މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ، އަލްއަޒްހަރުގެ އިމާމް ޑރ. އަހްމަދު ތައްޔިބުގެ ބިދޭސީ ދަރިވަރުންނާ ބެހޭ އެޑްވައިޒަރު ޑރ. ނަހުލާ އައްސައީދީގެ ހާއްސަ ޝެޝަންތަކެއް ކުރިޔަށްގެންދަން ނިންމައިފިއެވެ.

ޑރ. ނަހުލާއަކީ އަޒްހަރުގެ ތާރީހުގައި ޝައިހުލް އަޒްހަރުގެ އެޑްވައިޒަރެއްގެ ގޮތުގައި އައްޔަނު ކުރެވުނު އެންމެ ފުރަތަމަ އަންހެން ބޭކަނބަލެވެ.

ޑރ. ނަހުލާ ރާއްޖެއަށް މި ކުރައްވާ ޒިޔާރަތުގައި ތަފާތު ދާއިރާތަކަށް އަމާޒުކޮށްގެން ހާއްސަ ސެޝަންތަކެއް ކުރިއަށްގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.

https://www.instagram.com/p/DcYpv19jBry/?utm_source=ig_web_copy_link&igsi=MzRlODBiNWFlZA%3D%3D

މި ސެޝަންތައް އިންތިޒާމު ކުރަނީ އައިޔޫއެމްގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް (ކިރްކް) އިންނެވެ. އޭގެއިތުރުން، އައިޔޫއެމްއިން ބާއްވާ އަހަރީ ކޮންފަރެންސް، "އައިސީއައިއޭ"ގައި ޑރ. ނަހުލާގެ ހާއްސަ ކީނޯޓް ސްޕީޗެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޑރ. ނަހުލާގެ ސެޝަންތަކާއި، މައުޟޫއުތައް އަދި އަމާޒުކުރެވޭ ފަރާތްތައް:

  • ޒުވާނުންނާއި ދަރިވަރުންނަށް އަމާޒުކުރެވޭ ސެޝަން: މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު 16:00 އިން 18:00 އަށް.
  • "ޝަހްސިއްޔަތާއި އިޖުތިމާއީ މަގާމު ހާސިލުކުރުމުގައި އިސްލާމްދީން ޒުވާނުން ބާރުވެރިކުރާ ގޮތް" މި މައުޟޫއަށް ބާއްވާ ސެޝަން އަމާޒުކޮށްފައިވަނީ ސެކަންޑަރީ ސުކޫލްތަކުގެ އަންހެން އަދި ފިރިހެން ދަރިވަރުންނަށް.
  • ދީނީ އިލްމުވެރިންނާއި ވާއިޒުންނަށް އަމާޒުކުރެވޭ ސެޝަން: އަންނަ ބުދަ ދުވަހުގެ 20:00 އިން 22:00 އަށް. ކުރިއަށްދާނީ "އިސްލާމީ ދައުވަތުގެ މައިދާނުގައި އަންހެނުން: ނުފޫޒުވެރިކަމާއި އަދާކުރާ މުހިންމު ދައުރު" މި މައުޟޫއުގެ މައްޗަށް. އެ ސެޝަން ހާއްސަ ކުރެވިފައިވަނީ ދީނީ ދައުވަތު ފެތުރުއްވުމުގައި ހަރަކާތްތެރިވާ މުސްލިހުންނާއި، އިލްމުވެރިން އަދި ވާއިޒުންނަށް.
  • މުދައްރިސުންނަށް އަމާޒުކުރެވޭ ސެޝަން: އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް ބާއްވާ ސެޝަން އަމާޒުކޮށްފައިވަނީ ސުކޫލްތަކުގެ މުދައްރިސުންނަށް. ސެޝަންގެ މައުޟޫއަކީ "ދަރިވަރުންގެ ވަންތުކަން ބައްޓަންކުރުމާއި، އިސްލާމީ ރަނގަޅު އުސޫލުތަކަށް ލޯބިކުރާ ހޭލުންތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުންގެ ދައުރު".
  • ޔުނިވާސިޓީ އަދި ކޮލެޖްތަކުގެ ދަރިވަރުންގެ ލީޑަރުންނަށް އަމާޒުކުރެވޭ ސެޝަން ކުރިއަށްގެންދަނީ އަންނަ ބުރާސްފަތި ދުވަހު 13:00 އިން 15:00 އަށް. ކުރިއަށްދާނީ "އިސްލާމީ ވަންތަކަމުގެ މައްޗަށް ބިނާވެފައިވާ، ނަތީޖާ ނެރެވޭފަދަ އިސްނެގުމުގެ ދައުރުތަކެއް އަދާކުރުމުގައި ދަރިވަރުން ބާރުވެރިކުރުވުން" މި މައުޟޫއުގެ ސެޝަނެއް. ސެޝަން އަމާޒުކޮށްފައިވަނީ ޔުނިވާސިޓީތަކާއި ކޮލެޖްތަކުގެ ސްޓޫޑެންޓް ޔޫނިއަންތަކުގެ އިސް ދަރިވަރުންނަށް.
  • ތައުލީމީ މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކުރެވޭ ސެޝަން: އަންނަ ބުރާސްފަތި ދުވަހު 20:00 އިން 22:00 އަށް. ހާއްސަކުރެވިފައިވަނީ ޔުނިވާސިޓީތަކާއި ތައުލީމީ މުއައްސަސާތަކުގެ މުވައްޒަފުންނަށް. މި ސެޝަންގެ މައުޟޫއަކީ "ތައުލީމީ މުއައްސަސާތަކުގައި މަސައްކަތުގެ އުފެއްދުންތެރިކަމާއި، އިސްލާމީ އަގުތަކާ ދެމެދު ވަޒަން ހަމަކުރުން."