ހުތުބާ ކިޔުމާއި އިމާމުވެ ނަމާދު ކުރުމުގެ ހުއްދަ އިތުރު 91 ޒުވާނަކަށް އިސްލާމިކް މިނިސްޓްރީން ދީފިއެވެ.

އިސްލާމީ މަރުކަޒުގައި އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދަސްވެނިވި ހަތީބުންނަށް ސެޓްފިކޭޓް ހަވާލުކޮށްދެއްވި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ މިއަދު ލިބިގެންދިޔަ ސަނަދަކީ ވަރަށް ބޮޑު ބިންގަލެއްގެ ގޮތުގައި ދެކެންވާނެ ކަމަށެވެ.

"މި ބިންގާގެ މައްޗަށް އަޅުގަނޑުމެން އާރާސްތުވާން ޖެހެނީ. މިއީ އަޅުގަނޑުމެންނަށް ހުރިހާ ކަމެއް އެނގޭކަމުގެ ސެޓްފިކެޓެއް ނޫން. މިއީ އަޅުގަނޑުމެން އިމާމުކަމަށް އަހުލުވެރިކަން ރަމްޒުކޮށްދޭ ސެޓްފިކެޓެއް. މީގެ މައްޗަށް އިތުރު އިލްމާއި ތަމްރީނު ހޯދަން ޖެހޭނީ،" މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން ޝަހީމް ވިދާޅުވީ ހަތީބުން މިސްކިތުން ފެންނަން ޖެހޭނީ ހަމައެކަނި ހުކުރު ދުވަހަކު ނޫން ކަމަށާއި ޖަމާއަތުގައި ނަމާދު ކުރުމާއި އެހެން ޒުވާނުންނަށް ނަމޫނާ ދައްކާ ބަޔަކަށްވެސް ހަތީބުން ވާން ޖެހޭނެ ކަމަށެވެ.

25 އޮގަސްޓް 2026: އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 91 ކުއްޖަކަށް ދިނުން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އެ ރަސްމިއްޔާތުގައި ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޒް އަލީ ވަހީދު ވިދާޅުވީ، ޒަމާނުއްސުރެ މިސްކިތްތަކުގައި ހުތުބާދެމުން ދިޔައީ ދޮށީ އުމުރުގެ ބޭފުޅުން ކަމަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ ޒުވާނުންނަށް އެ ފުރުސަތު ފަހިކޮށްދީފައި ކަމަށެވެ. އަދި ހުތުބާ ވިދާޅުވެ އަދި އިމާމުވެ ނަމާދުކުރާ މީހުންނަކީ އެއް ޖީލުން އަނެއް ޖީލަށް ތަމްރީނު ކުރަންޖެހޭ މީހުން ކަމަށެވެ.

"މި ޕްރޮގްރާމުގެ ފަސް ވަނަ ބުރު ނިމިގެންދާއިރުގައި ވަރަށް ގިނަ ފަރާތްތަކެއް ތަމްރީނު ކުރެވިފައިވެއްޖެ. ގާތް ގަނޑަކަށް 700 އަށް ވުރެ ގިނަ ބައިވެރިން ވަނީ މިހާރު މި ޕްރޮގްރާމް ފުރިހަމަ ކޮށްފައި. އެންމެ ފަހުން މި ނިމިގެންދާ ބުރުގައިވެސް 91 ފަރާތަކުން ބައިވެރިވެ ސަނަދު ހާސިލްކުރާކަން މި ފުރުސަތުގައި އުފަލާއެކު ފާހަގަކޮށްލަން" އަލީ ވަހީދު ވިދާޅުވިއެވެ.