ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ހެދުމަށް ބޭނުންވާ ހަވާލުކުރުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއާއި އުލިގަމު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ކެޕްޓަން ހުސެއިން ޝަފީގެވެ. އަދި އުލިގަމު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އަސަދުﷲ މުހައްމަދެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް މި މަޝްރޫއާ ގުޅޭ ގޮތުން ދެއްވި އިންޓަވިޔުއެއްގައި އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީގު ވިދާޅުވީ ޔޮޓު މެރީނާ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި މަހު ފެށޭނެ ކަމަށާއި ފުރަތަމަ ފިޔަވަހީގައި އެތަން ކުޑަކޮށް ތަރައްގީކުރި ނަމަވެސް، މުސްތަގުބަލުގައި މި މަޝްރޫއު އިތުރަށް ފުޅާވެގެންދާނެކަމަށެވެ.
ކެޕްޓަން ޝަފީގު ވިދާޅުވީ، އެ ޔޮޓް މެރީނާގައި ގާތްގަނޑަކަށް 18 ޔޮޓުގެ ޖާގަ ހިމެނޭނެ ކަމަށާއި އެ ތަން ދުނިޔޭގެ ފެންވަރުގެ ތަނަކަށް ވެގެންދިއުމަކީ އުންމީދު ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އުލިގަމު ކައުންސިލްގެ ރައީސް އަސަދުﷲ މުހައްމަދު ވިދާޅުވީ، ޔޮޓް މެރީނާއެއް ގާއިމްވެގެން ދިއުމަކީ އުލިގަމު ރައްޔިތުން ދެކެމުން އަައި ހުވަފެނެއް ކަމަށާއި މެރީނާގެ ސަބަބުން ރަށުގެ އިގްތިސޯދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
އުލިގަމުގެ ޔޮޓް މެރީނާއާ ގުޅޭ ގޮތުން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އިކޮނޮމިކް މިިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެ ޔޮޓް މެރީނާގެ ސަބަބުން އުލިގަމާއި އުތުރު ސަރަހައްދަކީ ޔޮޓްތަކަށް ހާއްސަ ސަރަހައްދަކަށް ވެގެންދާނެ ކަމަށެވެ.
"އުލިގަމުގައި ޔޮޓް މެރީނާއެއް ގާއިމުވެގެން ދިއުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެއް ހަގީގަތަކަށްވެގެން ދިއުން" މިނިސްޓަރު ވިދާޅުވިއެވެ.
އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލާއި އުލިގަމު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ އެއް ވަނަ ދުވަހުއެވެ.
ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އުލިގަމަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މުހިންމު މަގަކަށްވާއިރު ގިނަ އަދަދެއްގެ ޔޮޓްތައް މިހާރުވެސް އުލިގަމު ފަޅުގައި ބަނދަރުކުރެއެވެ.
އަލީ ޔާމިން
ހއ. އުލިގަން
ހއ. އުލިގަން
ހއ. އުލިގަން
ހއ. އުލިގަން
ކޮމެންޓް