އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އަހުމަދު އަބުދުﷲ އިސްތިއުފާ ދެއްވައިފިއެވެ.

ބާރަށު އަދި އިހަވަންދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ އަހުމަދު އަބުދުﷲ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވައި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ފޮރިން މިނިސްޓަރު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރަސްމީކޮށް އިއުލާން ކުރެއްވުމާ ގުޅިގެން، އެމަނިކުފާނުގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވުމަށް، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޕާޓީގެ ރައީސް އާއި ނައިބު ރައީސް އަދި ޗެއާޕާސަން އާއި ޑެޕިއުޓީ ޗެއާޕާސަނުންނަކީ ޕާޓީގެ އެކި އެކި މަގާމުތަކަށް ވާދަކުރާ ހުރިހާ ކެނޑިޑޭޓުންގެ ހައްގުތައް ހަމަހަމަކަމާ އެކު ހިމާޔަތް ކުރަންޖެހޭ ބަޔަކަށްވާތީ، އެ މަގާމުތަކުގައި ތިބެގެން ވަކި ކެނޑިޑޭޓަކަށް މަސައްކަތް ކޮށްދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުގައި އަހުމަދު އަބުދުﷲގެ އިތުރުން ދެން ހުންނެވީ އިބްރާހިމް ވަހީދު (އިބްރޭ)އެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އަހުމަދު އަބުދުﷲ އިސްތިއުފާ ދެއްވި އިރު، ޝާހިދު ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައި އެމްޑީޕީގެ ރައީސްގެ މަގާމުން ވަނީ އިސްތިއުފާ ދެއްވައިފައެވެ.

ޝާހިދު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވީ މިމަހު 14 ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައެވެ.