ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފިއެވެ.

ބިލު މަޖިލީހަށް ފޮނުއްވިކަން ފާހަގަކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި ބިލު މަޖިލީހަށް ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުހައްގުން ހޯދާ މުދާ އެ ފަރާތްތަކުގެ އަތުން ނެގުމެވެ. އަދި އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ގާނޫނީ އޮނިގަނޑެއް ތައާރަފުކުރުން ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބިލުގެ ސަބަބުން ނުކުންނާނެ ނަތީޖާތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މުދަލުން މާލީ މަންފާ ހޯދުން މި ބިލުގެ ސަބަބުން ހުއްޓުވޭނެ ކަމަށެވެ.

މީގެ އިތުރުން، އެކި ފަރާތްތަކުން ޖިނާއީ ބޮޑެތި ކުށްކޮށްގެން ހޯދާފައިވާ ދައުލަތުގެ މުދާ އަނބުރާ ދައުލަތަށް ނެގުމުގައި މިހާރު ދިމާވެފައިވާ ގާނޫނީ މައްސަލަތަކަށް ވެސް މި ބިލުގެ ސަބަބުން ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުށް ކުރުމަށް ބޭނުންކުރި މުދަލާއި ފައިސާ އާއި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށާއި، ކުށް ކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ހިމަނައިގެން ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ވެސް ބިލެއް ފާސްކޮށް، ރައީސް ވަނީ މިދިޔަ އަހަރުގެ މެއި 25 ގައި އެ ބިލު ތަސްދީގުކުރައްވައިފައެވެ.

މިއަދު ފޮނުވާފައިވާ ބިލު މަޖިލީހުން އާންމުކޮށްފައިނުވާތީ، އޭގައި ހިމެނޭ ކުށްތަކާއި އަދަބުތަކުގެ ތަފްސީލުތައް އަދި ކަށަވަރުވެފައެއް ނުވެއެވެ.