ހދ. ކުނބުރުދޫއަކީ އެމްޑީޕީގެ ސަރުކާރުގައި ކުނިއެޅުމަށް ޓްރާންސްފާ ސްޓޭޝަންއެއްގެ ގޮތުގައި ބޭނުންކުރުމަށް ނިންމާފައިވާ ރަށެއް ކަމަށާއި އެކަމާ ކަންބޮޑުވާން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

ކުނބުރުދޫ އަކީ ޒޯން އެކެއްގައި ކުނިއެޅުމަށް ޓްރާންސްފާ ސްޓޭޝަންއެއްގެ ގޮތުގައި ބޭނުންކުރުމަށް 2019 ވަނަ އަހަރުގެ ޑިސެމްބަރު 31 ގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކަނޑައަޅުއްވައިފައެވެ. އެކަމަށް ކުނބުރުދޫގައި ގާއިމުކުރި ކުނި ޖަމާކުރާ ޝެޑް އަދި އެކްސަސް ރޭމްޕް ހެދުމުގެ މަޝްރޫއު ވެސް 2023 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ ނިންމައިފައެވެ.

ކުނބުރުދޫ އަކީ ކުނި އަޅާ ރަށެއްގެ ގޮތުގައި ބޭނުންކުރާތީ އެކަމަށް ކުރީ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ފާޑުވިދާޅުވަމުން ގެންދަވާތީ އެކަމަށް ރައްދުދެއްވުމަށް މިނިސްޓަރު އަލީ ޝަރީފް، އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ އެއީ ކުރީ ސަރުކާރުން ނިންމި ނިންމުމެއްކަން ފާހަގަކުރައްވައިފައެވެ.

"ބެލެވެނީ މިއީ ކަމާބެހޭ ފަރާތްތަކާއި، އާއްމުންނާވެސް މަޝްވަރާކުރެވި ނިންމާފައިވާ އިސްތިރާޖީ ނިންމުމެއް ކަމަށް. އެހެންކަމުން މި ނިންމުމަށް އިހްތިރާމްކުރައްވާ، އެގޮތަށް ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައި. އެހެންކަމުން މިކަމާ ކަންބޮޑުވާން ޖެހޭ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ބޭނުން ޖެހިއްޖެ ހާލަތުގައި ކުނބުރުދުއަށް ކްރޮސް ޒޯން ކުނި އުފުލުމަކީ ވެސް މައްސަލައެއް ނޫން ކަމަށެވެ.