މިސްރާބު ޖަހަންވީ ގުދުރަތީ ރޭވުންތެރިކަމާ އެކު ހޯދާ ތަރައްގީއާ ދިމާލަށް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫގައި އަލުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރަން ރޭ އެ ސިޓީގައި ބޭއްވި "އާބާދީ 60" ގައި ވާހަކަފުޅު ދައްކަވަމުން މޫސުމާ ބެހޭ ކަންކަމަށް އަބަދުވެސް ވަކާލާތުކުރައްވާ ނަޝީދު ވިދާޅުވީ، މޫސުމަށް ބަދަލު އަންނަ ކަމަށާއި އެ ހަގީގަތް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ، ރާއްޖޭގެ ފަރުތަކާއި ފަޅުތަކާއި ތުނޑިތަކާއި ގޮނޑުދޮށްތައް ހިމާޔަތްކުރެވޭނެ ގޮތްތަކަށް ވިސްނާން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ފަރުތަކާއި އަޅުގަނޑުމެންގެ ފަޅުތަކާއި އަޅުގަނޑުމެންގެ ތުނޑިތަކާއި އަޅުގަނޑުމެންގެ ގޮނޑުދޮށްތައް ހިމާޔަތްކުރެވޭނެ ގޮތްތައް އަޅުގަނޑުމެން ވިސްނާން ޖެހޭ. ގުދުރަތީ ރޭވުންތެރިކަން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ. އެން ދަމާދަމާދަމާ ގޮތް ދަމާނެ އެމެއް ނެތި މަސްވެރިކަން ހީނަރުވެ ދަނީ." ނަޝީދު ވިދާޅުވިއެވެ.

ފަރުތައް ހިއްކާ ކަމަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވީ، ތަރައްގީގެ ނަމުގައި ކުރާ އެފަދަ ކަންކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ، ތިނަދޫ ތަރައްގީކުރާ އިރު، މާލެ މިސާލަކަށް ބަލައިގެން މާލެ "ހައްދަވަން" އުޅެގެން ވާނީ ގެއްލުން ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑުމެންގެ ހިތްތަކަށް ވައްދާފައި އެ އޮންނަނީ ތަރައްގީއަކީ މާލެއޭ. ނަމަނަމަ މާލެ ހައްދަވަން ނޫޅުއްވާތި މި ރަށުގައި. މީ މާލެއަކަށް ހައްދަވައިފިނަމަ ރާއްޖެ އަޅުގަނޑުމެންނަށް ސަލާމަތްކުރަން އުނދަގޫވާނެ. ގަސްތައް ބަހައްޓަވާތި، ގޮނޑުދޮށްތައް ބަހައްޓަވާތި، ފަރުތައް ހަލާކުކޮށްނުލައްވާތި. މި ގުދުރަތީ ރޭވުންތެރިކަމާއެކީގައި ތަރައްގީ ހޯދޭނެ. އެ ތަރައްގީއަށް އަޅުގަނޑުމެން މިސްރާބު ޖަހަންވީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ހަތް މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮއްވައި (ކާޑެއްދޫ އެއާޕޯޓު) ބިން ހިއްކައިގެން ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމާ އެ މަނިކުފާނު ދެކޮޅު ކަމަށާއި އަވަހަށް ތަރައްގީކޮށް ނިންމަންވީ އެ އެއާޕޯޓު (ކާޑެއްދޫ އެއާޕޯޓު) ކަމަށެވެ.