އޯލެވެލާއި އޭލެވެލް ނިންމާ ދަރިވަރުންގެ ކިބައިގައި އިމާމުކަން ކުރުމުގެ ގާބިލުކަން ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އިސްލާމީ މަރުކަޒު ހޯލުގައި މިއަދު ކުރިއަށްގެންދިޔަ ހުތުބާ ކިޔުމާއި އިމާމުވެ ނަމާދު ކުރުމުގެ ހުއްދަ އިތުރު 91 ޒުވާނަކަށްދީ، ދަސްވެނިވި ސެޓްފިކޭޓް ހަވާލުކުރި ޖަލްސާގައި ވާކަހަފުޅުދައްކަވަމުންނެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ އިސްލާމް މާއްދާއިން މަތީ ދަރަޖަ ހޯދައި ފާސްވެގެން އޯލެވެލް މަރުހަލާގައި އުޅޭ ދަރިވަރުންނާއި އޯލެވެލް ނިންމާފައި އަދި 11، 12 އޭލެވެލް މަރުހަލާގައި އުޅޭ ދަރިވަރުންނާއި، އޭލެވެލް ނިންމާފައި ތިބޭ ދަރިވަރުންގެ ކިބައިގައި އިމާމުކަން ކުރުމުގެ ފުރިހަމަ ގާބިލިއްޔަތުކަން ހުންނާނެ ކަމަށެވެ.

ސަބަބަކީ ރާއްޖޭގެ އިސްލާމީ މުގައްރަރަކީ ވަރަށްވެސް ގިނަ މައުލޫމާތު އޭގައި ހިމެނޭ މުގައްރަރަކަށް ވުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ގަބޫލުކުރާ ގޮތުގައި އިމާމުކަމުގެ ސެޓްފިކެޓް ލެވެލް 1،2،3 ހަދާފައި، އިމާމުކަމަށް ނުކުންނަ ފަރާތްތަކާއި ނިޒާމީ ތައުލީމުގެ ތެރެއިން އިސްލާމްދީނާއި ކީރިތި ގުރުއާނު އުނގެނިގެން އިސްލާމް މާއްދާއިން މަތީ ދަރަޖަ ހޯދާ ފާސްވެގެން އޯލެވެލް މަރުހަލާގައި އުޅޭ ދަރިވަރުންނާއި އޯލެވެލް ނިންމާފައި އަދި 11، 12 އޭލެވެލް މަރުހަލާގައި އުޅޭ ދަރިވަރުންނާއި އޭލެވެލް ނިންމާފައި ތިބޭ ދަރިވަރުންގެ ކިބައިގައި އިމާމުކަން ކުރުމުގެ ފުރިހަމަ ގާބިލިއްޔަތުކަން ހުންނާނެ. އެއީ ޝައްކެއް އޮތް ކަމެއް ނޫން. ރާއްޖޭގެ އިސްލާމް މުގައްރަރަކީ ވަރަށްވެސް ގިނަ މައުލޫމާތު އޭގައި ހިމެނޭ މުގައްރަރެއް،" ޝަހީމް ވިދާޅުުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ އިސްލާމް މުގައްރަރަކީ ވަރަށް ފުޅާ މުގައްރަރެއް ކަމަށާއި އޭގައި ހަދީސްގެ އިލްމާއި، ފިގުހުގެ އިލްމާއި، ކީރިތި ގުރުއާނުގެ އިލްމާއި، ތާރީހާއި، ހަޟާރަތާއި، އަގީދާވެސް ހިމަނާފައިވާ ކަމަށެވެ.

25 އޮގަސްޓް 2026: އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 91 ކުއްޖަކަށް ދިނުން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

"މިހެން ގޮސް ވަރަށް ގިނަ މައުލޫތަކާއި ބާބުތަކުގެ މައްޗަށް ރާއްޖޭގެ އިސްލާމީ މުގައްރަރު މަންހަޖު އެކުލެވިފައި އޮންނަނީ. އެހެންވީމަ މި މަންހަޖުގެ ތެރެއިން އިސްލާމްދީން އުނގެނިގެން ކީރިތި ގުރުއާނުގެ އިލްމު އުނގެނިގެން، ފާސްވެގެން، މަތީ ދަރަޖަ ހޯދައިގެން ނުކުންނަ ދަރިވަރުންނަކީ އެއީ، އިމާމުކަން ކުރުމުގެ ފުރިހަމަ އަހުލިއްޔަތު އެ ދަރިވަރުންގެ ކިބައިގައި ހުންނާނެ ދަރިވަރުން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އެކި ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި، އެކި ދާއިރާއިން ޑިގްރީ ހަދާފައި ތިބޭ ފަރާތްތައް ވަރަށް މަދު ކަމަށެވެ. އަދި އެ ފަރާތްތައް ޑިގްރީ ހާސިލުކުރި ނަމަވެސް ރަށްތަކަށް ހިދުމަތް ކުރާކަށް ދާ ފަރާތްތައްވެެސް މަދުކަމުގައި ޝަހީމް ފާހަގަކުރެއްވިއެވެ.

މިއަދު 91 ޒުވާނަކަށް ހަތީބުކަމުގެ ދަސްވެނިވި ސެޓްފިކޭޓް ހަވާލުކުރި އިރު، މިހާތަނަށް 700 އަށްވުރެ ގިނަ ޒުވާން ހަތީބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން ހަތީބުން މިސްކިތުން ފެންނަން ޖެހޭނީ ހަމައެކަނި ހުކުރު ދުވަހަކު ނޫން ކަމަށާއި ޖަމާއަތުގައި ނަމާދު ކުރުމާއި އެހެން ޒުވާނުންނަށް ނަމޫނާ ދައްކާ ބަޔަކަށްވެސް ހަތީބުން ވާން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.