ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ތަންތަނުން ކައުންސިލުތަކަށް ކުލި ނުނެގޭ ގޮތް ހަދަން ގާނޫނު އިސްލާހު ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ މެދު ގޮތެއް ނިންމުމުގެ ކުރިން އާންމުންގެ ހިޔާލަށް ހުޅުވާލުމަށް، ލާމަރުކަޒީ ކޮމިޓީން ނިންމައިފިއެވެ.
ސަރުކާރުގެ ފަރާތުން މިއަދުގެ މަޖިލިސް ޖަލްސާއަށް ހުށަހެޅުއްވީ، ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ހުސައިނެވެ. ބަހުސަށްފަހު މިއަދު ވަނީ އެ މައްސަލަ ދިރާސާކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފައެވެ.
މިއަދު ހަވީރު ބޭއްވި ލާމަރުކަޒީ ކޮމިޓީ ބައްދަލުވުމުގައި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ވަނީ، ރައްޔިތުންގެ ހިޔާލު އަދި ކަމާބެހޭ ފަރާތްތަކުގެ ހިޔާލެއް އޮތް ނަމަ، މާދަމާ މެންދުރު 1:00 ގެ ނިޔަލަށް ހިޔާލު ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމަށް ހުށަހަޅާ ކަމަށެވެ. އަދި މާދަމާރޭ 10:00 ގެ ނިޔަލަށް ބިލާ މެދު ކޮމިޓީން ގޮތެއް ނިންމުމަށް ވެސް ހުށަހެޅުއްވިއެވެ.
އައިފާންގެ އެ ހުށަހެޅުއްވުމަށް ވިލިފުށި ދާއިރާގެ މެންބަރު ވަހީދު ވަނީ ތާއީދުކުރައްވައިފައެވެ. ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ވަނީ ފާސްކޮށްފައެވެ.
ލާމަރުކަޒީ ކޮމިޓީން ފާސްކުރި ގޮތަށް މަޖިލީހުން މިހާރު ވަނީ ރަސްމީކޮށް އެ ބިލަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފައެވެ. މާދަމާ މެންދުރު 1:00 ގެ ކުރިން [email protected] އަށް އީމެއިލުން ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހިޔާލު ހުށަހެޅުމަށް ވަނީ އެދިފައެވެ.
އިބްރާހިމް ހުސައިން އެ ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ ކައުންސިލްތަކުން އުފައްދާ ''ލޯކަލް އޮތޯރިޓީ ކުންފުނި'' ތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ގާނޫނުގައި ކަނޑައެޅުމާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖައާކުރުން ކަމަށެވެ.
އެ ބިލުގައި ބުނެފައިވާ ގޮތުގައި ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރު ނުވަތަ ދައުރު ހަމަވާން އަހަރަކަށް ވުރެ ކުުރު މުއްދަތެއް އޮވެއްޖެ ނަމަ، މާލީ ކަންކަމާ ގުޅޭ މައިގަނޑު ތިން ކަމަކާ ގުޅޭ ގޮތުން ނިންމުންތައް ނިންމޭނީ ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން
- ކައުންސިލް އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަހަރައްދުތައް ކުއްޔަށް ދޫކުުރުމާއި ދިނުން
- ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން
ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ފޮނުވި ބިލުގައި 70 ވަނަ މާއްދާއަށް ދެ އަކުރު އިތުރު ކުރަން ވެސް ހުށަހަޅާފައިވާ އިރު، "ލޯކަލް އޮތޯރިޓީ ކުންފުނި" ތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކީ އަންނަނިވި ޝަރުތުތައް ފުރިހަމަވާ މަސައްކަތްތަކެއް ކަމަށްވާންވާނެ ކަމަށް ވަނީ ހިމަނައިފައެވެ.
އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކުގައި ހިމެނެންޖެހޭ ޝަރުތުތައް:
- އެ މަސައްކަތަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިގުތިސޯދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއްކަމުގައި ނުވުން
- އެ މަސައްކަތަކީ، ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައިވުން
- އެ މަސައްކަތުގެ އިންވެސްޓްމަންޓްގެ އަދަދު 10،000،000 ރުފިޔާއަށްވުރެ ބޮޑުވުން
މީގައި ހިމެނޭ ޝަރުތުތައް ހަމަނުވާ ވިޔަފާރި ހަރަކާތްތައް، ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ގާނޫނަށް ގެނެސް، ރައީސް ބިލު ތަސްދީގުކޮށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ހުއްްޓާލަން ޖެހޭނެ ކަމަށްވެސް ބިލުގައިވެއެވެ.
''ލޯކަލް އޮތޯރިޓީ ކުންފުނި'' އުފައްދައިގެން ރަށްރަށުގެ ލޯކަލް ކައުންސިލްތަކުން ހިންގާ ވިޔަފާރިތަކުގެ ޝަރުތުތައް ވަރުގަދަކޮށް، އިންވެސްޓްމަންޓްގެ އަދަދު މިލިޔަނަށްވުރެ ބޮޑުވާން ޖެހޭނެ ކަމަށް ކަނޑައަޅަން ގާނޫނު އިސްލާހުކުރަން ވެސް މަޖިލީހަށް ވަނީ ބިލު ފޮނުވައިފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް