ބޭރު ފައިސާ ވިއްކުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާބެހޭ ބިލަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނިކޮށް، ބޭރު ފައިސާ މާރުކުރާ ބައެއް ތަންތަނުން، އާންމުންގެ އަތުން ޑޮލަރު ގަންނަ ރޭޓު ބޭންކު ރޭޓު ކަމަށްވާ 15.42 އަށް ވުރެވެސް ދަށްކޮށްފިއެވެ.
"ވަން" ގެ ނޫސްވެރިން މިއަދު ވަނީ މާލޭގައި ޑޮލަރު މާރުކުރާ ބައެއް ތަންތަނަށް ގޮސް ޑޮލަރު މާރުކުރާ އަގުތައް ސާފުކޮށްފައެވެ. އެގޮތުން ދެ ތަނަކުން 15.30 ރުފިޔާއަށް ޑޮލަރު މާރުކުރާ އިރު، ދެން ހުރި ތަނުން ޑޮލަރު މާރުކުރަނީ 15.40 ރުފިޔާއަށެވެ.
އެ ތިން ތަނުންވެސް މިއަދު ފައިސާއަށް ޑޮލަރެއް ނުވިއްކައެވެ. ސަބަބެއް ސާފުކުރަން އެ ތަނުގެ ކައުންޓަރުގައި އިން މީހާ ކައިރީ އެހުމުން ވަކި ޖަވާބެއް ނުދީ ބުނީ "މިހާރު ހަމައެކަނި ޑޮލަރު މާރުކުރަނީ" ކަމަށެވެ.
"ވަން" ގެ ނޫސްވެރިން ވަނީ މިއަދު ބައެއް ޓެލެގްރާމް ގްރޫޕްތަކުގައިވެސް ޑޮލަރު މާރުކުރާ އަގުތައް ބަލައިފައެވެ. އެގޮތުން ދެ ޓެލެގްރާމް ގްރޫޕަކުން ޑޮލަރު އަދިވެސް ވިއްކަނީ ބޭންކު ރޭޓަށް ވުރެ މާ ބޮޑަށް މަތިންނެވެ.
އެމްއެމްއޭ އިން ކަނޑައަޅައި އާންމު ކުރާ ރަސްމީ ރޭޓަށްވުރެ އަގުބޮޑުކޮށް ޑޮލަރު ވިއްކައި އިޝްތިހާރު ކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅައިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
އެ އިސްލާހުގައި ބޭރު ފައިސާ ގަނެ ވިއްކުމުގައި އަމަލުކުރާނެ ހާއްސަ އުސޫލުތައް ކަނޑައެޅުމަށް ވަނީ ހިމަނައިފައެވެ. އަދި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްތައް ކުރަންވާނީ އެމްއެމްއޭއިން ކަނޑައަޅައި އާންމު ކޮށްފައިވާ ރޭޓް، ނުވަތަ ބޭންޑްތަކަށްވުރެ މަތިނުވާ ގޮތެއްގެ މަތީން ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
އެމްއެމްއޭއިން ކަނޑައަޅާ ރޭޓަށް ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން، އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ބޭރު ފައިސާ ވިއްކުމަކީ ނުވަތަ ވިއްކަން މަސައްކަތް ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅަންވެސް ބިލަށް ވަނީ އާ މާއްދާއެއް އިތުރު ކޮށްފައެވެ. އެ ކުށުގެ އަދަބަކީ 25،000 ރުފިޔާ އާއި އެއްމިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ކަަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
މީގެ އިތުރުން އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާ ހިލާފަށް ބޭރު ފައިސާ އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ކުށެއް ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން އެއްވެސް ފަރާތަކުން ބޭރު ފައިސާ ގަނެ ވިއްކުމަށް އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅާ އާއްމުކޮށްފައިވާ ރޭޓް، ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑްގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއް އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ކުށެކެވެ.
ރަސްމީ ރޭޓް، ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ، ބޭންޑުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް، ނުވަތަ އަގެއްގައި ބޭރުފައިސާ ގަނެ ވިއްކުން އިޝްތިހާރު ކުރުމަށްޓަކައި، ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި، ނުވަތަ އެކަން ފެތުރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތަކުން، ނުވަތަ ޕްލެޓްފޯމަކުން ނުވަތަ، އެނޫންވެސް ގޮތަކުން އާއްމުކޮށް އެނގޭނެހެން އެ މައުލޫމާތު ހާމަ ކުރުމާއި ޝާއިއު ކުރުމާއި ފެތުރުމާއި ތަކުރާރު ކުރުމާއި ފޯރުކޮށްދިނުންވެސް ވަނީ މަނާކޮށްފައެވެ. އެ ކުށުގެ އަދަބަކީ 25،000 ރުފިޔާ އައި 500000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިނަމާކުރުން ކަމަށްވެސް ވަނީ ހިމަނައިފައެވެ.
މި ގާނޫނުގައި މަނާކަމެއްކަމަށް ކަނޑައަޅާފައިވާ ކަންކަމަށް އަޅާ އިދާރީ ފިޔަވަޅުގެ އިތުރުން އެ ފަރާތަކާމެދު ޖިނާއީ ދައުވާ ކުރެވޭނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ. ކުށް ކޮށްފައިވަނީ ގާނޫނީ ޝަހުސެއް، ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއަކުން ނަމަ އެފަރާތެއް 100000 ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަންވެސް ވަނީ ހިމަނައިފައެވެ.
ޔޫއެސް ޑޮލަރު
ޔޫއެސް ޑޮލަރު
ޔޫއެސް ޑޮލަރު
ކޮމެންޓް