މިސަރުކާރުން ދެ އަހަރާއި ބައިގެ ތެރޭގައި 1.29 ބިލިއަން ޑޮލަރުގެ ލޯނު ދައްކާފައިވާ ކަމަށާއި މި މުއްދަތުގައި ކުރީ ދެ ސަރުކާރުން ދެއްކީ 619 މިލިއަން ޑޮލަރު ކަމަށް ފިނޭންސް މިނިސްޓަރު ހަޒަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަރީރު ވިދާޅުވީ ދައުލަތުގެ ރިޒާވްގެ ބޮޑުބައެއް ހޭދަ ކުރަން ޖެހިފައިވަނީ ލޯނުތައް ދެއްކުމަށް ކަމަށެވެ. އެގޮތުން މިއަހަރު ވެސް ދައުލަތަށް ލިބުނު ޑޮލަރުގެ 56 ޕަސެންޓް ދައްކާފައިވަނީ ލޯނުތައް ދެއްކުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރީގެ ދެ ސަރުކާރާ އަޅައި ބަލާއިރު، މި ސަރުކާރުން ބޮޑު ހަރަދެއް ލޯނުތައް ދެއްކުމަށް ކޮށްފައިވާ ކަމަށެވެ.

"އެގޮތުން ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި ދެ އަހަރާއި ބައިގެ ތެރޭގައި ދެއްކިފައިވަނީ 191 މިލިއަން ޑޮލަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ދެ އަހަރާއި ބައިގެ ތެރޭގައި ލޯނަށް ދައްކާފައިވަނީ 428 މިލިއަން ޑޮލަރު. އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، މިހާތަނަށް އައި އިރުގައި 1.3 ބިލިއަން ޑޮލަރު. އެހެން ކަމުން 1292 މިލިއަން ޑޮލަރު ދަރަނި ދެއްކުމަށް ހޭދަ ކުރެވިފައިވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެކަމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވި ކަމަށާއި ނަމަވެސް އެންމެ އިސްކަމެއް ދެނީ ދަރަނި ދެއްކުމާއި ތެލާއި އަސާސީ ބޭނުންތަކަށް ޑޮލަރު ހޭދަކުރުން ކަމަށެވެ.