށް ނުކުމެވަޑައިގެންފިއެވެ. سلطان محمود ހުންނެވީ ދުޝްމަނުންގެ ލަޝްކަރާ ދިމާޔަށް ބަލަހައްޓަވައިގެންނެވެ. އެ ލަޝްކަރުގެ ފޭލިގެތައް އެތައް މޭލަކަށް ފެތުރިފައި އޮތެވެ. އޭރުވެސް އެކި ފަރާތްފަރާތުން ރާޖާ ގުންޑާގެ ޑޯލާ ރަސްރަސްކަލުންގެ ލަޝްކަރުތައް އަންނަމުން ދެއެވެ. سلطان محمود ގެ ޙަޔާތްޕުޅުގައި މީގެ ކުރީން ދުވަހަކު މިއަށްވުރެ ބޮޑަށް އޭނާ ވިސްނައިވަޑައިގަންނަވާން ޖެހިވަޑައިގެންނެވި މަންޒަރެއް ފެނިވަޑައިގެންފައެއް ނުވެއެވެ. غزنی އާ މާ ދުރަށް ވަޑައިގެންނެވިއްޖެކަން އެމަނިކުފާނަށް އެންމެ ފުރަތަމަ ފަހަރަށް އިޙުސާސް ވެވަޑައިގެންފިއެވެ. ކިތަންމެ ނާޒުކު ދަނޑިވަޅެއްގައި ވެސް ބޭރުން އެމަނިކުފާނަށް އެއްވެސް އެހީއެއް ލިބިވަޑައިގަންނަވާނެކަމުގެ އުއްމީދެއް ނެތެވެ. މުސްލިމުން ބަލި ވެއްޖެ ނަމަ ނުވަތަ ފިލައިގެން ދާން ޖެހިއްޖެ ނަމަ މުސްލިމުންގެ ލަޝްކަރު މުޅީން ފަނާ ވެގެން ދާނެކަމީ ޔަޤީންކަމެކެވެ.

އިރު އޮއްސިއްޖެއެވެ. ފޭލިގެތަކުގެ އެއް ކޮޅުން އަނެއް ކޮޅަށް އިވިއިވި ހުރި އެތްތަކާއި އަސްތައް ގޮވާ އަޑާއި އިންސާނުންގެ ހަޅޭކުގެ އަޑު، ސަންގުތަކާއި ރަނގަބީލުތަކުގެ އަޑުގެ ތެރެޔަށް އޮބިގެން ހިނގައްޖެއެވެ. سلطان محمود އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުންނަށް އެނބުރި ވަޑައިގަންނަވާން އަންގަވައިފިއެވެ. ތަންކޮޅެއް ދުރަށް ވަޑައިގަތުމަށް ފަހު އަސްމަތީން ފައިބައިވަޑައިގެން މަޣްރިބު ނަމާދު ކުރައްވައިފިއެވެ. އެޔަށްފަހު އަނެއްކާވެސް އަސްމައްޗަށް ސަވާރު ވެވަޑައިގެން ވަޑައިގެންނެވީ ރަސްގެފާނުގެ ފޭލިގެކޮޅަށެވެ.

އެރޭގެ ހާރުދަމެވެ. سلطان محمود އޮންނެވީ އެމަނިކުފާނުގެ ފޭލިގެކޮޅުގައި ސަޖިދަޔަށެވެ. އެމަނިކުފާނު ސަޖިދައިގައި އޮންނަވައި ދުޢާ ކުރައްވަމުން ގެންދަވަނީއެވެ. "ހައްދަވައި ބޮޑު ކުރެއްވި ގަދަކީރިތިވަންތަ މާތް ރަސްކަލާކޯއެވެ! މި އަޅާއަށް މި އިމްތިޙާނުގައި ސާބިތު ވެހުރުމުގެ ހިތްވަރު ދެއްވާނދޭވެ! ދުޝްމަނުން އިތުބާރު ކޮށްގެން އެތިބީ އެބައިމީހުންގެ ހައިބަ ބޮޑު ލަޝްކަރާއި ގުނައި ޢަދަދު ނުކުރެވޭހައި ގިނަ ދޭވަތާއިންތަކަށެވެ. ނަމަވެސް މި އަޅާ މިތަނަށް އައީ ހަމައެކަނި އިބަ ރަސްކަލާނގެ ރަޙުމަތްވަންތަކަމުގެ އުއްމީދުން ހިތްވަރު ލިބިގަނެގެންނެވެ. މި އަޅާ އާއި މި އަޅާގެ ސިފައިންނަށް އިބަރަސްކަލާނގެ ރަޙުމަތްވަންތަކަން ޙައްޤު ބައެއްކަން ސާބިތު ކުރުމުގެ ހިއްމަތް ދެއްވާނދޭވެ! ދުޝްމަނުންގެ ލޮންސިތަކާއި ދުނިތަކުގެ ކުރިމައްޗަށް މޭ ދިއް ކޮށްގެން ސާބިތު ވެތިބެވުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާނދޭވެ! މި އުއްމަތުގެ ޣާޒީންނާއި ޝަހީދުން ހިންގެވި މަގުގައި ހިނގުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާނދޭވެ! އަޅަމެން ދިރިތިބޭ ހިނދުގައްޔާއި މަރު ވެގެންދާ ހިނދު ވެސް އެދެނީ ހަމައެކަނި އިބަރަސްކަލާނގެ ރުހިވޮޑިގަތުމެވެ. އަޅަމެންގެ ސާހިބުވަންތަ، ދީލަތިވަންތަ ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ކީރިތިވަންތަ ޙަޟުރަތަށް ބޯލަނބާ މީހުން އެހެން އެއްވެސް މީހެއްގެ ބާރުގެ ސަބަބުން ބިރު ގަންނާނެ ގޮތް މެދުވެރި ނުކުރައްވާނދޭވެ! އަޅަމެންނަށް އިބަރަސްކަލާނގެ ޙަބީބު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޣުލާމުންގެ ޤަދަރާ އެކަށީގެންވާ ފަދަ ޙަޔާތަކާއި މަރެއްގެ ތައުފީޤު ދެއްވާނދޭވެ!"

سلطان محمود ދުޢާފުޅު ނިންމަވައިލެއްވި އިރު، އެމަނިކުފާނުގެ އަނގަފުޅުން ލަފުޒުތަކެއްގެ ބަދަލުގައި އިވެނީ ގިސްފުޅު ލެއްވޭ އަޑުފުޅެވެ. ކުއްލިޔަކަށް ރަސްގެފާނަށް އިވިވަޑައިގެންނެވީ އެމަނިކުފާނުގެ ލަޝްކަރުގެ ފޭލިގެތަކުގެ އެއް ފަރާތުން ފާރަވެރީންގެ ހަޅޭއްފަޅޭކުގެ އަޑެވެ. އެއާއެކު، ފޭލިގެތަކުގެ އެއް ކޮޅުން އަނެއް ކޮޅަށް ބެރުތަކުގެ އަޑު އިވިވަޑައިގަންނަވާން ފަށައިފިއެވެ. سلطان محمود ދުޢާފުޅު ނިންމަވައިލައްވައިފައި ފޭލިގެކޮޅުން ބޭރަށް ނުކުމެވަޑައިގެންފިއެވެ. ލަޝްކަރުގެ ބައެއް އޮފިސަރުން ފޭލިގެކޮޅުގެ ބޭރުގައި ތިއްބެވިއެވެ. އެ ބޭފުޅުން ގެންދެވީ އެ ބޭފުޅުންނަށް ކުރީން ލަފާ ކުރެވިފައި ނެތް ކޮންމެ ޙާލަތަކާ ކުރިމަތި ލައްވާން އެ ބޭފުޅުންގެ އެކުވެރީން ތައްޔާރު ކުރައްވަމުންނެވެ.

(ނުނިމޭ)