އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ ކުރިއަށް އޮތް ބޮޑު ފިލްމު “ވާރަނާސީ” 50 ބަހަކުން ޑަބްކުރުމަށްޓަކައި 1،500 އަށް ވުރެ ގިނަ ވޮއިސް އާޓިސްޓުންގެ އަޑު ޓެސްޓުކުރަން ނިންމައިފިއެވެ.

މި އެކްޝަން އެޑްވެންޗަރ ފިލްމުގެ ލީޑު ރޯލުތަކުން ފެންނާނީ މަހޭޝް ބާބޫ، ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އަދި ޕްރިތުވީރާޖް ސުކުމާރަން އެވެ. މި ތަރިން ފިލްމުގައި ހިމެނޭކަން މިހާރު ވަނީ ރަސްމީކޮށް ކަށަވަރުވެފައެވެ. އެގޮތުން، ފިލްމުގެ ފަރާތުން ވަނީ މަހޭޝް ބާބޫ ކުޅޭ “ރުދްރާ” އަދި ޕްރިޔަންކާ ކުޅޭ “މަންދާކިނީ” ގެ ކެރެކްޓަރ ޕޯސްޓަރުތައް އާންމުކޮށްފައެވެ. މީގެ އިތުރުން ޕްރިތުވީރާޖް ފެންނާނީ ފިލްމުގެ ވިލަން “ކުމްބާ” ގެ ރޯލުންނެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ “މިޑް-ޑޭ” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދުނިޔޭގެ 120 ގައުމެއްގައި މި ފިލްމު އެޅުވުމަށް ވަނީ ހަމަޖެހިފައެވެ.

ފިލްމުގެ ޕްރޮޑަކްޝަނާ ގާތް ފަރާތަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމުގެ ބަދަލުގައި ރާޖަމޯލީ ބޭނުންވަނީ އަސްލު މީހުންގެ އަޑު ބޭނުންކޮށްގެން ފިލްމު ޑަބްކުރާށެވެ. ސަބަބަކީ އެކްޓަރުންގެ އިހުސާސްތައް އެންމެ ފުރިހަމައަށް ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމެވެ. އެހެންކަމުން، 50 ބަހަކުން ފިލްމު ޑަބްކުރުމަށްޓަކައި 1،500 އަށްވުރެ ގިނަ އާޓިސްޓުންގެ އަޑު ޓެސްޓުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ކުރިން ރާޖަމޯލީ ބުނެފައިވަނީ ފިލްމުގައި އޭއައި ބޭނުންކުރުމަކީ ފަންނާނުންގެ ހުނަރަށް ކުރެވޭ ބޮޑު މަލާމާތެއް ކަމަށެވެ.

ގާތްގަނޑަކަށް 1،400 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފައްދާ މި ފިލްމު ސިނަމާތަކަށް ގެނައުމަށް ރަސްމީކޮށް ތާވަލުކޮށްފައިވަނީ 7 އޭޕްރީލް 2027 ގައެވެ.