ބަންގްލަދޭޝްގެ ގާނޫނުހަދާ މަޖިލިސް ނުވަތަ ޖަތިޔާ ސަންގުސާދުގެ މެންބަރުންގެ މެދުގައި މިދިޔަ ބުރާސްފަތިދުވަހު ނެގި ވޯޓަކުން އެގައުމުގެ ރައީސްކަމަށް މިރްޒާ ފަޚުރުލް އިސްލާމް އާލަމްގީރު ވަނީ އިންތިޚާބުކޮށްފައެވެ. އުމުރުފުޅުން 78 އަހަރުވީ އާލަމްގީރަކީ ވެރިކަންކުރާ ބީއެންޕީގެ މެންބަރެކެވެ. އޭނާ އިންތިޚާބު މިކުރީ ކުރިން ހުންނެވި ރައީސް މުހައްމަދު ޝިހާބުއްދީނުގެ ދައުރު ހަމަވެގެނަކުން ނޫނެވެ. އޭނާގެ ދައުރު ހަމަވުމުގެ ދެ އަހަރު ކުރިން އިސްތިއުފާ ދެއްވުމުންނެވެ. އިސްތިއުފާ ދެއްވީ ބަލި ހާލަތު ހުރިގޮތުން ކަމަށް ވިދާޅުވެފައެވެ. އެކަމަކު އެއީ އަސްލު ސަބަބެއް ނޫނެވެ. އަލަށް އިންތިޚާބުކުރި ރައީސް އާލަމްގީރަށްވުރެ ޝިހާބުދީން ދެ އަހަރު ހަގެވެ. ސިއްހަތުވެސް ރަގަޅެވެ. އޭނާ އިސްތިއުފާ ދެއްވުމުގެ އަސްލު ސަބަބަކީ ސިޔާސީ ފިއްތުންތަކެވެ. ޝިހާބުއްދީނަކީ ވެރިކަމުން ދުރުކުރެވުނު ކުރީގެ ބޮޑުވަޒީރު ޝައިޚު ހަސީނާގެ މިތުރެކެވެ. އެކަމަނާގެ ޕާޓީކަމަށްވާ އަވާމީ ލީގުގެ މެންބަރެކެވެ.

އޭނާ ބަންގްލަދޭޝްގެ ރައީސްކަމަށް 2023 ވަނަ އަހަރު އިންތިޚާބުކުރީވެސް ހަސީނާ އަންގަވައިގެން އޭރު ޕާލަމެންޓުގެ އަޣުލަބިއްޔަތު ލިބިފައިއޮތް އަވާމީ ލީގުގެ މެންބަރުންގެ ވޯޓަކުންނެވެ. ހަސީނާގެ ވެރިކަން ނިމުމަށްފަހު މިއަހަރުގެ ފެބްރުއަރީ މަހު ބޭއްވި އާއްމު އިންތިޚާބުގައި ޕާލަމެންޓުގެ ކޮންޓްރޯލް ނެގީ ބަންގްލަދޭޝް ނެޝަނަލް ޕާޓީ، ބީއެންޕީންނެވެ. ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ ބީއެންޕީގެ ލީޑަރު ތާރިގުއް ރަހުމާނެވެ. އޭނާއަކީ ކުރީގެ ބޮޑުވަޒީރެއް ކަމުގައިވި ބޭގަމް ޚާލިދާގެ ދަރިކަލުންނެވެ. އެންމެފަހުގެ އިންތިޚާބުގައި ޕާލަމެންޓްގެ 299 ގޮނޑިއަށް އައު މެންބަރުން ހޮވިއިރު އޭގެތެރެއިން 212 ގޮނޑި ނެގީ ބީއެންޕީންނެވެ. އެޕާޓީއަށް ޕާލަމެންޓުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބިފައިވެއެވެ. އެހެންވީމާ ޝައިޚު ހަސީނާގެ މިތުރަކު ރައީސްކަމުގައި ބަހައްޓަން ބޭނުންނުވީއެވެ. އެމަގާމަށް ބީއެންޕީގެ މެންބަރަކު ގެންނަން ބޭނުންވީއެވެ. އެހެންވެގެން މުހައްމަދު ޝިހާބުއްދީނުގެ އިސްތިއުފާއަށް މަޖުބޫރުކުރީއެވެ.

ސަބަބު ކޮންމެ ގޮތަކަށް އޮތަސް މިފަހަރު އައުކަމެއް ފެނިއްޖެއެވެ. ރައީސަކު ހޮވުމުގައި މީގެކުރިން ނުފެންނަ މަންޒަރެއް މިފަހަރު ފެނިއްޖެއެވެ. ކޮންކަމެއް ބާވައެވެ. އެއް ކެންޑިޑޭޓަށްވުރެ ގިނަ ކެންޑިޑޭޓުން މިފަހަރު ފެނިއްޖެއެވެ. ބަންގްލަދޭޝްގައި ހިނގަމުންއައި އަސްކަރީ ޚުދުމުޚުތާރު ވެރިކަން ނިމި 1991 ވަނަ އަހަރު އަލުން ބަރުލަމާނީ ޑިމޮކްރަޓިކް ނިޒާމަކަށް ރުޖޫއަވިފަހުން އަބަދުވެސް ރައީސަކު ހޮވުމަށް ޕާލަމެންޓުގެ މެންބަރުންގެ ކުރިމައްޗަށް ހުށައެޅެނީ އެންމެ ނަމެކެވެ. އެއީ ޕާލަމެންޓުގައި އަޣުލަބިއްޔަތު އޮންނަ ޕާޓީން ހޮވަން ބޭނުންވާ ބޭފުޅެއްގެ ނަމެވެ. ރައީސަކު ހޮވަނީ ރައްޔިތުންގެ ވޯޓަކުން ނޫނެވެ. ޕާލަމެންޓުގެ ވޯޓަކުންނެވެ. ރައީސަކީ ހަމައެކަނި ރަމްޒީ ބޭފުޅެކެވެ. ގައުމުގެ އެންމެ އިސްވެރިޔަކީ އަދި ސިފައިންގެ ކޮމާންޑަރ އިންޗީފަކީ ރައީސްކަމަށް ގާނޫނުއަސާސީގައި ބަޔާންކުރެވިފައި އޮތަސް ހަގީގީ ބާރު އޮންނަނީ ބޮޑުވަޒީރާއި އޭނާގެ ކެބިނެޓަށެވެ. ވެރިކަން ހިންގުމުގައި ރައީސްގެ ސީދާ ދައުރެއް ނޯވެއެވެ.

ރައީސަކީ ދެން ޝަރަފުވެރި މަގާމެއްގައި ހުންނަވާ ޝަރަފުވެރި ބޭފުޅެކެވެ. ރަމްޒީ ޝަރަފަކަށްވިޔަސް ނުވިޔަސް އަދި ބާރެއް އޮތަސް ނެތަސް އެމަގާމުވެސް އެހެންބަޔަކަށް ދީގެން ތިބެން ސަރުކާރު ހިންގަން އެވަގުތަކު އޮންނަ އެއްވެސް ޕާޓީއަކުން ބޭނުމެއް ނުވެއެވެ. އަދި ސަރުކާރުން ނެރޭ ކެންޑިޑޭޓަކާ ވާދަކުރުމުގެ ފުރުސަތުވެސް އެހެން މީހަކަށް ދޭން ބޭނުމެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ޕާލަމެންޓުގައި ނެގޭ ވޯޓަކީ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގައި ދެމިގެން އަންނަ ވޯޓެކެވެ. މެންބަރުންނަށް އޮންނަނީ އެހެންޏާ ފެންނަކަމަށް ނުވަތަ ނުފެންނަ ކަމަށް ވޯޓު ދިނުމެވެ. ވަކި މޮޅުމީހަކަށް ނުވަތަ ގާބިލު އެހެން މީހަކު އިޚުތިޔާރު ކުރުމުގެ ފުރުސަތެއް ނޯވެއެވެ. މިހެންވީމާ ސަރުކާރު ހިންގާ ޕާޓީގެ ހުރިހާ މެންބަރުންގެ ވޯޓު ސަރުކާރުގެ ކެންޑިޑޭޓަށް ލިބެއެވެ. އިދިކޮޅު މެންބަރުން ނުފެންނަ ކަމަށް ވޯޓުލައެވެ. އަޣުލަބިއްޔަތު އޮންނަނީ ސަރުކާރުގެ ފަޅިޔަށް ކަމުގައިވާތީ ސަރުކާރުން ހުށައަޅާ ނަން ދުވަހަކުވެސް ފޭލްވާ ތަނެއް ނާދެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އައު ރައީސަކު ހޮވުމަށް ޕާލަމެންޓުގެ މެންބަރުން ވޯޓުދިންއިރު އެމީހުންގެ ކުރިމައްޗަށް ހުށައެޅިފައި އޮތީ އެންމެ ނަމެއް ނޫނެވެ. ދެ ނަމެއް އޮތެވެ. އެއްބޭފުޅަކީ ބީއެންޕީގެ ކެންޑިޑޭޓް ފަޚުރުލް އިސްލާމް އާލަމްގީރެވެ. އަނެއް ބޭފުޅަކީ ޖަމާއަތު އިސްލާމީ ޕާޓީ އިސްވެގެން އުފައްދާފައިވާ އެގާރަ ޕާޓީގެ އިއްތިހާދުން ނެރުނު ކެންޑިޑޭޓް އޮލީ އަހުމަދެވެ. އޭނާއަކީ ސިފައިންގެ ކުރީގެ ކާނަލެކެވެ. ކުރިން ބީއެންޕީގެ މެންބަރެއްގެ ގޮތުގައި ކެބިނެޓުގައިވެސް ހުންނެވިއެވެ. ފަހުން ބީއެންޕީން ވަކިވެ މިހާރު އެއީ ލިބަރަލް ޑިމޮކްރަޓިކް ޕާޓީގެ ރައީސެވެ. ކޮންމެއަކަސް ދެ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލް ބޭފުޅަކީ އޮލީ އަހުމަދެވެ. އެކަމަކު އޭނާއަށް ލިބުނީ 88 ވޯޓެވެ. ފަޚުރުލް އިސްލާމް އާލަމްގީރަށް 255 ވޯޓެވެ. ވޯޓުދިނުމުގެ ހައްގު ލިބިފައިވާ ތިއްބެވީ 349 މެންބަރުންނެވެ. އޭގެތެރެއިން ބީއެންޕީއަށް ނިސްބަތްވަނީ 247 މެންބަރުންނެވެ. އިދިކޮޅު އެލަޔަންސުގެ ޖުމްލަޔަކީ 77 މެންބަރުންނެވެ.

މެންބަރުން ވޯޓުދީފައި އެއޮތީ ޕާޓީ ލައިނުންނެވެ. އެނޫންގޮތަކަށް ވޯޓުލައިފިއްޔާ ގޮނޑި ގެއްލޭނެއެވެ. އެހެންވީމާ މިއީ ގާބިލް މީހާ ބަލައިގެން މިނިވަން ގޮތަކަށް ދީފައިވާ ވޯޓެއް ނޫނެވެ. މިނިވަންކޮށް ވޯޓުދީފައި އެވަނީ އަމިއްލަ 8 މެންބަރުންނާއި ވަކި އިއްތިހާދެއްގައި ބައިވެރިނުވާ ކުދިކުދި ޕާޓީތަކުގެ މެންބަރުންނެވެ. އެމީހުންގެ ތެރެއިންވެސް ގިނަ މެންބަރުން ވޯޓު ދީފައި އެވަނީ ސަރުކާރާ އިދިކޮޅަށެވެ. ކޮންމެއަކަސް ޑިމޮކްރަޓިކް އައުކަމެއް ކުރުމުގެ ގޮތުން މިފަހަރު އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ނެރުނަސް ވޯޓުގެ މިނިވަންކަމެއް ނެތެވެ. އެހެންވީމާ އައުކަމެއް ކުރުމުގެ ހަގީގީ މަންފާއެއް ނެތެވެ. ހަގީގީ މަންފާ ފެންނާނީ ގާބިލްކަމަށް ބަލައިގެން މެންބަރުންނަށް ފެންނަ ކެންޑިޑޭޓަކަށް ވޯޓުލެވޭގޮތް ވެގެންނެވެ. މިހާރު އެތިބެނީ ޕާޓީގެ އެންގުމާ ޚިލާފުވެއްޖެނަމަ ގޮނޑި ގެއްލިދާނެ ކަމުގެ ބިރުވެރިކަމުގައެވެ. މި އިންތިޚާބަށްފަހު އެކި ފަރާތްތަކުން ދަނީ މި އިސްލާހު މިގޮތަށް ގެނައުމަށް ސަރުކާރަށް އިލްތިމާސް ކުރަމުންނެވެ.