( 20 އޯގަސްޓުގެ އަދަދާ ގުޅޭ)
އަޖައިބުވާފަދަ އިއްތިފާޤެކެވެ. قـــــريـش ން އަގުރުއަލިފާނުގެ ތަންމަތިކޮޅުތަކުގައި ރޭކުރުވަމުން ގެންދިޔަ بِـــلال އާއި عـمّـــار ފަދަ ބޭކަލުންގެ ނަންފުޅުތަކެއް ޙަބަޝާގެ މުހާޖިރުންގެ ލިސްޓަކު ނެތެވެ. އެބޭކަލުންނަށް އަމިއްލަފުޅު ނަފުސު ރައްކައުތެރިކުރެއްވުމަށްޓަކައި މައްކާއިން ބޭރަށް ހިޖްރަކުރެއްވުމުގެ އެކަށޭނަކަމެއްވެސް ލިބިވަޑައިގެންފައި ނެތީކަމުގައި ވެދާނެއެވެ. قـــــريـش ން ރުޅިއަރައިގަނެގެން މުހާޖިރުންގެ ކިބައިން ބަދަލުހިފުމުގެ ރޭވުން ރާވަމުން ގެންދަނިކޮށް މުސްލިމުންގެ ދެވަނަ ޖަމާޢަތެއްވެސް قـــــريـش ންގެ ކަޅިމަތި ބައްލަވަމުން އެގޮތްމިގޮތުން ނައުފަހަރުން ޖާގަ ހޯއްދަވައިގެން ޙަބަޝާއަށް ވަޑައިގެންނެވުމުގައި ވަނީ ކާމިޔާބު ހޯއްދަވައިފައެވެ. ރިވާޔަތްތަކުން އެނގޭގޮތުގައި އެޖަމާޢަތުގައި އައްޑިހަތިން ޞަޙާބީންނާއި އަށާރަ ޞަޙާބިއްޔާއިން ހިމެނިވަޑައިގަންނަވައެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ބޭކަލަކީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ބޮޑުބޭބޭފުޅު أبـــوطــالــب ގެފާނުގެ ދަރިކަލުން އަދި إمـــام عــلــــــى رضـــــى اللّــــه عــنـــــه ގެ ބޭބޭފުޅު جـعــفـــــر بـــن أبـــى طــالــب رضـــــى اللّــــه عــنــــه އެވެ.
قـــــريـش ން މުސްލިމުން ޙަބަޝާއަށް ހިޖްރަކުރިޔަނުދޭން މުސްލިމުންގެ ހޯހިރި ބަލަބަލައި ތިއްބައި މިހައިގިނަ ޢަދަދެއްގެ ޞަޙާބީންނާއި ޞަޙާބިއްޔާއިން ޙަބަޝާއަށް ވަޑައިގެންނެވުމުގައި ކާމިޔާބު ހޯއްދެވުމުން އެނގެނީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ނުހަނު ކުރުމުއްދަތެއްގެ ތެރޭގައިވެސް އިސްލާމީ ތަޙްރީކުގެ މެންބަރުންގެ ތެރޭގައި ވަރަށް ވަރުގަދަ ރޯފިލުމަކާއި ސިޔާސީ ހޭލުންތެރިކަމެއް އުފައްދަވައިފައިވާކަމެވެ. قـــــريـش ންގެ މަޢީޝީ ދަތިކުރުންތަކާއި އިޖްތިމާޢީ އަދި ސިޔާސީ ފިއްތުންތަކާއި އަނިޔާވެރިކަމާއި ގަދަބަދަވިކަމާއެކުވެސް قـــــريـش ންނަށް އިސްލާމީ ތަޙްރީކު ހެދިފޯދުން ހުއްޓުވިފައި ނުވާކަމެވެ. ޝައްކެއްވެސް ނެތެވެ. قـــــريـش ންނަކީވެސް ސިޔާސީ ރާޒުވާގެ ކުޅަދާނަ ކުޅުންތެރީންނެވެ. ޗާލާކު މާހިރުންނެވެ. އިސްލާމީ ތަޙްރީކަށް މިނިވަން ޖައްވެއްގައި ކުރިލައިހެދުމުގެ ފުރުޞަތު ލިބިއްޖެކަމުގައިވާނަމަ ނުކުންނާނެ ނަތީޖާ قـــــريـش ންނަށް ރޭކާލައެވެ. ވިސްނެއެވެ. އެހެންކަމުން ޙާލަތު ދިރާސާކޮށް އަޅާނެ ފިޔަވަޅުތަކެއް ކަނޑައަޅަން قـــــريـش ން ޝޫރާއެއް ބޭއްވިއެވެ. އެޝޫރާއިން ފާސްވީ މުސްލިމުން އަނބުރައި މައްކާއަށް ގެންނާން ނަޖާޝީގެ އަރިހަށް ޑިޕްލޮމެޓިކް މިޝަނެއް ފޮނުވާށެވެ. އެ މިޝަންގައި ހިމެނީ قـــــريـش ންގެ ފިސާރި ތަޖުރިބާކާރު ސިޔާސީން ކަމުގައިވާ عــمــــــرو بـــن الـعـــاص (މިޞުރުގެ ފާތިޙު) އާއި عـبــد اللّــــه بــــن ربــيــعــــة އެވެ. قـــــريـش ން ނަޖާޝީއަށާއި ޙަބަޝާގެ ބޮޑުންނަށް ބަހާން ވަރަށްގިނަ ހަދިޔާ ބަދިޔާ އެދެކަލުންނާ ޙަވާލުކުރިއެވެ. إبــــن هـشــام ލިޔުއްވާގޮތުގައި އެހަދިޔާގެ ތެރޭގައި އެންމެގިނަ ޢަދަދަކަށް ހިމެނެނީ ދިބާޣުކުރި ހަމުން ތައްޔާރުކޮށްފައިވާ އެކިބާވަތްތަކެވެ. އެދުވަސްވަރު މައްކާގެ އެންމެ އަގުހުރި ވިޔަފާރި މުދަލަކީ ދިބާޣުކުރި ހަމުގެ ބާވަތްތަކެވެ. قـــــريـش ން ޝާމްކަރައަށާއި ޙަބަޝާއަށް ވިޔަފާރިކަމުގައި ގެންދާ ތަކެތީގެ ތެރެއިން އެންމެ ބޮޑުއަގުގައި ވިއްކައިލެވޭ ބާވަތްތަކަކީވެސް ދިބާޣުކުރި ހަމުގެ އުފެއްދުންތަކެވެ.
قـــــريـش ންގެ ވަފުދު ޙަބަޝާއަށް ވަޑައިގެން ނަޖާޝީގެ ފައިންޕުޅު ދެކެވަޑައިގެންނެވުމުގެ ކުރީން ބައްދަލުކުރެއްވީ ނަޖާޝީގެ އިސްފުރަދާނައިންނާއި ދަރުބާރުގެ އިސްފާދިރީންނާއެވެ. قـــــريـش ންގެ ސަފީރުން އެބޭފުޅުންނަށް ވިސްނައިދެއްވިއެވެ. "އަޅުގަނޑުމެންގެ ރަށުގެ ޒުވާނުންކޮޅެއް އައުދީނެއް އީޖާދުކޮށްގެން އެބައުޅެއެވެ. އެބައިމީހުން ހަމަމަގަށް އެޅުވުމަށްޓަކައި އަޅުގަނޑުމެން އަޅާ ފިޔަވަޅެއްގެގޮތުން އެކިއެކި ހުރަސްތައް ކުރިމަތިކޮށް އެބައިމީހުން ރަށުން ބޭރުކޮށްލުމުން އެބައިމީހުން އައިސް ޖާގަޖަހައި މަރުކަޒު ހަދައިގެން އުޅެނީ ތިޔަބޭފުޅުންގެ ރަށުގައެވެ. އަޅުގަނޑުމެން މިއައީ މައްކާގެ ބޮޑުންނާއި އެކުދިވެރީންގެ ބައްޕައިންނާއި ބޮޑުބޭބެއިންގެ ފަރާތުން އެމީހުން ބަލައެވެ. އަޅުގަނޑުމެން އެބައިމީހުންގެ މައްސަލަ ޝަހެންޝާހުގެ ދަރުބާރަށް ހުށަހަޅާނޫއެވެ. ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ތާއީދު ކުރައްވައި އެ ކުށްވެރީން އަޅުގަނޑުމެންނާ ޙަވާލުކޮށްދެއްވާން ބާރުއަޅުއްވައިދެއްވުން އެދެމުއެވެ." ނަޖާޝީގެ ބޮޑުންނާއި ފާދިރީން އެކަމަށް އެއްބަސްވެވަޑައިގެންނެވިއެވެ.
عــمــــــرو بـــن الـعـــاص އާއި عــبـــداللّــــه بــــن ربــيــعــــة އެއަށްފަހު ނަޖާޝީއާ ބައްދަލުކުރެއްވިއެވެ. އެބޭކަލުން ނަޖާޝީގެ އަރިހުން އެދިވަޑައިގެންނެވީ މައްކާގެ "މުޖްރިމުން" އަސީރުންގެ ގޮތުގައި މައްކާއަށް އަނބުރައި ގެންދަވާން އެބޭކަލުންނާ ޙަވާލުކޮށްދެއްވާށެވެ. ދަރުބާރުގެ ބޮޑުން قـــــريـشــى ސަފީރުންނަށް ތާއީދުކުރެއްވިއެވެ.
ނަޖާޝީއަކީ ނަޞާރާ ރަސްކަލަކު ކަމުގައިވިޔަސް ނުހަނު ޢަދުލުވެރި ރަސްކަލެކެވެ. އެހެންކަމުން ނަޖާޝީ ވިދާޅުވިއެވެ. "އަހަރެންގެ ޙިމާޔަތް އެދިގެން އަހަރެންގެ ރަށަށް އައިސްތިބި ބަޔަކު އެއްވެސް ތަޙްޤީޤެއް ނުކޮށް ތިޔަހެން ބަޔަކު ބުނާ ބަހެއްގެ މައްޗަކަށް ބަޔަކާ ޙަވާލެއް ނުކުރެވޭނެއެވެ. މިހައިތަނަށްވެސް އެބައިމީހުނާމެދު އަހަރެންގެ ރައްޔިތުން އެއްވެސް ޝަކުވާއެއް ކޮށްފައެއް ނުވެއެވެ."
ނަޖާޝީ އޭނާގެ ބޮޑުންނަށް އެންގެވީ މުސްލިމުން އުޅޭތަންތަނުން ހޯދައިގެން ހުރިހައި މުސްލިމުން އެމަނިކުފާނުގެ ދަރުބާރަށް ހާޒިރުކުރާށެވެ. މުސްލިމުންނަށް އެޚަބަރު ލިބުމުން އެއްތަންވެވަޑައިގެން ސިންތާކުރައްވައި އެބޭކަލުންގެ ފަރާތްޕުޅުން ނަޖާޝީގެ ދަރުބާރުގައި ވާހަކަ ދައްކަވާނީ عــثـمــان بـــن عــفّــــان رضـــــى اللّــــه عــنـــــه އާއި جـعــفـــــر بـــن أبـــى طــالــب رضـــــى اللّــــه عــنــــه ކަމުގައި ހަމަޖެއްސެވިއެވެ.
މުސްލިމުން ނަޖާޝީގެ ދަރުބާރަށް ހާޒިރުކުރެވުމުން جـعــفـــــر بـــن أبـــى طــالــب رضـــــى اللّــــه عــنــــه ނަޖާޝީގެ އަރިހުން އިޒުނަ ހޯއްދަވައިގެން قـــــريـش ންގެ ސަފީރުންނާ އަސާސީ ބައެއް ސުވާލުކުރެއްވިއެވެ.
جـعــفـــــر أبـــى طــالــب: އަޅުގަނޑުމެންނަކީ ބައެއްގެ އަޅުންތަކެއްތޯއެވެ. އަޅުގަނޑުމެން އައިސްމިތިބީ އަޅުގަނޑުމެންގެ ވެރީންނަށް ފިލައިގެންތޯއެވެ. ޝައްކެއްނެތެވެ. އެހެންކަމުގައިވާނަމަ އަޅުގަނޑުމެން ޖެހޭނީ އަނބުރައި ފޮނުއްވާށެވެ.
عَــمـــــرو بـــن الــعــاص: ނޫނެކެވެ. ތިޔަބޭކަލުންނަކީ ބައެއްގެ އަޅުންނެއް ނޫނެވެ. މިނިވަނުންނެވެ. ޤައުމުގެ އަޝްރާފުންނެވެ.
جـعــفـــــر أبـــى طــالــب: އަޅުގަނޑުމެންގެ ތެރޭގައި ނުޙައްޤުން މީހަކު ޤަތުލުކޮށްފައިހުރި މީހަކު އެބަހުރިތޯއެވެ؟ އެހެންކަމުގައިވާނަމަ (ނަޖާޝީއާ މުޚާޠަބުކުރައްވައި) އެމީހަކު ޤަތުލުކުރެވުނު މީހާގެ ވާރުތަވެރީންނާ ޙަވާލުކުރައްވާށެވެ.
عَــمـــــرو بـــن الــعــاص: ނޫނެކެވެ. މިއިން ބޭކަލަކު އެންމެ ލެއިތިއްކެއްވެސް އޮހޮރުއްވައިފައެއް ނުވެއެވެ.
جـعــفـــــر أبـــى طــالــب: އަޅުގަނޑުމެންގެ ތެރޭގައި މީހެއްގެ މުދަލެއް ފޭރިގެން އެމުދާ ހިފައިގެން ފިލައިގެން އައިސްހުރި މީހަކު އެބަހުރިތޯއެވެ؟
عَــمـــــرو بـــن الــعــاص: ނޫނެކެވެ. މިއިން ބޭކަލެއްގެ ޒިންމާގައި މީހެއްގެ ރެވިއޮށްޓަރެއްގެ މިންވަރުވެސް ނުވެއެވެ.
جـعــفـــــر رضـــــى اللّــــه عــنــــه ގެ މަޤްޞަދަކީ މުސްލިމުންގެ އަޚްލާޤާއި ސުލޫކުގެ ޕޮޒިޝަން ނަޖާޝީއަށް ފުރިހަމަޔަށް ސާފުކޮށްދެއްވުމެވެ. جـعــفـــــر بـــن أبـــى طــالــب رضـــــى اللّــــه عــنــــه އެހައިތަނުން ނަޖާޝީގެ ދަރުބާރުގައި ތަޤްރީރު ކުރެއްވިއެވެ. جـعــفـــــر ގެފާނު ވިދާޅުވިއެވެ.
"އޭ މާތް ރަސްގެފާނެވެ! އަޅުގަނޑުމެންނަކީ ޖާހިލު ޤައުމެއްގެ ބަޔަކީމުއެވެ. އަޅުކަންކޮށް އުޅުނީ ބުދުތަކަށެވެ. އަޅުގަނޑުމެން މުޅަ ތަކެތި ކައިއުޅެމުއެވެ. ނުބައިނުލަފާ ހުރިހައިކަމެއް ކޮށްއުޅެމުއެވެ. ރަޙިމުގެ ގުޅުން ކަނޑައި އުޅެމުއެވެ. އަވަށްޓެރީންނަށް އުނދަގޫކޮށް އަނިޔާކުރަމުއެވެ. އަޅުގަނޑުމެންގެ ތެރެއިން ގަދަފަދަ މީހުން ބަލިކަށި މީހުންގެ ކަށިހަފައި ކައިއުޅެއެވެ. އަޅުގަނޑުމެން މިޙާލަތުގައި އުޅެއުޅެތިއްބައި މާތް اللّــــه އަޅުގަނޑުމެންނާމެދު ރަޙްމަތުގެ ބެއްލެވުމަކުން ބައްލަވައި ވޮޑިގެންފިއެވެ. އަޅުގަނޑުމެންގެ ތެރެއިން އަޅުގަނޑުމެންނާމެދު ރަޙްމުވެރި ކުލުނުވެރި ބޭކަލަކު ރަސޫލުކަމާއިގެން ފޮނުއްވައިފިއެވެ. އަރަހުށި މާތް اللّــــه އެހެނިހެން ޤައުމުތަކަށްވެސް އެފަދަ ބޭކަލުން ފޮނުއްވާ ފަދައިންނެވެ. އެމާތް ސާހިބާގެ ނަސަބުފުޅުގެ މާތްކަމާއި ސާފުކަން އަޅުގަނޑުމެން އެންމެން ދަންނަމުއެވެ. އެމާތް ސާހިބާގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ޢިއްފަތްތެރިކަމަކީ އަޅުގަނޑުމެންގެ މުޅި ޤައުމުގައި މަޝްހޫރު ކަމެކެވެ.
އެމާތް ސާހިބާ އަޅުގަނޑުމެންނަށް މާތް اللّــــه ގެ ކިބަފުޅަށް ރުޖޫޢަވާން ގޮވައިލެއްވިއެވެ. އަޅުގަނޑުމެން އެކަލާނގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށާއި އަޅުގަނޑުމެންގެ ކާބަފައިން އެކަލާނގެ ރަސްކަންފުޅު ދޫކޮށްލައިފައި އަޅުކަންކުރަމުން އަންނަ ހިލަތަކާއި ބުދުތައް ދޫކޮށްލާން ގޮވައިލެއްވިއެވެ. އެ ރަސޫލާ އަޅުގަނޑުމެންނަށް އަމުރުކުރެއްވީ ތެދުބުނާށެވެ. އަމާނާތް އަދާކުރާށެވެ. ރަޙިމުގެ ގުޅުން ދަމަހައްޓާށާއި އަވަށްޓެރީންނަށް ހެޔޮކޮށް ހިތާށެވެ. އެމާތް ސާހިބާ މަނާކުރެއްވީ ފާފަތަކަށް އަރައިގަތުމެވެ. ދޮގުހެދުމާއި ޔަތީމުންގެ މުދާ ކެއުމެވެ. ޢިއްފަތްތެރި މާތް އަންހެނުންގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުންވެސް މަނާކުރެއްވިއެވެ. އެމާތް ސާހިބާ އަމުރުކުރައްވަނީ އެއްކައުވަންތަ اللّــــه އަށް އަޅުކަން ކުރާށެވެ. އަޅުގަނޑުމެން އެމާތް ރަސޫލާގެ ބަސްފުޅު ތެދުކޮށް ޤަބޫލުކޮށްފީމުއެވެ. އެމާތް ރަސޫލާއަށް އީމާންވެއްޖައީމުއެވެ. އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ޤައުމުގެ މީހުންނާ ޚިޔާލު ތަފާތުވެ ދެކޮޅުވެރިކަން ފެށުނީ އެހައިތަނުންނެވެ. ޤައުމުގެ މީހުން އަޅުގަނޑުމެންނަށް އަނިޔާވެރިވާން ފަށައިފިއެވެ. ގަދަބަދަވިކަން ދައްކާން ފަށައިގަތެވެ. އެބައިމީހުން އަޅުގަނޑުމެންނަށް މަޖްބޫރުކުރަމުން ގެންދިޔައީ އަލުން ބުދަށް އަޅުކަންކުރާން ފަށާށެވެ. އަޅުގަނޑުމެންނަށް މިނިވަންކަމާއެކު އަމިއްލަ ރަށުގައި ދިރިއުޅޭން ދަތިވުމުން އަޅުގަނޑުމެން ޚިޔާރުކުރީ މަނިކުފާނުގެ ރަށެވެ. އަޅުގަނޑުމެންނަށް އަނިޔާ ނުކުރެވޭނެކަމުގެ ޔަޤީންކަމުގައެވެ."
جـعــفـــــر رضـــــى اللّــــه عــنــــه ގެ ވާހަކަފުޅު އަޑުއެއްސެވުމަށްފަހު ނަޖާޝީ ވިދާޅުވިއެވެ. "ތިޔަބައިމީހުންގެ ރަސޫލާއަށް ބާވައިލެއްވި ކަލާމްފުޅުގެ އެއްވެސް ބައެއް ތިޔަބައިމީހުން ހަނދާން އެބަހުރިހެއްޔެވެ؟" جـعــفـــــر رضـــــى اللّــــه عــنــــه އާދޭހޭ ވިދާޅުވެފައި مــــــريـــــــم ســـــورة ގެ ކުރީކޮޅުގެ އާޔަތްތައް ކިޔަވައި ވިދާޅުވިއެވެ. ނަޖާޝީއަށް އެ އަޑުފުޅު އިވިވަޑައިގެންނެވުމުން އެރަސްގެފާނުގެ ހިތްޕުޅު މަޑުވެއްޖެއެވެ. ލޯފުޅުން ކަރުނަފޮދު ނީރައިލައިފިއެވެ. އޭނާ ވިދާޅުވިއެވެ. "ޝައްކެއްނެތެވެ. ތިޔަ ކިޔެވި އެއްޗެއްސާއި (ކީރިތި قــــــرآن އާއި) عـيســـى ގެފާނު ގެންނެވި އެއްޗެއްސަކީ (އިންޖީލަކީ) އެއްނޫރަކުން ފާއްދައިލި ދެ ދޯއްޖެވެ."
ނަޖާޝީ އެއަށްފަހު قـــــريـش ންގެ ސަފީރުންނާ ދިމާޔަށް ކުރިމަތިފުޅުލައްވައި ވިދާޅުވިއެވެ. "އަހަރެން މި އަނިޔާ ލިބިފައިވާ މީހުން ތިޔަބައިމީހުންނަކާ ޙަވާލެއް ނުކުރާހުށީމެވެ."
عَــمـــــرو بـــن الــعــاص އެދުވަހު ގެޔަށް ވަޑައިގެންފައި عــبـــداللّــــه بــــن ربــيــعــــة ގެ އަރިހުގައި ވިދާޅުވިއެވެ. "އަހަރެންގެ ތުރުކަސް ހުސްވީކީ ނޫނެވެ. މާދަމާ ވަރުގަދަ ތީރެއް ދޫކޮށްލާނަމެވެ. ޒަހަރުން ކަޅިކޮށްފައިވާ ތީރެކެވެ. މުސްލިމުންނަށް އެތީރުން ދިފާޢުވެވޭތޯ ބަލާނަމެވެ."
عَــمـــــرو بـــن الــعــاص އަނެއްކާ ވިދިގެންއައި ދުވަހުވެސް ނަޖާޝީގެ ދަރުބާރަށް ހާޒިރުވެވަޑައިގެންނެވިއެވެ. ނަޖާޝީއާއި ފާދިރީން ކޯފާއިސްކުރުއްވާން ވިދާޅުވިއެވެ. "عـيســـى ގެފާނާމެދު މުސްލިމުންގެ ޢަޤީދާ އޮންނަގޮތް އެބައިމީހުންކުރެން އައްސަވައިބައްލަވާށެވެ. އެބައިމީހުން އެކަލޭގެފާނާމެދު ދައްކައިއުޅެނީ ވަރަށް ބޭއަދަބީ ވާހަކަތަކެކެވެ."
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް