ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރާ އާ ފިލްމެއްގައި ހަރަކާތްތެރިވުމަށް، ކަރީނާ ކަޕޫރާއި ދަނޫޝްއާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު އެސް މިތުރަން ބުނެފިއެވެ.

މިތުރަންގެ ކުރިއަށް އޮތް ފިލްމު "ސަރްދާރް 2" ޕްރޮމޯޓުކުރުމުގެ ތެރެއިން 'ސިނަމާ ވިކަޓަން' އަށް ދިން އިންޓަވިއުއެއްގައި ބުނީ، ފިލްމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ.

“މަޝްވަރާތައް ދަނީ ކުރިއަށް. މިހާރު މި ބަލަނީ ތާރީހުތައް ހަމަޖެއްސުމުގެ ކަންކަން. އުންމީދަކީ މިކަމުން ރަނގަޅު ނަތީޖާއެއް ނުކުތުން،” މިތުރަންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، މިއީ ޖަންގަލީގެ މައްޗަށް ބިނާކޮށް ހަދާ ބޮޑު ބަޖެޓެއްގެ 'މިތޮލޮޖިކަލް' ފިލްމެކެވެ.

'ބޮލީވުޑް ހަންގާމާ' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި މި އަހަރުގެ ނޮވެންބަރު މަހު ޕްރީ-ޕްރޮޑަކްޝަން ފަށައި، 2027 ވަނަ އަހަރުގެ ޖެނުއަރީ މަހު ޝޫޓިން ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

މި ފިލްމު ރަސްމީކޮށް އިއުލާންކޮށްފި ނަމަ، މިއީ ކަރީނާއާއި ދަނޫޝް އެކުގައި ފެންނާނެ ފުރަތަމަ ފިލްމެވެ. އަދި މިއީ 2000 ގެ އަހަރުތަކުގެ ކުރީކޮޅު "ދޭވްދާސް" ފިލްމާ ގުޅިގެން ބަންސާލީއާއި ކަރީނާއާ ދެމެދު އުފެދުނު މައްސަލަތަކަށް ފަހު، އެ ދެ މީހުން އެކުގައި މަސައްކަތްކުރާނެ ފުރަތަމަ ފަހަރު ވެސް މެއެވެ.

"ދޭވްދާސް" ގެ ލީޑު ރޯލަށް ކަރީނާ ސްކްރީން ޓެސްޓު ކުރުމަށް ފަހު، އެ ރޯލު އައިޝްވާރްޔާ ރާއީއަށް ދިނުމުން ކަރީނާ ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މި ފިލްމުގެ ކާސްޓިންއާ ގުޅޭގޮތުން ކަރީނާ އަދި ދަނޫޝްގެ ފަރާތުން ވެސް މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.