މުދާ ހާމަނުކުރި ކަމުގެ ދައުވާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު އިސްމާއިލް ސަބްރީ ޔައުގޫބުގެ މައްޗަށް އުފުލައިފިއެވެ.

އުމުރުން 66 އަހަރުގެ އިސްމާއިލް ސަބްރީގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ބުރާސްފަތި ދުވަހު ކުއާލަ ލަމްޕޫރު ސެޝަންސް ކޯޓުގައެވެ. މެލޭޝިއާގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) އަށް އޭނާގެ މުދަލުގެ ތަފުސީލުތައް ފުރިހަމައަށް ހާމަކޮށްފައިނުވާ ކަމަށް ބުނެ އުފުލި މި ދައުވާއަށް އޭނާ ވަނީ ކޯޓުގައި އިންކާރުކުރައްވައިފައެވެ.

ކޯޓުގެ ލިޔެކިޔުންތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްމާއިލް ސަބްރީ ހާމަނުކޮށް ސިއްރުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މުދަލުގެ ތެރޭގައި ގާތްގަނޑަކަށް 40 މިލިއަން އެމެރިކާ ޑޮލަރުގެ ފައިސާއާއި، ރަނާއި ރިހި ހިމެނެއެވެ. މީގެ ތެރޭގައި މެލޭޝިއާގެ ފައިސާގެ އިތުރުން ނުވަ ގައުމެއްގެ ފައިސާ ހިމެނޭ ކަމަށް ދައުވާގައި ބުނެފައިވެއެވެ.

އިސްމާއިލް ސަބްރީގެ ގާނޫނީ ވަކީލު އާމިރު ހަމްޒާ އަރުޝަދު ބުނި ގޮތުގައި، މި ދައުވާއަކީ އެމްއޭސީސީން މުދާ ހާމަކުރުމަށް އެންގި އެންގުމަކާ ހިލާފުވި ކަމަށް ބުނެ އުފުލާފައިވާ ދައުވާއެކެވެ. މި ދައުވާގެ ސައްހަކަމާމެދު ސުވާލު އުފެދޭ ކަންކަން ހުރި ކަމަށް އޭނާ ފާހަގަކުރެއެވެ.

މި މައްސަލައިގައި ކޯޓުން ވަނީ 3 ލައްކަ ރިންގިޓްގެ ކަފާލާތެއްގެ ދަށުން އިސްމާއިލް ސަބްރީ ދޫކޮށްލާފައެވެ. އަދި އޭނާ ފިލައިގެން ދާނެ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ކަނޑައަޅައި، ޕާސްޕޯޓު ހިފެހެއްޓުމަށް ދައުލަތުން އެދުނު އެދުމަށް ކޯޓުން ވަނީ ދެކޮޅުހަދައިފައެވެ.

އިސްމާއިލް ސަބްރީއަކީ މަގާމުން ވަކިވެވަޑައިގަތުމަށްފަހު ޖިނާއީ ދައުވާއެއް އުފުލުނު މެލޭޝިއާގެ ކުރީގެ ތިންވަނަ ބޮޑުވަޒީރެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ ސެޕްޓެންބަރު މަހުގެ 29 ވަނަ ދުވަހުއެވެ.