ރާއްޖޭގެ ކްރިކެޓް ބޯޑު، ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް މުހައްމަދު ފައިސަލް، އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ)ގެ އެސޯސިއޭޓް ޑިރެކްޓަރުގެ މަގާމަށް އަނެއްކާވެސް އިންތިހާބު ވެެއްޖެއެވެ.

މީގެ ކުރިންވެސް ފައިސަލް އެމަގާމުގައި ހުންނެވި އިރު، ކުރިއަށް އޮތީ އެމަގާމުގައި އޭނާގެ ދެވަނަ ދައުރެވެ. ފައިސަލް ދެވަނަ ދައުރަކަށް އިންތިހާބުވީ ދާދިފަހުން ތައިލެންޑްގެ ބެންކޮކުގައި ކުރިއަށް ގެންދިޔަ އޭސީސީގެ އަހަރީ އާންމު ޖަލްސާގައެވެ.

ފައިސަލް ރާއްޖޭގެ ކްރިކެޓް ބޯޑުގެ ރައީސް ކަމަށް ފުރަތަމަ އިންތިހާބުވީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެފަހަރު ވާދަކުރެއްވީ އެކަންޏެވެ. އެކަމަކު މީގެ ދެއަހަރު ކުރިން ކްރިކެޓް ބޯޑުގެ އިންތިހާބުގައި ފައިސަލް އިތުރު ދައުރެއް ކާމިޔާބު ކުރެއްވީ ކްރިކެޓްގެ އިސް ހިދުމަތްތެރިއެއް ކަމަށްވާ ފަރުހަތު ޖަލީލްއާ ވާދަކުރައްވައިގެންނެވެ.

ފައިސަލްއަށް އޭސީސީގެ މަގާމު ދަމަހައްޓަން ފުރުސަތު ލިބުމަކީ ރީޖަނަލް ލެވެލްގައި އޭނާ ކްރިކެޓެއް ކުރައްވާ ހިދުމަތުގެ ރަމްޒެއް ކަމަށް ކްރިކެޓް ބޯޑުން ބުނެފައިވެއެވެ.