މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު، މި މަހުގެ 31 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އަށް ހަމަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، އެ އޮފީހުގެ "ފޯމު ހުށަހެޅުން" މި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު ވަނީ ހުޅުވާލައިފައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ، ހަތަރު ގިންތިއަކުންނެވެ. އޭގެތެރޭގައި ހިމެނޭނީ:
- މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތި
- ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތި
- ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އާ އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތި
- ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވާ ގިންތި
ރައީސް އޮފީހުން ބުނީ އިނާމަށް ނަން ހުށަހަޅާ ފަރާތްތަކުން އިނާމަށް ހުށަހަޅާ އިރު، އިނާމު ދެވޭ ކޮންމެ ގިންތިއަކުން ފޯމާއެކީ ހުށަހަޅަންޖެހޭ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔުންތައް ހުށަހެޅުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދިނުމަށް ހާއްސަ އިނާމާ ބެހޭ ކޮމިޓީން އެދިފައިވާ ކަމަށެވެ.
ހާއްސަކޮށް ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްގެން އިނާމަށް ހުށަހަޅާ އިރު، ސަނަދު ދިން މަރުކަޒުން ނުވަތަ ކޯސް ފުރިހަމަކުރި މަރުކަޒުން ދީފައިވާ ކޯހުން 1 ވަނަ ނުވަތަ އެންމެ މަތީ ވަނަ ހާސިލުކުރިކަން އަންގައިދޭ ލިޔުމާއި ކޯހުން ހޯދައިފައިވާ މާކުހުގެ އެވްރެޖް ނުވަތަ ގްރޭޑް ޕޮއިންޓް އެވްރެޖް ބަޔާންކޮށްފައިވާ ލިޔުމާއި ރާއްޖެއިން ބޭރުގެ ޔުނިވާސިޓީ އަކުން ހާސިލުކޮށްފައިވާ ސަނަދެއް ކަމަށްވާ ނަމަ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަޔާންކޮށް ތައްގަނޑު ޖަހައިފައިވާ ސަނަދުގެ ކޮޕީ ހުށަހަޅަންޖެހޭތީ އާއި އިނާމަށް ހުށަހަޅާ ލިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހަން ޖެހޭތީ މިކަންކަމަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދިނުމަށް ވެސް ކޮމިޓީން އެދިފައިވެއެވެ.
އާއިޝަތު މާހާ
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ކޮމެންޓް