ރާއްޖޭގެ ޖީޑީޕީގެ 15 ޕަސެންޓަކީ ޑިޖިޓަލް އަދި އުފެއްދުންތެރި އިގްތިސޯދު ހިއްސާކުރާ މިންވަރަކަށް ހެދުމަކީ 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ އަމާޒެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭ، ނަސަންދުރާގައި ބާއްވާ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ރޭވިފައިވާ ކަމަށެވެ. އެގޮތުން ސަގާފީ މަސައްކަތްތެރިންނަށް ހާއްސަ މަރުކަޒުތަކާއި ފަންނުވެރިންގެ ވިޔަފާރި ފުޅާކުރެވޭނެ 'ކްރިއޭޓާ ހަބް' ތައް ގާއިމުކުރުމުގެ އިތުރުން، ފަންނުވެރިންގެ ހުނަރު ދައްކާލުމަށް ބާއްވާ 'މޯލްޑިވްސް އެކްސްޕޯ' ގެ ދެވަނަ މައުރަޒު މިއަހަރުގެ އޮކްޓޯބަރު މަހު ބޭއްވުމަށް ވަނީ ހަމަޖެހިފައިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށްޓަކައި ރާއްޖޭގެ ފުރަތަމަ "ޓްރޭޑް އެކްސެލެރޭޝަން ޒޯން" އަންނަ ޖެނުއަރީ މަހުގެ ކުރިން ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިޔަފާރިވެރިންނަށް މާލީ މުއާމަލާތްތައް ފަސޭހަކުރުމުގެ ގޮތުން ޑިޖިޓަލް ވޮލެޓްތަކާއި ބީއެމްއެލް ސްވައިޕްގެ އިތުރުން ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ، އަޅުގަނޑުމެންގެ ފަންނުވެރިންނާއި މަސައްކަތްތެރިންނާއި ވިޔަފާރިވެރިންނަށް އެހީތެރިވުމަށް ކުރެވޭ މަސައްކަތްތަކެއް،" ރައީސް ވިދާޅުވިއެވެ.
"މޯލްޑިވްސް 2.0" އެޖެންޑާގެ ދަށުން ރާއްޖޭގެ ރަށްތައް ވަކިވަކިން އޮތުމުން ދިމާވާ ޖިއޮގްރަފީގެ ހުރަސްތައް ނައްތާލުމަށް ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރަމުންދާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ކަނޑުއަޑީގެ ކޭބަލް ވިއުގައަށް ގޫގުލްއިން ކުރި އިންވެސްޓްމަންޓަކީ ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެ ކުރިއަރަމުން އަންނަކަމުގެ އަލިގަދަ ހެއްކެއްކަމަށް ރައީސް ވިދާޅުވިއެވެ.
ކުދި ޖަޒީރާ ގައުމުތަކުގައި ޑިޖިޓަލް ވަސީލަތްތަކަކީ ވަޒީފާއާއި އިގްތިސޯދީ ފުރުސަތުތައް ފަހިކޮށްދޭ ބިންގާކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންކަމުން، އަޅުގަނޑުމެންގެ ކުޑަކަމަކީ ފައިދާއަކަށް ބަދަލުކުރެވިދާނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ބާއްވާ ފުރަތަމަ "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" މެދުވެރިކޮށް ބައިނަލްއަގުވާމީ އިންވެސްޓަރުންނަށް ފުރުސަތުތައް ހުޅުވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުތަކާއި މާލީ އިދާރާތަކާއި ޓެކްނޮލޮޖީ ދާއިރާ ގުޅިގެން މަސައްކަތްކޮށް، ކުދި ގައުމުތަކަކީ އީޖާދީ އާ ވިސްނުންތައް އުފަންކުރާ މަރުކަޒުތަކަކަށް ހެދުމަށް އެމަނިކުފާނުވަނީ ގޮވާލައްވާފައެވެ.
"މިއީ އިގްތިސޯދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭނެ ދާއިރާތަކެއް. އެހެންކަމުން، އެންމެ ފުރަތަމަ ބާއްވާ 'އައިލެންޑް އިންވެސްޓްމަންޓް ފޯރަމް' ރާއްޖޭގައި ބޭއްވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. ރާއްޖެއަކީ އެކި ސިނާއަތްތަކުން ފެށިގެން އުމްރާނީ ތަރައްގީގެ ދާއިރާއާ ހަމައަށް ބައިނަލްއަގުވާމީ އިންވެސްޓްމަންޓްތައް ހުރި ގައުމެއް. މީގެ ފައިދާ ދިވެހި ރައްޔިތުންނަށާއި އިންވެސްޓަރުންނަށްވެސް ދަނީ ލިބެމުން،" ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް