މުއްދަތު ހަމަވެފައިވާ ނުވަތަ މުއްދަތު ހަމަވާ ދިވެހި ޕާސްޕޯޓުތަކުގެ މުއްދަތު، އަންނަ އަހަރުގެ ޖޫން 30 ގެ ނިޔަލަށް އިތުރުކޮށްދިނުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.

އީ-ޕާސްޕޯޓް ޕްރިންޓު ކުރުމަށް ބޭނުން ކުރާ "ޕާސްޕޯޓް ބުކްލެޓް"ގެ ސްޓޮކް ނުގެނެވި ލަސްވެފައިވާތީ، މިދިޔަ މެއި މަހުގެ އަށްވަނަ ދުވަހުން ފެށިގެން އީ-ޕާސްޕޯޓު ދޫކުރުން އިމިގްރޭޝަނުން ވަނީ މެދުކަނޑާލައިފައެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނިގޮތުގައި، މި ބަދަލު ގެނައީ 2016 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ޕާސްޕޯޓް ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ މެޝިންތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ސްޓޮކް ލިބުން ލަސްވުމުންނެވެ.

އެ މައްސަލަ މިހާރު ހައްލުކުރެވިފައިވީ ނަމަވެސް، އަންދާޒާކުރި މުއްދަތަށް ވުރެ ގިނަ ދުވަސް ހޭދަވެފައިވާތީ، އާ ސްޓޮކް ރާއްޖެއަށް ލިބޭނެ ކަމަށް ލަފާކުރެވެނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށް އެ ކުންފުނިން އަންގާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މިހާރު ހުރި ޕާސްޕޯޓު ސްޓޮކް މެނޭޖުކުރުމަށްޓަކައި ގެނައި މި ބަދަލުގެ ދަށުން، ރާއްޖޭގައި ހުރެގެން އާ ޕާސްޕޯޓެއް ހެއްދުމަށް ހުށަހަޅާ ފަރާތްތަކަށް އާ ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި، އެއްވެސް ފީއަކާ ނުލައި ކުރީގެ ޕާސްޕޯޓުގެ މުއްދަތު އިތުރުކޮށްދޭނެއެވެ.

މީގެ އިތުރުން، އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކުގެ ތެރެއިން އިންޑިއާ އަދި ސްރީލަންކާ ފަދަ ދިވެހިން އާންމުކޮށް ދަތުރުކުރާ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ މީހުންނަށް "އިމަޖެންސީ ޕާސްޕޯޓު" ދޫކުރުމަށް ވެސް ވަނީ ނިންމައިފައެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި، އެއްވެސް ފީއަކާ ނުލައި ދޫކުރާ މި ޕާސްޕޯޓަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ، އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ 8 ސަފުހާގެ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.

"ޕާސްޕޯޓު ބުކްލެޓް" ފޯރުކޮށްދޭ ކުންފުންޏަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި ވެސް މިފަދަ މައްސަލައެއް ދިމާވެފައިނުވާ އިތުބާރު ހުރި ކުންފުންޏެއްކަން އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ. ޕާސްޕޯޓު ދޫކުރުމަށް މި ބަދަލުތައް ގެނައި ނަމަވެސް، އެއްވެސް ދިވެހި ރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ހުރަހެއް ކުރިމަތިނުވާނެކަމުގެ ޔަގީންކަން އެ އިދާރާއިން ވަނީ ދީފައެވެ. އަދި މި ބަދަލާ ގުޅިގެން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އިމިގްރޭޝަނުން ވަނީ މައާފަށް އެދިފައެވެ.