ބޭރުފައިސާގެ ލިބުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޑޮލަރާ ގުޅޭ ސިޔާސަތުތައް ވަކިގޮތްތަކަކަށް ބައްޓަންކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، ކުރިން ގާނޫނުގައި އޮވެ ތަންފީޒުނުކުރެވި ހުރި ކަންކަން ހަރުދަނާ އުސޫލެއްގެ ދަށުން ކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޭރުފައިސާގެ މައްސަލައާ ގުޅިގެން އެކިއެކި ފަރާތްތަކުން އެކި ވާހަކަތަކައް ދެއްކި ނަމަވެސް، އެއީ މިވަގުތަށް ކޮންމެހެންވެސް އަޅަންޖެހިފައިވާ ރަނގަޅު ފިޔަވަޅުތަކެއް ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ އިގްތިސޯދީ ކުރިއެރުުވުމަށް. އެހެންވީމަ އަޅުގަނޑުމެންނެއް ނުކުރާނަން އިގުތިސޯދީ ކުރިއެރުމަށް ހުރަސްއެޅޭ އެއްވެސްކަމެއް. ދެން ހަމަ ބޭރުފައިސާގެ ކަންކަމުގައި އެއަޅާ ފިޔަވަޅުތައްވެސް ހަމަޔަގީނުންވެސް އޭގެ ނަތީޖާތައް ރަނގަޅުވާނެ. ސިޔާސީ ބޭނުމެއްގަ ބައެއް ފަރާތްތަކުން އެކިކަހަލަ ވާހަކަތައް ދައްކަފާނެ. އެކަމު އޭގެ ނަތީޖާ ޖުމްލަކޮށް ވަރަށް ރަނގަޅުވާނެ." ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ހުރިހާ ފިޔަވަޅުތަކަކީ ފެކްޓް ބޭސްޑް ފިޔަވަޅުތަކެއް ކަމަށެވެ. އެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ސަރުކާރުންވަނީ އެތައް ދުވަހެއް ވަންދެން މަޝްވަރާކޮށް، ޓެކްނިކަލް އިވޭލުއޭޝަންތަކާއި ދިރާސާތައް ހަދާފައިކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ފަންނީ ތަޖުރިބާކާރުންގެ ޓީމުތަކުން ރަނގަޅު ޕްރޮސެސްއެއްގެ ތެރެއިން އެ ފިޔަވަޅުތައް ހަރުދަނާކަމާއެކު ތަންފީޒު ކުރަމުންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެނާވެސް މަޝްވަރާކޮށްގެން މި ކަންތައްތައް މި ކުރިއަށްގެންދަނީ. އަޅާ ފިޔަވަޅުތައް ގާނޫނެއް ހެދިޔަސް އަދި ގާނޫނަކަށް އިސްލާހެއް ގެނަޔަސް މި ހުރިހާކަމެއްވެސް މި ކުރަނީ ފެކްޓް ބޭސްޑްކޮށް. އަޅުގަނޑުމެން ހަމަ ތިބެފަ ކަމެއް ނުކުރަން. އެތައް މަހެއް އެތައް ދުވަހެއްގެ މަޝްވަރާއާއި އަދި ޓެކްނިކަލް އިވޭލުއޭޝަންތަކާއި ދިރާސާތަކާއި ބޭރު ގައުމުތަކުގައި އެކަންކަންކޮށްފަ ހުންނަ ހުރިހާކަމެއްވެސް އަޅުގަނޑުމެންގެ ޓީމުތަކުން ބަލާ." ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް