(24 އޯގަސްޓުގެ އަދަދާ ގުޅޭ)

عَــمـــــرو بـــن الــعــاص އަނެއްކާ ވިދިގެންއައި ދުވަހުވެސް ނަޖާޝީގެ ދަރުބާރަށް ހާޒިރުވެވަޑައިގެންނެވިއެވެ. ނަޖާޝީއާއި ފާދިރީން ކޯފާއިސްކުރުއްވާން ވިދާޅުވިއެވެ. "عـيســـى ގެފާނާމެދު މުސްލިމުންގެ ޢަޤީދާ އޮންނަގޮތް އެބައިމީހުންކުރެން އައްސަވައިބައްލަވާށެވެ. އެބައިމީހުން އެކަލޭގެފާނާމެދު ދައްކައިއުޅެނީ ވަރަށް ބޭއަދަބީ ވާހަކަތަކެކެވެ."

ނަޖާޝީ އަނެއްކާވެސް މުސްލިމުން ބަލައިފޮނުއްވައި ގެންނަވައިގެން ދަރުބާރަށް ހާޒިރު ކުރެއްވިއެވެ. عـيســـى ގެފާނަކީ إبـــن اللّــــه އޭ ނުބުނެފި ކަމުގައިވާނަމަ ނަޖާޝީއާއި ޢީސާއީ ރާހިބުން ކޯފާވެދާނެތީ އެބޭކަލުން ވިސްނައިވަޑައިގެންނެވިއެވެ. ނަމަވެސް جـعــفـــــر رضـــــى اللّــــه عــنــــه ވިދާޅުވިއެވެ. "ކޮންމެ ގޮތެއްވިޔަސް އަހަރެމެން ޖަވާބުދޭނީ ތެދުބަހުންނެވެ."

ނަޖާޝީ މުސްލިމުން ހާޒިރުކުރައްވައި ސުވާލު ކުރެއްވިއެވެ. "عـيســـى بـــن مــــــريـــــــم އާމެދު ތިޔަބައިމީހުން ޤަބޫލުކުރާ ގޮތަކީ ކޮބައިހެއްޔެވެ؟" جـعــفـــــر رضـــــى اللّــــه عــنــــه ޖަވާބު ދެއްވިއެވެ.

"އަޅުގަނޑުމެން އެކަލޭގެފާނާމެދު ބުނެއުޅެނީ އަރަހުށި މާތް اللّــــه އަޅުގަނޑުމެންގެ ރަސޫލާ މެދުވެރިކުރައްވައި އަޅުގަނޑުމެންނަށް އަންގަވައިފައިވާ ފަދައިންނެވެ. المـسـيـح عـيســـى ގެފާނު ވާކަން ކަށަވަރީ اللّــــه ގެ ރަސޫލަކު ކަމުގައެވެ. އަދި އެކަލާނގެ ކަލިމަފުޅެއް ކަމުގައެވެ. އެކަލާނގެ އެކަލިމަފުޅު مــــــريـــــــم ގެފާނާ ހަމަޔަށް ފޮނުއްވައި، އެކަމަނާގެ ގައިކޮޅުގައި އެކަލިމަފުޅު ލެއްވިއެވެ. އަދި އެއީ އެކަލާނގެ ޙަޟުރަތުން ލެއްވި ރޫޙުފުޅެކެވެ."

ނަޖާޝީ ބިންމަތީން ކުނިކޮޅެއް ނަންގަވައިފައި ވިދާޅުވިއެވެ. "واللّــــه އެވެ! عـيســـى ގެފާނުގެ ދަރަޖަ ތިޔަބައިމީހުން ތިޔަ ބަޔާންކުރި ވަރަށްވުރެ މިހައިކަންހައިވަރުވެސް އިތުރެއް ނޫނެވެ." އެ ދަރުބާރުގައި އިންނެވި ޢީސާއީ ބިޠުރީޤު ނިހާޔަތަށް ކޯފާއިސްވިއެވެ. އެހެނިހެން ފާދިރީންވެސް ޗުކުޗުކު އެޅުވިއެވެ. ނަމަވެސް ނަޖާޝީ އެކަމަކާ އަޅުއްވައެއް ނުލެއްވިއެވެ. قـــــريـش ންގެ ސަފީރުން އެރަސްގެފާނުގެ ދަރުބާރަށް ގެންނެވި ހަދިޔާތައް އެބައިމީހުނާ ޙަވާލުކުރައްވައިފައި އަނބުރާ ފޮނުއްވައިލައްވައިފިއެވެ."

މިއީ ޚާރިޖީ ސިޔާސަތުގެ މައިދާނުގައި قـــــريـش ންނަށް ލިބުނު ވަރަށް ހުތުރުކަންބޮޑު ނާކާމިޔާބީއެކެވެ. އިސްލާމީ ތަޙްރީކުގެ އެންމެފުރަތަމަ މުހިންމު ސިޔާސީ ކާމިޔާބީއެވެ. މި ކާމިޔާބީގެ ސަބަބުން އިސްލާމީ ތަޙްރީކަށް ބޭރުގެ ދުނިޔެއިން ވަނީ އެންމެފުރަތަމަ ފަހަރަށް މިނިވަން މާޙައުލެއް ލިބިފައެވެ. މުސްލިމުންނަށް ވަނީ ޤައުމީ ތަޝައްޚުޞެއް ލިބިފައެވެ.

މި ޙާދިސާއަކީ އިސްލާމީ ފަލްސަފާގައި ޤައުމިއްޔަތުގެ އުސޫލުތަކުގެ އަސްލުވެސް ބަޔާންވާ ހާދިސާއެކެވެ. އިސްލާމީ އުސޫލުގައި ޤައުމިއްޔަތުގެ އަސާސަކީ ވަޒަނެއް ނޫނެވެ. ޖަމާޢަތެއް ނުވަތަ ޤަބީލާއެއްވެސް ނޫނެވެ. މޮށެއުޅޭ ބަހެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ. އިސްލާމްދީނެވެ. އިސްލާމްދީނުގެ އަސާސްތަކުގެ މަންބަޢަކީ އެންމެފަހުގެ ނަބިއްޔާގެ ނުބުއްވަތެވެ.

މުސްލިމުން މުހާޖިރުން ޙަބަޝާގައި ތިއްބެވި ދުވަސްވަރު ދުޝްމިނުންގެ ބަޔަކު ނަޖާޝީގެ ރަށަށް ޙަމަލާދިނެވެ. އެބައިމީހުންނާ ހަނގުރާމަޔަށް ނުކުމެވަޑައިގެންނެވީ ޚުދު ނަޖާޝީއެވެ. ޞަޙާބީން އެކަމާބެހޭގޮތުން މަޝްވަރާކުރައްވާން އެއްވެވަޑައިގެންނެވިއެވެ. މަޝްވަރާއިން އެއްބަސްވެވަޑައިގެންނެވުނީ ކޮންމެވެސް އެއްބޭކަލަކު ހަނގުރާމަހިނގާ މައިދާނަށް ވަޑައިގެން ޚަބަރު ފޮނުއްވަމުން ގެންދަވާށެވެ. ބޭނުންވެއްޖެ ހިނދެއްގައި ހުރިހައި ބޭކަލުން ނަޖާޝީއަށް މަދަދުކުރައްވާށެވެ. މުހާޖިރުންގެ ތެރެއިން އެންމެ ހަގުބޭކަލަކީ الـــزّبــيـــر بـــن الــعـــوّام رضـــــى اللّــــه عــنــــه އެވެ. އެކަލޭގެފާނު އެޚިދުމަތަށް ނަންފުޅު ހުށަހެޅުއްވިއެވެ. ދިބާޣުކުރި ހަމުން ހަދައިފައިވާ ވައިޖަހާ ހަމެއްގެ އެހީގައި ނީލަކޯރުގައި ފައްތަވައިފައި ހަނގުރާމައިގެ މައިދާނަށް ވަޑައިގެންނެވިއެވެ. އަނެއްކޮޅުން ޞަޙާބީން ގެންދެވީ ނަޖާޝީއަށް ފަތަޙަދެއްވުން އެދިވަޑައިގެން މާތް اللّــــه ގެ ޙަޟުރަތަށް ދުޢާކުރައްވަމުންނެވެ. ދުވަސްކޮޅެއްވީތަނާ الـــزّبــيـــر رضـــــى اللّــــه عــنــــه އެނބުރިވަޑައިގެން ނަޖާޝީއަށް ފަތަޙަ ލިބިވަޑައިގެންނެވިކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ. (ســيــرة الــنـّـبــيّ صــلّـــــى اللّــــه عــلـيــــه وســلّـــــم: عــلاّمــــة شـبـــلـــى نـعــمـــانـــى، عــلاّمــــة سـيّـــد ســلـيـمــان نــــدوى)

މުސްލިމުންގެ ދުޝްމިނެއްކަމުގައިވާ ހިތްކަޅު އޮރިއެންޓަލިސްޓް ޑޭވިޑް ސެމިއުލް މާގަލިޔުޘް ވަނީ މުސްލިމުން ޙަބަޝާއަށްކުރި ހިޖްރައިގެ ސޫރަ ބަދަލުކޮށް ޙަޤީޤަތް އޮޅުވައިލާން މަސައްކަތް ކޮށްފައެވެ. އޭނާ ލިޔެފައިވެއެވެ.

"قـــــريـش ންނާ ކުރިމަތިނުލެއްވޭނެކަން محــمّــــد (صــلّـــــى اللّــــه عــلـيــــه وســلّـــــم) އަށް ކަށަވަރުވެވަޑައިގެންނެވުމުން ޙަބަޝީންނާ ގުޅިވަޑައިގެން ޙަބަޝީން ގަންނަވައި މައްކާއަށް ޙަމަލަ ދެއްވާން ރޭއްވެވުމެއް ރޭއްވެވިއެވެ. قـــــريـش ންގެ ބާރު ކަނޑުއްވައިލައްވާށެވެ. ޙަބަޝީންގެ މީހެއްކަމުގައިވާ އަބްރަހަތުލް އަޝްރަމު ގެފުޅު މުގުރުއްވާން ވަޑައިގެންނެވިކަން އެކަލޭގެފާނަށް އެނގިވަޑައިގެންފައިވާތީއެވެ. އެގޮތުން ހިޖްރަކުރެއްވުމުގެ ބަހަނާގައި އެކަލޭގެފާނުގެ ޞަޙާބީންގެ ބަޔަކު ޙަބަޝާއަށް ފޮނުއްވިއެވެ. އެކަމަކު ނަޖާޝީ މައްކާއަށް ވަޑައިގެންފި ކަމުގައިވާނަމަ މައްކާއަށް ވެރިވެވަޑައިގެންފާނެކަން ވިސްނިވަޑައިގެން އެޚިޔާލުފުޅު ދޫކޮށްލެއްވިއެވެ." މިއީ ހިތްކަޅު އޮރިއެންޓަލިސްޓުން އުފައްދާން އާދަވެފައިވާ ޒާތުގެ އެއްވެސް އަސްލެއްނެތް ވާހަކައެކެވެ.

ހަމައެފަދައިން އޭނާ ވަނީ جـعــفـــــر بـــن أبـــى طــالــب رضـــــى اللّــــه عــنــــه ނަޖާޝީގެ ދަރުބާރުގައި ދެއްވި ތަޤްރީރާއި އެ ދަރުބާރުގައި ދެކެވުނު ވާހަކަތަކާމެދުވެސް ޝައްކު އުފައްދާން މަސައްކަތް ކޮށްފައެވެ. އޭނާ ލިޔެފައިވަނީ ނަޖާޝީއަށް ޢަރަބިބަސް އެނގިވަޑައިނުގަންނަވާ ކަމުގައެވެ. ނަމަވެސް ޢަރަބި ބަހަކީ އެޒަމާނުގައި ޙަބަޝާގެ މީހުން އެއްވެސް އުނދަގުލަކާނުލައި ވާހަކަދައްކައި އުޅުނު ބަހެކެވެ. ދެފަރާތުގެ ދެމެދުގައި އަންދުވަހުއްސުރެ އޮތް ވިޔަފާރީގެ ގުޅުމުގެ ސަބަބުންނެވެ. އެދުވަސްވަރުގެ ޙަބަޝީންގެ ބަހާއި ޢަރަބިބަހާ ވަރަށް ކައިރިއެވެ. އަނެއްކާ އެޒަމާނުގައިވެސް ރަސްރަސްކަލުންގެ ދަރުބާރުގައި ތަރުޖަމާނުން ތިއްބަވައެވެ. جـعــفـــــر رضـــــى اللّــــه عــنــــه ނަޖާޝީގެ ދަރުބާރުގައި ތަޤްރީރުކުރެއްވި ވާހަކައާއި އެދަރުބާރުގައި ދެކެވުން ވާހަކަތައް އިތުބާރުހުރި އެތައް ރިވާޔަތްތަކަކުން އެތަކެއް ރާވީންނެއްގެ އަރިހުން ރިވާވެގެން އިސްލާމީ ތާރީޚުގައިވަނީ ބަޔާންކުރެވިފައެވެ. ހާދިސާ ހިނގިއިރު ހާޒިރުވެވަޑައިގެން ތިއްބެވި ރާވީންގެ ދޫފުޅުންނެވެ. އެރާވީންގެ ތެރެއިން އެންމެ ޚާއްޞަ އެއްރާވީއަކީ أمّ المــؤمــنـــيـــن السّــيّــدة أمّ سَـلَــمَــةُ رضــــى اللّــــه عــنـــهـــا (السّــيّــدة هِـنـــدُ بـــنت أبـــــى أُمَــيّـــة المخـــزومــــى) އެވެ. އެކަމަނާއަކީ ޙަބަޝާއަށް އެންމެފުރަތަމަ ހިޖްރަކުރެއްވި މުހާޖިރުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ. އެކަމަނާގެ ކުރީގެ ފިރިކަލުންގެ އަރިހުގައެވެ. جـعــفـــــر رضـــــى اللّــــه عــنــــه ނަޖާޝީގެ ދަރުބާރުގައި ތަޤްރީރު ކުރެއްވިއިރު އެކަމަނާ އެތާނގައި އިންނެވިއެވެ. (ســيــرة الــنـّـبــيّ صــلّـــــى اللّــــه عــلـيــــه وســلّـــــم: عــلاّمــــة شـبـــلـــى نـعــمـــانـــى، عــلاّمــــة سـيّـــد ســلـيـمــان نــــدوى)

މުސްލިމުން ޙަބަޝާގައި އަމާންކަމުގައި ހަމަޖެހިވަޑައިގެން އުޅުއްވާތާ ދުވަސްކޮޅެއް ވީތަނާ ޙަބަޝާގައި ފެތުރުނު ޚަބަރަކީ މައްކާގެ ކާފަރުން އިސްލާމްވެ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ތަބާވި ވާހަކައެވެ. ޝައްކެއްނެތެވެ. ޙަބަޝާގައި ބީރައްޓެހި ޙާލުކޮޅުގައި ތިއްބެވި މުހާޖިރު ޞަޙާބީން އެއަށްވުރެ އުފާފުޅުވާނެކަމެއް ނޯންނާނެއެވެ. އެހެންކަމުން އެޚަބަރު ލިބިވަޑައިގެންނެވުމާއެކު އެޚަބަރުގެ ދޮގުތެދު ބެއްލެވުމެއްވެސްނެތި ގިނަބޭކަލުން މައްކާއަށް އެނބުރި ވަޑައިގެންފިއެވެ. އެޚަބަރަކީ ދޮގު ޚަބަރެއްކަން އެނގިވަޑައިގެންނެވީ މައްކާއާ ދާދިކައިރިޔަށް ވަޑައިގެންނެވި ފަހުންނެވެ. އެހެންކަމުން ބައެއް ބޭކަލުން ޙަބަޝާއަށް އެނބުރި ވަޑައިގެންނެވިއިރު ބައެއް ބޭކަލުން ސިއްރުސިއްރުން މައްކާއަށް އަރައިވަޑައިގެންނެވީއެވެ.

މައްކާއަށް އަރައިވަޑައިގެންނެވި ބޭކަލުން ކޮންމެވެސް ތިމާގެފުޅު ބޭކަލެއްގެ ނުވަތަ ރަޙްމަތްތެރިޔެއްގެ ޙިމާޔަތް ހޯއްދަވައިގެން ދުވަސްކޮޅަކު މައްކާގައި މަޑުކުރެއްވިއެވެ. މައްކާގައި މަޑުކުރެއްވި ބޭކަލުންގެ ތެރެއިން عــثـمــان بـــن مظــعــــون رضـــــى اللّــــه عــنـــــه ގެ ވާހަކަ އަޅުގަނޑުވަނީ އިސްވެ ބަޔާންކޮށްފައެވެ. މުހާޖިރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ أبـــو سَـلَــمَــة عـبــد اللّــــه بـــن عـبــد الأســـد رضـــــى اللّــــه عــنــــه މައްކާއަށް އަރައިވަޑައިގެންނެވީ އެކަލޭގެފާނުގެ މާބެ (މައިފުށުގެ ބޮޑުބޭބޭފުޅު) أبـــوطــالــب ގެފާނުގެ ޙިމާޔަތުގައެވެ.

މިޚަބަރު ފެތުރުމުގެ އެއްސަބަބަކަށްވީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم، مسجـدالحــــــرام ގައި قـــــريـش ންވެސް ތިއްބައި ނަމާދުފުޅެއް ކުރެއްވިއިރު ســـــورة الـنّـجــــم ކިޔަވައިވިދާޅުވަމުން ގެންދަވައި اَفَـــــرَاَيْــتُـــمُ الَّـلاتَ وَالْــعُـــــزَّى* وَمَــنَــاةَالـــثَّــــالِــثَـــةَاْلأُخْـــــرَاى* މިހައިތަނަށް ކިޔަވައި ވިދާޅުވެފައި ސަޖިދަކުރެއްވުމުން މުޝްރިކުން އޮޅުމެއްގެ ތެރޭގައި ފަހަތްޕުޅުން ސަޖިދަ ކުރުމުން އެޚަބަރު ޙަބަޝާއަށް ދިޔަގޮތުންކަމުގައި ވެދާނެއެވެ. މިއޮޅުން އަރާންޖެހުނީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ކީރިތި قــــــرآن ކިޔަވައިވިދާޅުވާއިރު މީހުންނަށް ފަހުމުވިޔަނުދޭން قـــــريـش ން ހަޅޭއްފަޅޭއްލަވައި އުޅޭތީއެވެ.

މި ހާދިސާއާ ގުޅުވައިގެން ސީރަތުގެ ބައެއް ލިޔުންތެރީން ބަޔާންކުރައްވައިފައިވާ غَــــرانــيــق ގެ ހާދިސާއާއި މުސްލިމުންކުރެ ބައެއްގެ އަތުން ދެލިގެންގޮސްގެން ސަރ ވިލިޔަމް މުއިރު ފަދަ ހިތްކަޅު އޮރިއެންޓަލިސްޓުން ދިގުކޮށް ފުޅާކޮށް ފޮނިތޮށި ކާފޫރުތޮޅި އަޅައިގެން ދަމައިފައިވާ ހާސަރުތަކުގެ ތެރެޔަށް ވަނުމުގެ ބޭނުމެއް އަޅުގަނޑުގެ ނެތެވެ. އެވާހަކަތަކަކީ ނަބީބޭކަލެއްގެ ޢިސްމަތްތެރިކަމާ ކަނޑައެޅިގެން ފުށުއަރާ ވާހަކަތަކަކަށް ވާތީއެވެ.

ކޮންމެއަކަސް މަދީނާގައި އިސްލާމްދީން ފެތުރޭންފެށީ ޙަބަޝާގެ މުހާޖިރުންކުރެ މައްކާއަށް ވަޑައިގެންނެވި ބޭކަލުންވެސް އެނބުރި ޙަބަޝާއަށް ވަޑައިގެން އަމާންކަމާއެކު ޙަބަޝާގައި ދިރިއުޅުއްވަމުން ގެންދަވަނިކޮށެވެ. މަދީނާގައި އިސްލާމްދީން ފެތުރޭން ފެށުމުން ބައެއް ބޭކަލުން މައްކާގެ މަގުން ވަނީ މަދީނާއަށް ހިޖްރަކުރައްވައިފައެވެ. މުހާޖިރުން އެކި ސިފަސިފައިގައި މަދީނާއަށް ވަޑައިގަންނަވަމުން ގެންދަވައި ޙަބަޝާގައި އެންމެފަހަށް ތިއްބެވި ބޭކަލުން މަދީނާއަށް ގެންނެވީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެބޭކަލުންނަށް ފަތްކޮޅެއް ފޮނުއްވައިގެންނެވެ. އެކަން ހިނގީ ހިޖްރައިން ހަތްވަނަ އަހަރުއެވެ. އެބޭކަލުން ޢަރަބިކަރަޔަށް ވަޑައިގެންފައި އެންމެފުރަތަމަ ވަޑައިގެންނެވީ ޚައިބަރަށެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އޭރު ހުންނެވީ ޚައިބަރު ހަނގުރާމަޔަށް ވަޑައިގެން ޚައިބަރުގައި ކަމުގައިވާތީއެވެ.

(ނުނިމޭ)