ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ 20 ޕަސަންޓު އެމްއެމްއޭއަށް މިހާރު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު 40 ޕަސަންޓަށް އިތުރުކޮށް، މާރުކުރަން ޖެހޭ މުއްދަތު މަސް ދުވަހަށް މަދުކުރަން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، ޑޮލަރު ލިބޭ މިންވަރު އިތުރުކުރުމަށް ތިން ފިޔަވަޅެއް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ:

  • ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 20 ޕަސަންޓު އެމްއެމްއޭއަށް މާރުކުރަން ޖެހޭ ގޮތަށް އޮތް އިސްލާހު ބަދަލުކޮށް 40 ޕަސަންޓަށް އިތުރުކުރަން ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހު ކުރުން
  • ރިސޯޓުތަކުން އެމްއެމްއޭއަށް ޑޮލަރު މާރުކުރަން ޖެހޭ މުއްދަތު ތިން ދުވަހުން އެއް ދުވަހަށް ބަދަލުކުރުމަށް ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހު ކުރުން
  • ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެ ޑޮލަރު ހޭދަކުރާ ގޮތް މޮނިޓާކުރުން

މުނައްވަރު ވިދާޅުވީ، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ބްލެކްމާކެޓުގައި ޑޮލަރު މާރުކުރާ ކަމަށެވެ.

މުނައްވަރު އިތުރަށް ވިދާޅުވީ، އެމްއެމްއޭއަށް ޑޮލަރު މާރުކުރާ މިންވަރު 40 ޕަސަންޓަށް އިތުރުކުރުމުން އެމްއެމްއޭއިން ބޭންކުތަކަށް ޑޮލަރު ދޫކުރެވޭ މިންވަރު އިތުރުވާނެ ކަމަށާއި އޭރުން ބޭންކުތަކުން ޓީޓީއަށް ދޫކުރާ ޑޮލަރުގެ މިންވަރުވެސް އިތުރުކުރެވޭނެ ކަމަށެވެ.