މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ވިލާ އިންޓާނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) ގުޅިގެން، ކުދިންނަށް އަމަލީ ތަޖުރިބާ ހޯދައިދީ މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމްއޭސީއެލުން މިއަދު ބުނީ އެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. އަދި ވިލާ އިންޓާނޭޝަނަލް ހައި ސްކޫލުގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް އަލީ މުސްތަފާއެވެ.
އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފާއި، ސީނިއާ ޖެނެރަލް މެނޭޖަރު އަލީ ހުޒައިމްގެ އިތުރުން އެ ކުންފުނީގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޓީމުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ކްލާސްރޫމުގައި ދަރިވަރުން އުނގެނޭ އިލްމީ މައުލޫމާތުތައް އަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް ދަސްކޮށްދީ، ވަޒީފާގެ މާހައުލަށް ދަރިވަރުން އަހުލުވެރިކުރުވުމެވެ. އެ ޕްރޮގްރާމުގެ ދަށުން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އޮޕަރޭޝަންސް، އިންޖިނިއަރިން، އައިޓީ، ކަސްޓަމާ ސާވިސް، ލޮޖިސްޓިކްސް، ކޯޕަރޭޓް ސާވިސަސް އަދި ސޭފްޓީ އެންޑް ސެކިއުރިޓީ ފަދަ މުހިންމު ދާއިރާތަކުން އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިވެގެންދާނެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ، އެއީ ކުންފުނީގެ "އެމްޕަވާ އެންޑް ޑިވެލޮޕް އަވާ ޕީޕަލް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދެވޭ މުހިންމު ހަރަކާތެއް ކަމަށެވެ. އެ ޕްރޮގްރާމުގެ ސަބަބުން ވައިގެ ދަތުރުފަތުރާ ގުޅުންހުރި އެހެނިހެން ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އަގުހުރި ފުރުސަތުތަކަކާއި ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.
އެ ޕްރޮގްރާމުގެ ސަބަބުން، މަސައްކަތުގެ މާހައުލަށް ކޮންމެހެން ބޭނުންވާ މުހިންމު ހުނަރުތައް ކަމަށްވާ މުއާމަލާތުކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން، ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން ދަރިވަރުންގެ ކިބައިގައި އަށަގަންނުވައި، ކުރިމަގުގެ ވަޒީފާގެ ބާޒާރަށް އެ ދަރިވަރުންގެ ލޯހުޅުވިގެންދާނެއެވެ. އޭގެއިތުރުން، އެ އެއްބަސްވުމުގެ ސަބަބުން ދެ މުއައްސަސާގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ، ކެރިއަރާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމާއި، މެންޓާޝިޕް ދިނުމުގެ އިތުރުން އަމަލީ މަސައްކަތުގެ މާހައުލު ތަޖުރިބާކުރުމުގެ ގިނަ ފުރުސަތުތަކަކަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ.
ފާތިމަތު ލިއުޝާ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ކޮމެންޓް