ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ އެތައް ދުވަހެއްގެ ދިރާސާތަކާއި ފަންނީ ލަފާގެ މަތިން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށާއި، އެ ބަދަލުތަކަށް އާންމު ރައްޔިތުންގެ ފުރިހަމަ ތާއީދު އެބައޮތްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން މިރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިގްތިސޯދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ގެންނަ އިސްލާހުތަކާ މެދު ސިޔާސީ ގޮތުން އެކި ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުކުރި ނަމަވެސް، މިއީ ގައުމުގެ ހައްގުގައި އަޅަން މަޖުބޫރުވެފައިވާ ފިޔަވަޅުތަކެއްކަން ރައްޔިތުން ދަންނަ ކަމަށެވެ.

"ދެން ތި ވިދާޅުވިހެން ސިޔާސީ ގޮތުން އެކި ކަހަލަ ބޭފުޅުން، އެކިކަހަލަ ވާހަކަ އެބަ ދައްކާ. އެކަމަކު ޖުމްލަކޮށް އިރާދަކުރެއްވިއްޔާ އާންމު ރައްޔިތުން ގަބޫލު ކުރައްވާ، އިގްތިސޯދީ ހާލަތު ރަނގަޅުކުރުމަށްޓަކާ، ހާއްސަކޮށް ބޭރު ފައިސާއާ ގުޅިފައިވާ މައްސަލަ ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން މި އަޅާ ފިޔަވަޅުތަކަކީ އަޅަން ޖެހޭ ފިޔަވަޅުތަކެއްކަން،" ރައީސް ވިދާޅުވި އެވެ.

ބޭރު ފައިސާގެ މުއާމަލާތްތައް ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ނިންމައި ގާނޫނީ ބަދަލުތައް ގެންނަން ފަށާފައެވެ. އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާއިން ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާ މާރުކުރަންޖެހޭ މިންވަރު 20 ޕަސަންޓުން 40 ޕަސަންޓަށް އިތުރުކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މީގެއިތުރުން، ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މީހުންނާއި، އެފަދަ ވާހަކަތައް މީޑިއާތަކުގައި ޝާއިއުކުރާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

ހަމައެއާއެކު، ބައެއް ޓެކްސްތައް ޑޮލަރުން ނެގުމަށާއި، މިހާރު ހުރި ބައެއް ޓެކްސް ރޭޓުތައް މަތިކުރުމަށް ގާނޫނަށް އިސްލާހު ގެނެސްފައިވާއިރު، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މުސާރަ ރާއްޖޭގެ ބޭންކު އެކައުންޓުތައް މެދުވެރިކޮށް ދިނުން ވަނީ ލާޒިމްކޮށްފައެވެ.

އަދި 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގައި ޑޮލަރުން މުސާރަ ދިނުން އެއްކޮށް ހުއްޓުވުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އަމާޒެކެވެ.

އެ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ސަރުކާރުން އެއްވެސް ކަމެއް ކުއްލިއަކަށް، ވިސްނުމެއް ނެތި ނުނިންމާ ކަމަށެވެ. އެ ނިންމުންތަކަކީ ތައުލީމީ އަދި ތަޖުރިބާކާރު ޓީމުތަކަކުން ބޭރު ގައުމުތަކުގެ އުސޫލުތައް ދިރާސާކޮށް، ހެކިތަކުގެ މައްޗަށް ބިނާކޮށް (ފެކްޓް ބޭސްޑްކޮށް) ނިންމާފައިވާ ކަންކަންކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެނާވެސް މަޝްވަރާކޮށްގެން މި ކަންތައްތައް މި ކުރިއަށްގެންދަނީ. އަޅާ ފިޔަވަޅުތައް ގާނޫނެއް ހެދިޔަސް އަދި ގާނޫނަކަށް އިސްލާހެއް ގެނަޔަސް މި ހުރިހާކަމެއްވެސް މި ކުރަނީ ފެކްޓް ބޭސްޑްކޮށް. އަޅުގަނޑުމެން ހަމަ ތިބެފަ ކަމެއް ނުކުރަން. އެތައް މަހެއް އެތައް ދުވަހެއްގެ މަޝްވަރާއާއި އަދި ޓެކްނިކަލް އިވޭލުއޭޝަންތަކާއި ދިރާސާތަކާއި ބޭރު ގައުމުތަކުގައި އެކަންކަންކޮށްފަ ހުންނަ ހުރިހާކަމެއްވެސް އަޅުގަނޑުމެންގެ ޓީމުތަކުން ބަލާ." ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސޯދީ ދުވެލި ފުޅާކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ގައުމުގެ އިގްތިސޯދަށް ގެއްލުންވާނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ. އަދި ސިޔާސީ ބޭނުމުގައި ދައްކާ ވާހަކަތަކަށް ވުރެ، މި ފިޔަވަޅުތަކުން އިގްތިސޯދަށް ނެރެވޭނެ ހެޔޮ ނަތީޖާ މާ ބޮޑުވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.