ސިދާތު މަލޯތުރާއާއި ތަމަންނާ ބާޓިއާ ލީޑު ރޯލުން ފެނިގެންދާ ފެންޓަސީ ފިލްމު "ދަ ވާން: ފޯސް އޮފް ދަ ފޮރެސްޓް" ގެ ފުރަތަމަ ޓީޒާ މިއަދު އާންމުކޮށްފިއެވެ. ބާލާޖީ މޯޝަން ޕިކްޗާސްއާއި ޓީވީއެފް ގުޅިގެން އުފައްދާ މި ފިލްމަކީ އިންޑިއާގެ ސަގާފީ ވާހަކަތަކާއި، ސިހުރުވެރިކަމާއި، ގަބޫލުކުރުންތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
އާންމުކޮށްފައިވާ ޓީޒާއިން ފެންނަ ގޮތުގައި، ސިދާތުގެ ކެރެކްޓަރު ވަންނަނީ ނުރައްކާތެރި ބާރުތަކެއް އެކުލެވޭ، މަނާކުރެވިފައިވާ ޖަންގައްޔަކަށެވެ. އިރު އޮއްސުމަށްފަހު އެ ޖަންގައްޔަށް ވަނުމަކީ މަނާކަމެއް ކަމަށް ޓީޒާގައި އިވޭ އަޑަކުން ބުނެއެވެ. އަދި އޭނާއަށް ތަކުރާރުކޮށް ފެންނަ އާދަޔާހިލާފު މަންޒަރުތަކުގެ މާނައަކީ ކޮބައިކަން ނޭނގޭ ކަމަށް ސިދާތުގެ ކެރެކްޓަރު ބުނެއެވެ.
މީގެ އިތުރުން، ތަމަންނާގެ ކެރެކްޓަރު އެ ރަށުގައި ހަރަކާތްތަކެއް ހިންގާ މަންޒަރު ފެންނައިރު، ސިދާތަށް އެ މަންޒަރުތައް ފެންނަނީ އޭނާއާއި އެ ޖަންގައްޔާ ދެމެދު އޮތް ގުޅުމެއްގެ ސަބަބުން ކަމަށް ތަމަންނާ ބުނެއެވެ.
މި ޓީޒާގެ ފަހުކޮޅުގައި ސިދާތު ހަނގުރާމަކުރާ މަންޒަރު ފެނެއެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓީޒާއިން ފެންނަ މި މަންޒަރުތަކާއި މިނިކާވަގުގެ ނިޝާންތަކުން ދައްކުވައިދެނީ ހިންދޫންގެ ކަލާނގެއެއް ކަމަށްވާ ދުރުގާއާ ގުޅޭ ވާހަކަތަކެކެވެ.
ދީޕަކް ކުމާރު މިޝްރާ ޑައިރެކްޓުކޮށްފައިވާ މި ފިލްމުގައި ސިދާތާއި ތަމަންނާގެ އިތުރުން ސުނިލް ގްރޯވާ، މަނީޝް ޕޯލް، ޝްވޭތާ ތިވާރީ އަދި އަނޫޕް ސޯނީ ހަރަކާތްތެރިވާނެކަން ވަނީ ކަށަވަރުކޮށްދީފައެވެ. ފިލްމު އުފައްދާ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި، މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އަދި ފިލްމުގެ ދެވަނަ ޓީޒާއެއް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށްވެސް އެ ފަރާތުން ވަނީ ބުނެފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް