ހއ. އުލިގަމުގައި ތަރައްގީކުރާ ޔޮޓް މެރީނާގެ މާސްޓާ ޑިވެލޮޕާ އަދި އޮޕަރޭޓަރުގެ ގޮތުގައި މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

އެމްޕީއެލުން އީއޯއައި ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލި އިރު، އެ ފުރުސަތު ވަކި ކުންފުނިތަކަށާއި ޖޮއިންޓް ވެންޗާތަކަށް ވަނީ ހުޅުވާލެވިފައެވެ. ކުރިމަތިލާ ފަރާތްތަކުގެ މާލީ ގާބިލުކަމާއި ކުންފުނީގެ ގާނޫނީ ހައިސިއްޔަތަށް ބަލައި ކެންޑިޑޭޓުން ޝޯޓްލިސްޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އީއޯއައިއާ ގުޅޭގޮތުން ސުވާލު ފޮނުވުމުގެ އެންމެ ފަހު ތާރީހަކީ 16 ސެޕްޓެމްބަރު 2026 ގެ 14:00 އެވެ. އީއޯއައި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 21 ސެޕްޓެމްބަރު 2026 ގެ 14:00 އެވެ.

މިއީ ބީލަން މަރުހަލާގެ ފުރަތަމަ ބުރެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) މަރުހަލާގައި ތަފްސީލީ ފަންނީ އަދި މާލީ ޕްރޮޕޯސަލް ހުށަހެޅުމަށް ދައުވަތު ދެވޭނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

މި މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި މެރިޓައިމް ޓޫރިޒަމް ފުޅާކޮށް އިގުތިސާދު ކުރިއަށްގެންދިއުމަށް އެމްޕީއެލުން ކުރިއަށްގެންދާ ދިގު މުއްދަތުގެ ސްޓްރެޓެޖިކް މަޝްރޫއެކެވެ. މިއީ އެ ސަރަހައްދުގައި އަމިއްލަ އިންވެސްޓްމަންޓްތަކާއެކު ގާއިމުކުރެވޭ ފުރަތަމަ ބޮޑު މެރީނާ މަޝްރޫއެވެ.

މި މަޝްރޫއުގެ ދަށުން އެމްޕީއެލުން ދަނީ މެރީނާގެ އަސާސީ އިންފްރާސްޓްރަކްޗާގެ މަސައްކަތްތައް ކުރިއަށްގެންދަމުންނެވެ. އޭގެ ތެރޭގައި ފަޅު ކޮނުމާއި، ތޮށިލުމާއި، ޖެޓީ އާއި ފްލޯޓިން ޕޮންޓޫން ސިސްޓަމް ގާއިމުކުރުމުގެ އިތުރުން ސެކިއުރިޓީ އިންފްރާސްޓްރަކްޗާ ހިމެނެއެވެ.

އިންވެސްޓަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މެރީނާ ހިންގުމާއި، ބާތިންގް ހިދުމަތްތައް ދިނުމާއި، ފިއުލް އާއި ވޭސްޓް މެނޭޖްމަންޓް ހިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން މެރީނާ ހޮޓާ ނުވަތަ ބުޓީކް ރިސޯޓާއި، ރެސްޓޯރެންޓްތަކާއި، ކްރޫ ފެސިލިޓީސް އަދި ވޯޓާ ސްޕޯޓްސް ވަސީލަތްތައް ތަރައްގީކުރުން ހިމެނެއެވެ.

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލާއި އުލިގަމު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ އެއް ވަނަ ދުވަހުއެވެ. އަދި މިދިޔަ މަހުގެ 23 ގައި އުލިގަމު ކައުންސިލުން ވަނީ ޔޮޓް މެރީނާ ހަދަން އެމްޕީއެލްއާ ބިން ހަވާލުކޮށްފައެވެ.

ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އުލިގަމަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މުހިންމު މަގަކަށްވާއިރު ގިނަ އަދަދެއްގެ ޔޮޓްތައް މިހާރުވެސް އުލިގަމު ފަޅުގައި ބަނދަރުކުރެއެވެ.