އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަދި ކައުންސިލްތަކުގެ ބަހެއް ހޯދުމަކާނުލައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަން އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނެގުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލް ބަދަލުތަކަކާއެކު ލާމަރުކަޒީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މި ބިލަކީ ރައްޔިތުންގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހައްނާނު މިމަހުގެ 10 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި ބިލެކެވެ.

ކައުންސިލްތަކުގެ ބިންބިމާއި ތަންތަން ނެގުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން ބިލުގައި ހިމެނިފައިވުުން ބިލާމެދު ހިޔާލުތަފާތުވުން ބޮޑުވެ ކަންބޮޑުވުންތަކެއް އުފެދުނެވެ.

އެކަމުގެ ސަބަބުން އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި މަޖިލީހަށް އީ ޕެޓިޝަނެއް ހުށަހެޅިއެވެ. އޭގެ އިތުރުން ބިލް އޮތް ގޮތަށް ފާސްކުރަން ގޮވާލާ ޕެޓިޝަނެއްވެސް ހުށަހެޅިއެވެ.

އެ ދެ ޕެޓިޝަނަށް މަޖިލިސް ތަޅުމުގައި ބަހުސް ކުރުމަށް ބޭނުންވާ ސޮއި ހަމަވެފައިވާތީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ދެ ޕެޓިޝަންގެ ބަހުސް ވަނީ ކުރިއަށްގެންގޮސްފައެވެ.

މަޖިލީހުގައި ބަހުސް ކުރުމަށްފަހު އިތުރަށް ދިރާސާކޮށް އިސްލާހު ގެންނަން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފައި އޮތް މި ބިލަށް އިސްލާހު ގެނެސް ކޮމިޓީން މިއަދު ފާސްކުރީ އެ ބިލާ ބެހޭގޮތުން ހުށަހެޅި ދެ ޕެޓިޝަނަށް މަޖިލިސް ތަޅުމުގައި ބަހުސްކޮށް ނިމުނު ފަހުންނެވެ.

ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި، ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް، އެ ތަންތަން ކައުންސިލްގެ އިހުތިސާސުން ވަކި ކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށާއި، އެގޮތަށް ކައުންސިލްގެ އިހްތިސާސްތެރޭގައި ހިމެނޭ ބިމެއް، ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށްފަހު، އެކަން ކަމާބެހޭ ގައުމީ އިދާރާއިން ކައުންސިލަށް އެންގުމުން، އެ ބިމެއް ނުވަތަ ތަނެއް ކައުންސިލްގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރުހިނގާ ބިމާއި ތަންތަން ކަމުގައި ވެގެންދާނެ ކަމަށް، ގާނޫނުގެ 2-56 އަށް އަކުރެއް އިތުރު ކުރަން ބިލުގައި ވަނީ ހިމަނައިފައެވެ.

ރަށެއް، ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެކުރިން ވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއެއް ކުރިއަށްގެންދަން ބިމެން ހޯދަން އެދޭ ހާލަތުގައި އެ ބިން ކައުންސިލުން ގައުމީ އިދާރާއާ ހަވާލުކުރަންވާނެ ކަމަށް، ގާނޫނުގެ 2-107 މާއްދާއަށް އަކުރެއް އިތުރު ކުރުމަށްވެސް ބިލުން ވަނީ ހުށަހަޅައިފައެވެ.

އަދި ކައުންސިލަރުން ހުރުމަތްތެރިކޮށް ހިތުމާއެކު، ނަގަހައްޓަންޖެހޭ އުސޫލުތަކުުގެ ގޮތުގައި ގާނޫނުގެ 1-131 ވަނަ މާއްދާގައި ކަޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ރައްޔިތުންގެ ޖަމާއީ މަންފާއަށްޓަކައި ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއުތަކަށް ފުރިހަމަ އެއްބާލުުން ދޭންޖެހޭނެކަން ކަނޑައަޅައި އަކުރެއް އިތުރު ކުރަންވެސް ވަނީ ހިމަނައިފައެވެ.

މީގެއިތުރުން ކައުންސިލްގެ މެންބަރުން ކޮށްގެންނުވާނެ ކަންތައްތަކުގެ ގޮތުގައި ގާނޫނުގެ 2-131 މާއްދާއަށް އިތުރު ކުރާ އަކުރެއްގެ ގޮތުގައި، ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއުތަކަށް މަގުބޫލު ސަބަބެއްނެތި ހުރަސްއެޅޭފަދަ ގޮތަށް ކައުންސިލް މެންބަރުން އަމަލު ކޮށްގެންނުވާނެ ކަމަށާއި، މަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމައިގެން ނުވާނެ ކަމަށް ހިމަނަންވެސް ބިލުގައި ހުށަހަޅާފައިވެއެވެ.

ނަމަވެސް ލާމަރުކަޒީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި، ސަރުކާރަށް ނެގޭގޮތަށް 2-56 މާއްދާއަށް ގެންނަން ބިލުގައި ހުށަހެޅި އިސްލާހު، ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އައިފާން ހުށަހަޅައި، އުނގޫފާރު ދާއިރާގެ ޕީއެންސީ މެންބަރު ތާއީދުކޮށްގެން ބިލުން އުނިކުރިއެވެ. ނަމަވެސް އެެ އުނިކުރި ބައި، ބިލުގައި ހިމަނާފައި ނުވެސް ނެތް، އެ ގާނޫނުގެ 2-52 އަށް އިސްލާހުގެ ގޮތުގައި އިތުރު ކުރަން އައިފާން ހުށަހެޅިއެވެ.

އެގޮތުން މި ގާނޫނު ނުވަތަ އެެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް ކައުންސިލްގެ އިހްތިސާސް ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަން އެތަންތަން ކައުންސިލްގެ އިހްތިސާސުން ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށާއިި، އެގޮތަށް ވަޒީރުންގެ މަޖިލީހުން ނިންމުމަަށްފަހު އެކަން ކަމާބެހޭ ގައުމީ އިދާރާއިން ކައުންސިލަށް އެންގުމުން، އެ ބިމެއް ނުވަތަ ތަނެއް ކައުންސިލްގެ މިލްކިއްޔާތުން ވަކިވެ ދައުލަތުގެ ފުރިހަމަ ބާރުހިނގާ ބިމާއި ތަންތަން ކަމުގައި ވެގެންދާނެ ކަމަށް ހިމެނިއެވެ.

މީގެ އިތުރުން ދަށުން ކައުންސިލްގެ އިހްތިސާސްގެ ތެރެއިން ބިމެއް، ނުވަތަ ތަނެއް ވަކިކުރުމުގެ ކުރިން ގައުމީ އިދާރާއިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަކެއްވެސް ހިމެނިއެވެ.

އެ އިޖުރާއަތްތައް:

  1. ކައުންސިލްގެ އިހްތިސާސްގެ ތެރެއިން ވަކިކުރަން ބޭނުންވާ ބިން ނުވަަތަ ތަނުގެ މައުލޫމާތާއި އެ ބިމެއް ނުވަތަ ތަނެއްގައި ސަރުކާރުން ހިންގުމަށް ކަނޑަޅާ ތަރައްގީގެ މަޝްރޫއުތަކާބެހޭ މައުލޫމާތު އާއްމުކުރުން
  2. ގައުމީ އިދާރާއަކުން އިދާރީ ދާއިރާއެއްގައި ހިންގުމަށް ކަނޑައަޅާ މަޝްރޫއާގުޅޭ މައުލޫމާތު ކައުންސިލާ ހިއްސާކޮށް އެކަމާ ގުޅޭގޮތުން ކައުންސިލާ މަޝްވަރާކޮށް ހިޔާލު ހޯދުން އަދި ކައުންސިލުން ހުށަހަޅަން ބޭނުންވާ ހިޔާލެއް ނުވަތަ ޝަކުވާއެއް ހުށަހެޅުމަށް މަދުވެގެން 14 ދުވަހުގެ މުއްދަތެއް ދިނުން
  3. ގައުމީ އިދާރާއަކުން އިދާރީ ދާއިރާއެއްގައި ހިންގުމަށް ކަނޑައަޅާ މަޝްރޫއަކާ ގުޅޭގޮތުން ހިޔާލެއް ނުވަތަ ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ހިޔާލެއް ނުވަތަ ޝަކުވާއެއް ހުށަޙަޅަން މަދުވެގެން 14 ދުވަހުގެ މުއްދަތެއް ދިނުން
  4. މި މާއްދާގެ 2 އަދި 3 ވަނަ ނަމްބަރުގެ ލިބޭ ހިޔާލުތަކަށް ނުވަތަ ޝަކުވާތަކަށް ރިއާޔަތްކޮށް ސަރުކާރުން ހިންގުމަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކަށް ބަދަލު ގެންނަންޖެހޭނެ

މީގެ އިތުރުން ގައުމީ އިދާރާގެ އޮފީހެއް އިދާރީ ދާއިރާގައި ގާއިމުކޮށްގެން ހިދުމަތް ދިނުން، ނުވަތަ ގައުމީ އިދާރާތަކުގެ ހިދުމަތްތައް އެ އޮފީހަކުން ލިބިގެންދާނެ މޭރުމުން އިންޓަގްރޭޓޭޑް ސާވިސް ސެންތަރުތަކެއް ސަރުކާރުން އިދާރީ ދާއިރާތަކުގައި ގާއިމުކޮށް އެ ސެންޓަރުތަކުން ހިދުމަތްދިނުމަށާއި، އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނަށް ގެނައި އިސްލާހަށް އަމަލު ކުރަން ފެށުމުން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖިއޭ) އަށް ބަދަލުވެެފައިވާ، ކުރިން އަތޮޅު ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހާ މުދަލާއި ވަސީލަތްތައް މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު މާލީ ކަންކަމާ ބެހޭ ވުޒާރާއަށް ބަދަލުވީ ކަަމަށް ކަނޑައަޅަންވެސް ހިމެނިއެވެ.

މި އިސްލާހުތަކާއެކު އިސްލާހުތަކާއެކު ލަމަރުމަޒީ ކޮމީޓީން މިއަދު ވަނީ ބިލު ފާސްކޮށްފައެވެ.

ކޮމިޓީ ބައްދަލުވުން ކުރިއަށްދިޔައިރު، ބިލުގައި ނުހިމެނޭ މާއްދާތަކަށް އިސްލާހު ހުށަހަޅަމުން ގެންދިއުމާއި، މި ބިލާ ގުޅޭ ދެ ޕެޓިޝަން ހުށަހަޅާފައިވާއިރު އެ މައްސަލައަށް ގޮތެއް ކަނނޑަނާޅައި ބިލު ނިނުމުގެ މަސައްކަތް ކުރާތީ، އެކަމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން އެހެން ނެހެދުމަށާއިި މަޖިލީހުގެ އުސޫލުތައް ހިފހައްޓަން ގޮވާލައި އިހުތިޖާޖު ކުރިއެވެ.