އިންޑިއާގެ މަޝްހޫރު ފިލްމު އުފައްދާ ފަރާތް، ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރާ "މަދޫބާލާ" ބަޔޮޕިކްގެ ޝޫޓިން އަންނަ ސެޕްޓެންބަރު މަހު ފަށަން ތައްޔާރުވެއްޖެ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

'މިޑް-ޑޭ' އާ ހަވާލާދީ ގިނަ މީޑިއާތަކުން މި ހަބަރު ގެނެސްދީފައިވީ ނަމަވެސް، ބަންސާލީ ޕްރޮޑަކްޝަންސް ނުވަތަ ފިލްމުގެ ތަރިންގެ ފަރާތުން އަދި މިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، މި ފިލްމުގައި ކުރީގެ މަޝްހޫރު ބަތަލާ މަދޫބާލާގެ ރޯލު ކުޅޭނީ ފަހުގެ ފިލްމު "ދުރަންދަރް" އިން ފެނިގެންދިޔަ ސާރާ އަރްޖުންއެވެ. މި ފިލްމު ޑައިރެކްޓުކުރާނީ ޖަސްމީތު ކޭ ރީންއެވެ.

ބަންސާލީ މިހާރު މަސައްކަތްކުރަމުން އަންނަނީ ރަންބީރް ކަޕޫރާއި، އާލިއާ ބަޓް އަދި ވިކީ ކޯޝަލް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ލަވް އެންޑް ވޯ" ގައެވެ. 'މިޑް-ޑޭ' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޮގަސްޓު މަހުގެ ނިޔަލަށް އެ ފިލްމުގެ ޝޫޓިން ނިންމުމަށްފަހު، މުމްބާއީގެ ރޯޔަލް ޕާމްސްގައި ހަދާފައިވާ ސެޓުތަކަށް ބަދަލުގެނެސް، ސެޕްޓެންބަރު މަހު މަދޫބާލާ ބަޔޮޕިކްގެ މަސައްކަތް ފަށާނެއެވެ.

މި ފިލްމަކީ ކުރިން ފައިސާގެ ދަތިތަކާ ހުރެ މަޑުޖެހިފައި އޮތް ޕްރޮޖެކްޓެއް ކަމަށާއި، މަސައްކަތް އަލުން ފެށުނީ ބަންސާލީ ޕްރޮޑިއުސަރެއްގެ ގޮތުގައި ގުޅުމުން ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

މަދޫބާލާ އަކީ 1950 ގެ އަހަރުތަކުގައި ހިންދީ ސިނަމާގައި އެންމެ ކާމިޔާބު އެއް ބަތަލާއެވެ. އޭނާގެ ހަޔާތުގެ މައްޗަށް އުފައްދާ މި ފިލްމުގައި، އޭނާގެ ކާމިޔާބީތަކާއި އަމިއްލަ ދިރިއުޅުމުގައި ދިމާވި ގޮންޖެހުންތައް ދައްކުވައިދޭނެ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ފިލްމަށް ސާރާ އަރްޖުން މިހާރު ތައްޔާރުވަމުން އަންނަ ކަމަށް އިންޑަސްޓްރީގެ މަސްދަރުތަކާ ހަވާލާދީ މީޑިއާތަކުން ބުނެއެވެ. ނަމަވެސް ފިލްމާ ގުޅޭ ގޮތުން ރަސްމީ ފަރާތްތަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.