އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 700 އިމާމުން ތަމްރީނުކޮށްފައިވާ ކަމަށް އިސްލާމިިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިިނިސްޓްރީން ދަނީ މިސްރު، މެލޭޝިއާ، ބުރޫނާއި އަދި އިންޑޮނޭޝިއާއަށް އިމާމުން ފޮނުވައިގެން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދަމުންނެވެ.

މި ޕްރޮގްރާމްތަކުގެ ދަށުން ހުތުބާ ކިޔުމާއި އިމާމުވެ ނަމާދު ކުރުމުގެ ހުއްދަ އިތުރު 91 ޒުވާނަކަށް މިއަދު ވަނީ ހަވާލުކޮށްފައެވެ. އިސްލާމީ މަރުކަޒުގައި އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދަސްވެނިވި ހަތީބުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވި އިސްލާމިކް މިނިސްޓަރު ޝަހީމެވެ.

އެ ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތަކުގައި ޒަމާންވަންދެން އަބަދުވެސް އިމާމުކަންކުރަމުންދިޔަ ޖީލެއް ވަނީ ނެތިވާން ކައިރިވެފައި ކަމަށެވެ.

"އިމާމުންތައް އުމުރުން ދޮށިވެ، ހުތުބާ ކިޔާ މީހުން އުމުރުން ދޮށިވެ، ގިނަ ބަޔަކު މަރުވެ ގޮސް، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ވަރަށް ގިނަ ދަތިތައް މިކަމުގައި އޮތީ މެދެވެރިވެފައި. އަޅުގަނޑުނެންނަށް އެކިއެކި އިންތިހާބުތަކުގެ ދުވަސްވަރުގައާއި އެ ނޫން ގޮތްގޮތުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވަނީ ލިބިފައި. ރާއްޖޭގެ ބައެއް ރަށްރަށް އެބަހުރި ކައިރީގެ ރަށްތަކުން ހުތުބާ ކިޔާމީހުން ގެނެސްގެން ހުތުބާކިޔާ ރަށްތައް،" ޝަހީމް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ސަރުކާރުގެ އިސްނެގުމުގެ މަތިން މިހާރު މިވަނީ 700 އިމާމުން ތަމްރީނުވެ ސެޓްފިކެޓް ހާސިލުކޮށްފައި ކަމަށެވެ. މި މަޝްރޫއުގެ ދަށުން އާ އިމާމުންގެ ޖީލެއް ބިނާވާނެ ކަމަށް ގަބޫލުކުރައްވާކަމުގެ އެއް ހެއްކަކީ ޒުވާން ހަތީބުން ރަށްތަކަށް ސަނަދު ހިފައިގެން ދިއުމުން ރަތް ދޫލައިން ކިޔާ މަރުހަބާ ކަމަށެވެ.

"އެންމެ އުފާވާކަމަކީ ރައްޖޭގެ ރައްޔިތުން ވަރަށް އިހުލާސްތެރިކަމާއެކު ބަލައިގެންފައިވާކަން. އަދި ޒުވާން ހަތީބަކު ހަތީބު ކަމުގެ ލައިސަންސް ނަގައިގެން ރަށަށް ދާއިރުގައި އޭނާއަށް މާބޮނޑި އަރުވައި، ރަތް ކާޕެޓުގައި އޭނާ ރަށަށް ބާލައި، ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށާއި ހުކުރު ނަމާދުކުރުމަށް އޭނާއާ ހަވާލުކުރުމަށް، މިފަދަ ވަރަށް އިޖާބީ ކަންތައްތައް ރައްޔިތުންގެ ކިބައިން ފެންނަމުންދޭ." ޝަހީމް ވިދާޅުވިއެވެ.

ފަސް އަހަރު ތެރޭ 1000 ހަތީބުން ތަމްރީނުކުރުމުގެ އަމާޒާއެކު އިމާމުވެ ހުކުރުކުރާނެ ޒުވާން ހަތީބުން ތަމްރީނުކުރަން ފެށީ 2024 ގެ ކުރީކޮޅުއެވެ.