"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ މައުލޫމާތު ސާފުކުރުމަށް ދީފައިވާ މުއްދަތު 21 ދުވަހަށް އިތުރުކުރަން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި، އެޕްލިކަންޓުން ހުށަހަޅާފައިވާ މައުލޫމާތުގައި ފުށުއެރުމެއް ހުރި ނަމަ، އެކަމާ ގުޅޭ ސައްހަ މައުލޫމާތު ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް ސާފުކޮށްދިނުމަށް ކުރިން ދީފައިވަނީ ހަތް ދުވަހުގެ މުއްދަތެކެވެ. ނަމަވެސް، މި މުއްދަތު 21 ދުވަހަށް އިތުރުކުރީ އެޕްލިކަންޓުންނަށް އިތުރު ލުއިފަސޭހަކަން ދިނުމުގެ ގޮތުން ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.

މި 21 ދުވަހުގެ މުއްދަތުގެ ތެރޭގައި، ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ސާފުކޮށްދިނުމުގެ ފުރުސަތު އެޕްލިކަންޓުންނަށް ލިބޭނެއެވެ. އަދި އޭގެ އިތުރުން، އެކަމާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު ވެސް މި މުއްދަތުގެ ތެރޭގައި އެޕްލިކަންޓުންނަށް ދެވިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

އެ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބެއް ހުށަނާޅައިފިނަމަ، އެ އެޕްލިކޭޝަނަކީ ޝަރުތު ހަމަނުވާ ނުވަތަ ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލުމަށް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ އެޕްލިކޭޝަނާ ގުޅިގެން ފާހަގަކުރާ މައްސަލަތަކަށް ޖަވާބު ހުށަހެޅުމަށް ބޭނުންކުރަންޖެހޭނީ ހަމައެކަނި "ބޯހިޔާވަހިކަން" ޕޯޓަލް ކަމަށާއި އީމެއިލް، ސިޓީ ނުވަތަ އެހެން އެއްވެސް ވަސީލަތަކުން ހުށަހަޅާ ޖަވާބުތައް މި މަރުހަލާގައި ބަލައިނުގަންނާނެ ކަމަށެވެ.

މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި 58،505 ފޯމު ވަނީ ހުށަހަޅައިފައެވެ. މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35,930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22,575 ފޯމެވެ. ސަރުކާރުން މިހާރު އަންނަނީ އެ ފޯމުތައް ވެރިފައި ކުރުމުގެ މަސައްކަތްކުރަމުންނެވެ.

މިއީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި ސަރުކާރަކުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމަކަށް އެންމެ ގިނަ އަދަދަކަށް ފޯމު ހުށަހެޅި ފަހަރެވެ. މީގެ ކުރިން އެންމެ ގިނައިން ފޯމު ހުށަހަޅާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ސްކީމަށެވެ. އެ ފަހަރު ހުށަހަޅާފައިވަނީ 40,000 އަށްވުރެ ގިނަ ފޯމެވެ.

މިދިޔަ ޖެނުއަރީ މަހުގެ 18 ގައި އިއުލާން ކުރި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އޭގެ ތެރެއިން ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓާއި، މާލޭގައި ރަށްވެހިވެފައި ނުވި ނަމަވެސް މާލޭގައި ދިރިއުޅޭ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ ކެޓަގަރީތަކަށް 2,400 ފްލެޓެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މިހާރު ހިއްކަމުންދާ ރަސްމާލެއިން ޖުމްލަ 25,000 ގޯތި ދޫކުރުމަށް ވަނީ އަމާޒު ހިފައިފައެވެ. ނަމަވެސް މިހާރު ހުޅުވާލާފައިވާ މި ފުރަތަމަ ބުރުގައި އެ ސަރަހައްދުން ދޫކުރާނީ 15,000 ގޯއްޗެވެ.

މިދިޔަ ޖޫން މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވެފައިވަނީ ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް ބަލައި ޗެކްކުރުމަށްފަހު މިއަހަރުގެ ތެރޭގައި ލިސްޓް އިއުލާނު ކުރާނެ ކަމަށާއި ގޯތީގެ މަޝްރޫއާ ގުޅޭ މަސައްކަތްތައް ސަރުކާރުން ކުރިއަށްގެންދަނީ ހާއްސަ ސަމާލުކަމެއްދީގެން އެއްވެސް ފަރާތެއްގެ ނުފޫޒު ފޯރުވުމެއްނެތި ކަމަށެވެ. މީގެ ކުރީގެ މަޝްރޫއުތަކުގައި ނުފޫޒު ފޯރުވައިގެން ބައެއް ފަރާތްތަކުން ނުހައްގުން ފްލެޓާއި ގޯތި ހޯދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވެ އެކަހަލަ އެއްވެސް ޝަކުވާއެއް ނާންނާނެ ގޮތަށް އެ ޔަގީންކަން ރައްޔިތުންނަށް ދެމުން އަޅުގަނޑުމެން އެކަން [ގޯއްޗާއި ފްލެޓް ދިނުން] މިކުރަނީ." ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ މި ސަރުކާރުން ދޭ އެއްވެސް ބޯހިޔާވަހިކަމަކީ ވަކި މީހެއްގެ މީހަކަށްވީތީ ދޭ އެއްޗަކަށް ނުވާނެ ކަމަށެވެ.

"އެ ޔަގީންކަން އަޅުގަނޑުދެން، ގޯއްޗެއް ވިޔަސް ފްލެޓެއް ވިޔަސް ދޭނީ އެމީހަކަށް ހައްގުވީމަ" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ ގޯއްޗާއި ފްލެޓްތައް ދިނުމުގެ ކުރިން ހުށަހަޅާފައިވާ ތަފްސީލްތައް ވެރިފައިކުރުމަށްފަހު ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާނެ ކަމަށާއި އެހެންވެ އެކަމަށް އެކަށީގެންވާ ވަގުތުދޭން ނިންމާފައިވާ ކަމަށެވެ.