އެމެރިކާގެ ކަރަންޓު ވިއުގައިގައި ބޭނުންކުރާ ބޭރު ގައުމުތަކުގެ އާލާތްތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު އިއުލާންކުރައްވައިފިއެވެ.

ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ޓްރަމްޕް ސޮއިކުރެއްވި ރިޔާސީ ގަރާރުގެ ދަށުން، އެމެރިކާގެ "ބަލްކް-ޕަވަރ ސިސްޓަމް" ގައި ބޭނުންކުރާ ބައެއް ބާވަތްތަކުގެ އާލާތްތައް ގަތުމާއި، އެތެރެކުރުން އަދި ހަރުކުރުން ކުންފުނިތަކަށް މަނާވާނެއެވެ. އެ ގަރާރުގައި މާނަކޮށްފައިވާ ގޮތުގައި، ބަލްކް-ޕަވަރ ސިސްޓަމަކީ މުޅި ގައުމަށް ކަރަންޓު ފޯރުކޮށްދޭ ހައި-ވޯލްޓޭޖް ލައިންތަކާއި، ސަބްސްޓޭޝަންތަކާއި އަދި އިންޖީނުގެތަކުގެ މައްޗަށް އެކުލެވޭ ވިއުގައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ސަބަބެއް ކަމަށް އެ ގަރާރުގައި ބަޔާންކޮށްފައިވަނީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޑޭޓާ ސެންޓަރުތަކާއި ޓެކްނޮލޮޖީގެ އެހެނިހެން މަޝްރޫއުތަކުގެ ސަބަބުން ކަރަންޓަށް އޮންނަ ބޭނުންތެރިކަން ބޮޑުވެ، ކަރަންޓު ވިއުގައަކީ ދުޝްމަނުންގެ އަމާޒަކަށް ވެފައިވުމެވެ. އަދި ބޭރުން ގެންނަ އާލާތްތަކުގެ ސޮފްޓްވެއަރގައި ފޮރުވިފައިވާ ސިއްރު އެކްސެސް ޕޮއިންޓްތަކެއް ހުރެދާނެ ކަމަށާއި، އޭގެ ސަބަބުން އެހެން ގައުމަކަށް އެމެރިކާގެ ކަރަންޓު ވިއުގަ ކޮންޓްރޯލްކުރުމުގެ ނުވަތަ ކަނޑާލުމުގެ ބާރު ލިބިދާނެ ކަމަށްވެސް އެ ގަރާރުގައި އިންޒާރުދީފައިވެއެވެ.

މި ގަރާރު ހިނގާނީ އެމެރިކާއިން ހަތިޔާރު ވިއްކުން މަނާކޮށްފައިވާ ނުވަތަ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ގައުމުތަކަށާއި، އެމެރިކާގެ މަސްލަހަތާ ދެކޮޅަށް މަސައްކަތްކުރާ ކަމަށް ސަރުކާރުން ކަނޑައަޅާ ގައުމުތަކަށެވެ. މި ގަރާރު ތަންފީޒުކުރުމަށް ބޭނުންވާ ގަވާއިދުތައް ހެދުމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނާޖީއަށް 120 ދުވަހުގެ މުހުލަތެއް ވަނީ ދީފައެވެ.