ނުވަ އަހަރަށްފަހު އިނގިރޭސި ފުރަތަމަ ޑިވިޝަނަށް އެނބުރި އައި ހަލް ސިޓީން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.
މައިކަލް ކެރިކް، ދާއިމީކޮށް ޔުނައިޓެޑް ކޯޗުކަމާ ހަވާލުވުމަށްފަހު އެ ކްލަބަށް ކުރެވޭ އުންމީދުތައް މަތިކޮށް ހުރި ނަމަވެސް، މިރޭ ރަށުން ބޭރުގައި ލީގު ފެށީ 2-0 އިން ބަލިވެގެންނެވެ. މިރޭގެ މެޗަކީ 2016-17 ވަނަ އަހަރުގެ ސީޒަނަށްފަހު ހަލް ސިޓީން ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.
މުޅި މެޗުގައި ހަލްއިން ބޮޑަށް ނުރައްކާ ކުރަމުން ދިޔަ އިރު، ފުރަތަމަ ކޮޅުގައި ލެވީ ކޮއިލް ނަގައިދިން ނުރައްކާތެރި ހުރަސް އޮލީ މެކްބާނީއަށް ލިބެން ދަނިކޮށް ދިފާއުކުރީ ނުސައިރު މަޒްރޫއީއެވެ. އޭގެފަހުން މެކްބާނީ ފޮނުވާލި ހަމަލާ މަތަކުރީ ޔުނައިޓެޑްގެ ކީޕަރު ސެނޭ ލަމެންސްއެވެ.
އޭގެ އިރުކޮޅެއް ފަހުން ޔުނައިޓެޑްގެ ބްރައިން އެމްބުއޭމޯގެ ހަމަލާއެއް ފެނުނު ނަމަވެސް، އެ ހަމަލާ ހަލްގެ ކީޕަރު ކޮންސްޓަންޓީނޯސް ޒޮލާކީ ވަނީ ކުޅަދާނަކަމާއެކު މަތަކޮށްފައެވެ.
މެޗުގެ 15 ވަނަ މިނެޓުގައި ރަޔަން ގައިލްސްގެ ހުރަހުގައިވެސް މެކްބާނީ ފޮނުވާލި ހަމަލާ ލަމެންސް މަތަކުރި ނަމަވެސް، އެ ހަމަލާގައި ލިބުނު ކޯނަރުން ހަލް ލީޑު ނެގިއެވެ. އެގޯލް ޖެހީ ސެމީ އަޖާޔާއެވެ.
އޭގެފަހުން ޔުނައިޓެޑުން އެއްވަރުކުރެވޭތޯ ކުރި މަސައްކަތް ކާމިޔާބުނުވެ، މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަލްއިން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކުރިއެވެ. އެއީ ނޯބެލް މެންޑީ ހިލޭ ޖެހުމަކުން ކާމިޔާބު ގޯލެކެވެ.
ދެވަނަ ހާފުގައި ޔުނައިޓެޑުން މާކަސް ރަޝްފޯޑުގެ ބޭނުންކޮށް ނުރައްކާ ކުރި އިރު، މިރޭގެ މެޗަކީ 2024 ވަނަ އަހަރު ފަހުން އޭނާ ޔުނައިޓެޑަށް ކުޅުނު ފުރަތަމަ މެޗެވެ. ރަޝްފޯޑު މިދިޔަ ސީޒަން ހޭދަކުރީ ބާސެލޯނާގައެވެ.
ޔުނައިޓެޑް ދެވަނަ ހާފުގައިވެސް ހާސްކަން ބޮޑުކޮށް ފެނުނު އިރު، މުހައްމަދު ބެލޫމީއާއި ކޯޑީ ޑްރާމޭގެ ހަމަލާތަކުން ނުރައްކާކުރިއެވެ.
އިނގިރޭސި ދެވަނަ ޑިވިޝަނުގައި ހަވަނައިގައި މިދިޔަ ސީޒަން ނިންމާލި ހަލްއިން ޕްލޭ އޮފް ކާމިޔާބުކޮށް ކޮލިފައިވި އިރު، އެޓީމަކީ 2010 ވަނަ އަހަރު ބްލެކްޕޫލަށްފަހު ތާވަލުގެ ހަވަނައިގައި އޮވެ ކޮލިފިކޭޝަން ހޯދި ފުރަތަމަ ޓީމެވެ. އެޓީމުގެ ފެށުން ފެނުނީ ރަނގަޅަށެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
ކޮމެންޓް