ހއ. އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްގީ ކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެޕްޕީއެލް)އިން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އާންމުކޮށް ބޭރުގެ ޔޮޓްތައް ބަނދަރުކުރާ ހއ. އުލިގަމުގައި ތަރައްގީކުރަން ހަމަޖެހިފައިވާ ޔޮޓް މެރީނާގެ ޑިޒައިން އަދި އިމާރާތްކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އެމްޕީއެލުން އިއުލާނުކުރީ މިމަހުގެ ހަތަރެއްގައެވެ.
އެމްޕީއެލުން ރޭ ބުނީ އެ މަޝްރޫއު ހަވާލުކުރީ ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާ ކަމަށެވެ.
އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އަލީ ހާޝިމެވެ. އަދި ސާސްއީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުالله ސަވާދެވެ.
އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 18 ޔޮޓަށް އެއް ފަހަރާ ބަނދަރު ކުރެވޭނެ މެރީނާއެއް ތަރައްްގީ ކުރަން ނިންމާފައިވެއެވެ.
"މި މެރީނާއިން ޔޮޓްފަހަރަށް ބޭނުންވާ މައިގަނޑު ހިދުމަތްތަކުގެ އިތުރުން، އިމިގްރޭޝަން އަދި ކަސްޓަމްސްގެ ހިދުމަތްވެސް ލިބިގެންދާނެ. އަދި ޔޮޓް މެެރީނާ އޮޕަރޭޓްކޮށް، އިތުރަށް ތަރައްގީކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް މި ކުންފުނިން ކުރަމުންދާކަން ފާހަގަކުރަން." އެމްޕީއެލުން ބުންޏެވެ.
އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރަން ނިންމައި އެމްޕީއެލްއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އުލިގަމުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި އުލިގަމަށް ހާއްސަ އިގްތިސާދީ އެ މަސައްކަތަކީ ދާއިމީ ގޮތެއްގައި ފުޅާވާނެ ގޮތަށް ކުރިއަށް ގެންދެވޭނެ މަޝްރޫއުއަކަށް ހެދުމަކީ ސަރުކާރުން ވެސް ބޭނުންވާ ގޮތެވެ. ރާއްޖޭގެ އެންމެ އުތުރުގެ ސަރަހައްދުން ސްރީ ލަންކާ އާއި އިންޑިއާގެ އިތުރުން މެލޭޝިއާ އަދި ތައިލެންޑް ފަދަ ގައުމުތަކުން ރެޑްސީ ހުރަސްކޮށް ޔޫރަޕަށް ގިނަ އަދަދެއް ޔޮޓުތައް ދަތުރު ކުރެއެވެ.
މި ދަތުރުތަކުގައި މަޑުކުރާ މަންޒިލެއްގެ ގޮތުގައި އުލިގަން އޮންނަނީ މަޝްހޫރުވެފަ އެވެ. އަހަރަކު 100-150 ޔޮޓު އުލިގަމުގައި ބަނދަރު ކުރާއިރު، އެ ޔޮޓުތަކަށް އެކަށީގެންވާ ގޮތެއްގައި މިހާތަނަށް ހިދުމަތް ފޯރުކޮށެއް ނުދެވެ އެވެ.
ފާތިމަތު ލިއުޝާ
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް